ނަޝީދުގެ ބަރުލަމާނީގެ ބޮޑު ހުވަފެން! ތާއީދަކާ ނުލާ، ގިނިކަންޏާ ކުރައްވާ ދަތުރެއް!

ނަޝީދުގެ ބަރުލަމާނީގެ ބޮޑު ހުވަފެން! ތާއީދަކާ ނުލާ، ގިނިކަންޏާ ކުރައްވާ ދަތުރެއް!

Author
ހުސެއިން
16 އޮގަސްޓް 2022 09:17
0

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް އެމްޑީޕީގެ ރައީސް މުހައްމަދު މިދައުރުގައި އެންމެ ފުރަތަމަ ވަކާލާތު ކުރައްވަން ފައްޓަވާފައިވަނީ ރައީސް ސާލިހުގެ ވެރިކަމުގެ ދައުރު ދެބައިވުމާއި ހަމައަށް ދަތުރު ކޮށްފައި ވަނިކޮށެވެ. އަދި އެއީ ނަޝިދާއި ރައީސް ސާލިހާ ދެބޭފުޅުންގެ މެދުގައި އޮތް ސިޔާސީ ޚިޔާލު ތަފާތުވުންތައްވެސް އެންމެ ފުރަތަމަ އާންމުނާއި ހަމައަށް ތިލަވެގެން އައި ހިސާބުވެސް މެއެވެ.

އެހެންނަމަވެސް ނަޝީދަކީ، 2008 ވަނަ އަހަރު ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް އާންމު ރައްޔިތުންގެ ވޯޓަކުން ނިންމިގެން ދިޔައިރު، ބަރުމަލާނީ ނިޒާމަކަށް އޭރު ތާއީދު ކުރެއްވި ބޭފުޅެއްކަންވެސް މި ފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.

އެފަހަރު ނެގުނު އާންމު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި އެމްޑީޕީގެ ބަލިވެ، ރައްޔިތުންގެ ބޮޑު ތާއީދަކުން ނިންމާފައިވަނީ ރައްޔިތުންގެ މެދުގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމު ކަމުގައެވެ. އެހާތަނުން ރިޔާސީ ނިޒާމުގެ އޮނިގަޑުގެ މައްޗަށް ގާނޫނު އަސާސީ ބައްޓަން ކުރެވި، ގާނޫނުތައް އެ ބީދައިން އެކަށައަޅާ، ވެރިކަމުގެ މުޅި ނިޒާމު ރިޔާސީ ނިޒާމުގެ މައްޗަށް ބައްޓަން ކޮށް، މިނިޒާމުގެ ތަޖުރިބާ ރައްޔިތުން ކުރަމުންދާތާ 14 އަހަރު ފާއިތުވެގެން ދިޔައީއެވެ.

މި ބަދަލުތަކާއެކު ގާނޫނު އަސާސީއަށް އަމަލު ކުރަންމުންދާތާ އެންމެ 14 ވަރަކަށް ފާއިތުވެގެން ދިއުމަށްފަހު، މިއަދު ބަރުލަމާނީ ނިޒާމެއް ގެނައުމަށް ވާކާލާތު ކުރައްވަމުން ގެންދަވާ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ވެސް، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ ފުރުސަތު، އަމިއްލަފުޅު ވެރިކަމުގައިވަނީ ލިބިގެން ގޮސްފައެވެ.

މީގެ 14 އަހަރު ކުރިން ރައްޔިތުންވަނީ އާންމު ފެންނަ ނުފެންނަ ވޯޓަކުން ރިޔާސީ ނިޒާމު އިޚްތިޔާރު ކޮށްފަ

އެހެންނަމަވެސް ވެރިކަމުގެ ބާރުތައް އަމިއްލަފުޅު މުށުތެރެއަށް އައުމުންވެސް ނިޒާމު ބަދަލު ކުރެއްވުމަށް ބޭނުންފުޅު ނުވެ، އޭގެ 13 އަހަރުފަހުން، ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް މިއަދު ނަޝީދު މަރުފަލި ޖައްސަވަމުން ގެންދަވާ ގެންދެވުން ގިނަ ބަޔަކު ސިފަ ކުރަމުންދަނީ، ވެރިކަމަށް ވަޑައިގެންނެވޭނެ އެހެން އެއްވެސް މަގެއް ފެނިވަޑައި ނުގެން، ހަމަ އެކަނި ވެރިކަން ހޯއްދެވުމަށް ބޭނުމުގައި ކުރައްވާ މަސައްކަތެއްގެ ގޮތުގައެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން، ފާއިތުވެދިޔަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި، ބަރުލަމާނީ ނިޒާމަކަށް ސިޔާސީ ފަރާތްތަކާއި އާންމު ރައްޔިތުންގެ ތާއީދު ހޯއްދެވުމަށް ނަޝީދު އެކި ގޮތްގޮތުން ކުރައްވާފައިވާ މަސައްކަތަކަށް އެކަށީގެންވާ ތާއީދެއް މިހާތަނަށް ލިބިގެން ގޮސްފައެއް ނުވެއެވެ.

