ހޯރަފުށީ އެއާރޕޯޓް ރަސްމީކޮށް ހުޅުވުމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާ އެރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ދަތުރު މާދަމައަށް ފަސް ކުރައްވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވެ ޔެލޯ އެލާޓް ނެރެފައިވާތީ، މިއަދު ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު މާދަމަައށް ފަސްކުރައްވާފައި ވާކަމަށެވެ. ހއ.ހޯރަފުށީ ގައި ގާއިމްކޮށްފައިވާ އެއާރޕޯޓަށް ޓެސްޓް ފްލައިޓް ޖައްސާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގައެވެ.
ހޯރަފުށީ އެއަރޕޯޓް ތަރައްގީކުރި ހޯރަފުށީގެ ފަޅުން ބައެއް ހިއްކައިގެންނެވެ. އެއަރޕޯޓު އަޅަން ބޭނުންވާ ބިމުގެ ސަރަހައްދު ހިއްކައި، ނިމުމުން އެތަނުގައި އެއަރޕޯޓު އެޅުމުގެ މަސައްކަތްވެސް ހަވާލުކުރީ އެމްޓީސީސީ އާއެވެ. މިއީ 1200 މީޓަރު ދިގު، 35 މީޓަރު ފުޅާ ރަންވޭއަކާ އެކު ތަރައްގީކުރި އެއަރޕޯޓެކެވެ. ގައުމީ އެއަރލައިން މޯލްޑިވިއަނުން ބުނީ މިއަދު ޓެސްޓު ފްލައިޓް ޖެއްސުމާއި އެކު، މާދަމާ އެއަރޕޯޓް ރަސްމީކޮށް ހުޅުވާ ޝެޑިއުލް ދަތުރުފެށޭނެކަމަށެވެ.
ޖުމްލަ 198 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 25 ގައެވެ. އަދި އެ މަސައްކަތް މިދިޔަ އަހަރު ފައްޓަވައި ދެއްވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހެވެ.
ކޮމެންޓު ފޮނުވާ