އެއްފަހަރެއްގައި ޕެޓިޝަނެއް ތައްޔާރު ކުރައްވައިގެން، މި ނިޒާމަށް އާންމުންގެ ތާއީދު އޮތް މިންވަރު ސާބިތު ކޮށްދިނުމަށް ޕެޓިޝަނުގައި ސޮއި ކުރުމުގެ މަސައްކަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށް ގެންދަވާފައިވެސް ވެއެވެ. އެހެންނަމަވެސް އެހަރަކާތަށް ފަހުން ވީގޮތެއް އެގޭކަށް ނެތެވެ.

 

ބަރުލަމާނީ ގަރާރު މަޖިލީހަށް! ރައީސް ސާލިހުގެ ތާއީދެއް ނެތް!

ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުުރުމަށް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން އެންމެ ފަހުން ކުރެއްވި މަސައްކަތެއްގެ ގޮތުގައި ފެނިގެން ގޮސްފައިވަނީ ބަރުލަމާނީގެ ގަރާރު، ކުރިޔަށް އޮތް އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅުއްވި ހުށަހެޅުއްވުމެވެ.

މިގަރާރުގައި ނަޝީދު ހިމަނުއްވާފައިވަނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އެމްޑީޕީގެ ކޮމްގްރެސް އިގުރާރު ވުމަށެވެ.

އަދި މިގޮތަށް އެމްޑީޕީގެ ކޮންގަރެސްއިން ފާސް ވެއްޖެނަމަ، ރައްޔިތުންގެ މަޖިލިހުގެ އަދަދު 87 މެމްބަރުންނަށްވުރެ އިތުރު ނުކުރުމަށާއި އޭގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް ހަމަޖެއްސުމަށް ގާނޫނޫނު އަސާސީއަށް ބަދަލު ގެނައުމަށް އިގުރާރުވުންވެސް މި ގަރާރުގައި ހިމަނުއްވާފައި ވެއެވެ.

އެއަށްފަހު އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި، ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރު ސަރުކާރު ހިންގައި، ރައީސުލްޖުމްހޫރިއްޔާ ދައުލަތުގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި ހުންނެވުމަށް ނަޝީދު ބޭނުންފުޅުވާ އިސްލާހު ވަނީ އާންމު ކުރައްވާފައެވެ.

ނަޝީދު އާންމު ކުރެއްވި އިސްލާހުގައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވާ ބޭފުޅަކަށް ލިބިވަޑައިގަންނަވާނެ ބާރުތައް ތަފްސީލްކޮށް ދެއްވާފައެވެ. އެގޮތުން ރައީސްއަށް ލިބިވަޑައިގަންނަވާ ބާރުތަކުގެ ތެރޭގައި މިނިވަން މުއައްސަސާތަކަށް ބޭފުޅުން އައްޔަން ކުރެއްވުމާއި، އަސްކަރިއްޔާގެ އެންމެ އިސްވެރިޔާގެ މަޤާމު ރައީސްއަށް ދެއްވުން ހިމެނެއެވެ.

ބަރުލަމާނީ ޕެޓިޝަންގައި ސޮއިކުރުމަށް ނަޝީދަށް ޓާއީދުކުރާ ފަރާތްތަކުން ބޭއްވިގެންދިޔަ އެއްވުމެއްގެ ތެރެއިން

އެހެންނަމަވެސް، ކުރިޔަށް އޮތް އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅުމަށް ނަޝީދު ތައްޔާރު ކޮށްފައިވާ މިގަރާރާއި ގުޅޭގުން ރައީސް ސާލިހުގެ ވިސްނުން މިހާތަނަށް ހާމަ ކުރައްވާފައި ނުވިނަމަވެސް، މިހާރު އަމަލު ކުރަމުންދާ ރިޔާސީ ނިޒާމު ދޫކޮށް ބަރުލަމާނީ ނިޒާމަކަށް ދަތުރު ކުރުމަށް ތާއީދު ނުކުރައްވާކަން މީގެ ކުރިން ރައީސް ސާލިހުވަނީ އެކި ގޮތް ގޮތުން ހާމަ ކުރައްވާފައެވެ.

ހަމަ އެއާއެކު، ކުރިޔަށް އޮތް ކޮންގްރެސްއަށް ހުށަހެޅުމަށް ނަޝީދު ތައްޔާރު ކުރައްވާފައިވާ ބަރުލަމާނީ ގަރާރުގެ ތަފްސީލުތައް އިއްޔެ ހާމަ ކުރެއްވުމާއެކު ރައީސް ސާލިހުގެ ކެބިނެޓްގެ ވަޒީރުން ގެންދަވަނީ، ނަޝީދުގެ ވިސްނުމަށް ތާއީދު ނުކުރައްވާކަން ހާމަ ކުރައްވަމުންނެވެ.

މިގޮތުން، ސަރުކާރުގެ ކެބިނެޓްގެ އިކޮނޮމިކް މިނިސްޓަރުވަނީ، ބަރުލަމާނީ ނިޒާމަކަށް އެއްވެސް އިރަކު ތާއީދު ނުކުރައްވާ ކަމާއި، އަދި ކުރިޔަށް އޮތް ތަނުގައިވެސް ތާއީދު ކުރައްވާނީ ރިޔާސީ ނިޒާމު މިހާރުވެސް އޮތްގޮތަށް ބޭއްވުމަށް ކަމުގައި ހާމަކުރައްވާ ނަޝީދަށް ރައްދު ދެއްވާފައެވެ.

އޭގެ އިތުރުން، އަދާލަތު ޕާޓީގެ ރައީސް އަދި، ހޯމް މިނިސްޓަރު ޝޭއިޚް އިމްރާން ވިދާޅުވެފައިވަނީ، ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެނެސްފިނަމަ، ރައްޔިތުން ހާލުގައި ޖެހުން ނޫން އެހެން މޮޅެއް އެއިން ނުނިކުންނާނެ ކަމުގައެވެ.

 

ތާއީދެއް ނެތި، ގިނި ކަންޏާ ކުރައްވާ ދަތުރެއް!

ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަލަށް ބަދަލުކޮށް، ދައުލަތުގެ އޮޑި އެމަގަށް ހޭރިޔާ ކުރުމަށް އެތައް ބައެއްގެ ހަކަތައާއި، ސިޔާސީ ގޮތުންވެސް އެއްބާރުލުން އިންތިހާއަށް ބޭނުންވާނޭ ކަމީ ގަބޫލުކުރަންޖޭ ވަރަށް ބޮޑު ހަގީގަތެކެވެ. ސަބަބަކީ ވެރިކަމުގެ ނިޒާމަށް މި ބޮޑު ބަދަލު ގެނައުމަށް ކުރާންޖެހޭ މަސައްކަތުގެ ބުރަކަމާއި ބޮޑު ކަމެވެ.

ގާނޫނު އަސާސީއަށް ގެންނާން ޖެހޭ އިސްލާހުތަކުގެ ގިނަކަމާއި، އަދި އާންމުންގެ ފެންނަ ނުފެންނަ ވޯޓަކަށްވެސް ދާންޖެހޭ ޖެހުމުގެ ނަތީޖާއެއްގެ ގޮތުންވެސް މެއެވެ.

އެހެންނަމަވެސް މިހާތަނަށް ފެންނާން އޮތް މަންޒަރަކީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތުގައި، ގިނަކަންޏާ މަރުފަލި ޖައްސަވަމުން ގެންދަވާ މަންޒަރެވެ.

ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ އެމްޑިޕީގެ ބައެއް މަޖިލިސް މެމްބަރުން

ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކުންވެސް ނިޒާމު ބަދަލު ކުރުމާ ފާޅުގައި ދެކޮޅު ހަދައެވެ. ނަޝީދު ފިޔަވާ އެހެން ހުރިހާ ސިޔާސީ ލީޑަރުންވެސް ތިއްބެވީ ނިޒާމު ބަދަލު ކުރުމާއި ފާޅުގައި ދެކޮޅު ހައްދަވައިގެންނެވެ. މަޖިލީހުގައިވެސް ނިޒާމް ބަދަލު ކުރުމުގެ ވިސްނުމަށް ބޮޑު ތާއީދެއް ނެތެވެ. ޚުދު އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުވެސް ވަނީ މި ވިސްނުމުގައި ދެ ފެކްޝަނަކަށް ބެހިފައެވެ.

އެހެންކަމުން ހުރިހާ ގޮތަކުން ބެލި ކަމުގައިވި ނަމަވެސް، ވެރިކަމުގެ ނިޒާމު ބަދަކުކޮށް، ނަޝީދު ބޮޑުވަޒީރަކަށް ހުންނަވައިގެން ވެރިކަން ކުރެއްވުމަށް ދެކެވަޑައި ގަންނަވަމުން ގެންދަވާ ހުވަފެނުގައި ކުލަ ޖެހިގެންދާ މަންޒަރު އަދި ފެނިގެނެއް ނުދެއެވެ. އޭގެ ބަދަލުގައި ފެންނަމުންދަނީ، މި މަސައްކަތުގައި ޚުދު ނަޝީދަށްވެސް އެއްވާނެއްގައި ހިފައްހަޓާ ނުލެއްވިގެން އުޅުއްވާ މަންޒަރެވެ.

އެއްފަހަރު އާންމުންގެ ފެންނަ ނުފެންނަ ވޯޓަކަށްވެސް ނުގޮން މަޖިލިހުގަ އޮތް ސުޕަރ މެޖޯރިޓީގެ ބޭނުން ކުރައްވައިގެން ނިޒާމް ބަދަލު ކުމުގެ ވިސްނުން ގެންގުޅުއްވާފައި ވެއެވެ. އެއަށްފަހު އެއަށްފަހު ދެން ދައްކަވާމުން ގެންދަވާފައިވަނީ ނިޒާމު ބަދަލު ކުރުމަށް އާންމުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ ވާހަކައެވެ. އޭގެ ފަހުން، ޕެޓީޝަނެއް ތައްޔާރު ކުރައްވައިގެން، ނިޒާމު ބަދަލު ކުުރުމަށް އާންމުންގެ ތާޢީދު އޮތް މިންވަރު ސާބިތު ކޮށްދިނުމުގެ މަސައްކަތް ކުރައްވާފައި ވެއެވެ.

އެއަށްފަހު، ބަރުލަމާނީ ވިސްނުމުގެ އުއްމީދު ފަނޑުވެ، ނަޝީދު އަމިއްލަފުޅަށް ކޮރަޕްޝަނާއި އެނޫންވެސް އެތައް ތުހުމަތެއް ކުރަމުން އައި، އިކޮނިމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ ތާއީދު ބޭނުންވާކަމަށް މިހާރު ގެންދަވަނީ ވިދާޅުވަމުންނެވެ.

އެހެންނަމަވެސް، މިހުރިހާ ވިސްނުމަކާއެކުވެސް، އަދި ފެންނާން އޮތް މަންޒަރަކީ ބަރުލަމާނީގެ ވިސްނުމުގެ އޮޑިއަށް އެރުމަށް ގިނަބަޔަކު ޖެހިލުންވެ، ފަސް ޖެހޭތަނެވެ. ނުވަތަ އެގޮތް ބޭނުން  ނުވާ މަންޒަރެވެ. ކޮންމެއަކަސް މިމަހުގެ 19ވަނަ ދުވަހު ބޭއްވިގެންދާ އެމްޑީޕީގެ ކޮންގްރެސްއިން ނަޝީދުގެ މި ބޮޑު ހުވަފެނުގައި ފަހު ސިއްކަ ޖެހިގެން ދާނެއެވެ. އެއީ ކާމީޔާބީގެ ސިއްކަތޯ ނުވަތަ ނާކާމިޔާބީގެ ސިއްކަތޯ މިއީ އަދި ކުރާން އޮތް ދެތިން ދުވަހުގެ އިންތިޒާރެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަލީރަޝީދު
މީހަކު ކަމަކާއިމެދު މިނަށްވުރެ މައްޗަށް ދަހިވެތި ވީމަ ވާނެ ގޮތް ތިވާނީ ކީއްކުރަން އެހާ ވަރަކުން ތި އުޅެނީ ގޮނޑިއަށް އަރާފަ އަމިއްލައަކަށް ދޫކޮއްލި މީހަކަށް ދެވަނަ ފަހަރަކު އެފުރުސަތެއް ނުލިބޭނެ
ބ ބޮޑުބެ
އަސްލު ވެރިކަން ކަމާ ރާބުއިމާ މިދެކަމަކީވެސް މަސްތުވާދެއެއްޗެއްކަން ޔަޤީންވެ 2މަސްތު 1މަސްތަށްވީމަ މުޅިން ވެސް ކުރެވޭނީ ހަމަނުޖެހޭ ކަން ކަން!