ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް ކޮވިޑް-19 އަށް ޕޮޒެޓިވްވެއްޖެއެވެ. ސުއަރޭޒް ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ އުރުގުއޭ ގަައުމީ ޓީމާއެކު ވޯލްޑް ކަޕް ކޮލިފިކޭޝަންގެ މެޗުތައް ކުޅުމަށް ގޮސް ހުއްޓައެވެ.
އުރުގުއާއިގެ ފުޓުބޯޅައިގެ މައި އިދާރާ އުރުގުއޭ ފުޓްބޯލް އެސޯސިއޭޝަން (ޔޫއެފްއޭ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގަވާއިދުން އެޓީމުގެ ކުޅުންތެރިން ކޮވިޑަށް ޓެސްޓުކުރަމުންދާ ކަމަށާއި އެންމެ ފަހުގެ ޓެސްޓުތަކުން ސުއަރޭޒްގެ އިތުރުން އެޓީމުގެ ގޯލްކީޕަރު ރޮޑްރިގޯ މުނިއޯސް އަދި އެޓީމުގެ އޮފިޝަލަކު ކޮވިޑަށް ޕޮޒެޓިވްވެފައި ކަމަށެވެ. ކޮވިޑަށް ފައްސިވި އެއްވެސް ކުޅުންތެރިއެއް އަދި އޮފިޝަލުގެ ހާލުވެސް ގޯސް ނޫންކަމަށާއި މި ތިން މެމްބަރުންވެސް މިހާރު އެކަހެރިކުރެވިފައިވާ ކަމަށެވެ. މިކަމާއި ގުޅިގެން މުޅި ޓީމު ކޮވިޑަށް ޓެސްޓުކުރިކަމާއި އިތުރު ކުޅުންތެރިއަކުވެސް އަދި އޮފިޝަލަކުވެސް ފައްސި ނުވާކަމަށްވެސް މިބަޔާނުގައި ބުނެފައިވެއެވެ.
ކޮވިޑަށް ފައްސިވުމާއި ގުޅިގެން ސުއަރޭޒްއަށް ގައުމީ ޓީމުގެ އިތުރުން އޭނާގެ ކްލަބް އެތްލެޓިކޯ މެޑްރިޑު ކުޅޭ މުހިންމު މެޗުތަކެއްގައިވެސް އޭނާއަށް ކުޅުމުގެ ފުރުސަތުވަނީ ގެއްލިފައެވެ. ވޯލްޑް ކަޕް ކޮލިފިކޭޝަނުގައި މާދަމާ ބްރެޒިލްއާއި ދެކޮޅަށް އުރުގުއޭ ކުޅޭ މެޗާއި ލަލީގާގައި އެތްލެޓިކޯ މެޑްރިޑުން ބާސާއާއި ދެކޮޅަށް ކުޅޭ މެޗުގައިވެސް ސުއަރޭޒްއަށް ނުކުޅެވޭނެއެވެ. މިއީ މިސީޒަނުގައި އެތްލެޓިކޯއަށް ސުއަރޭޒް ބަދަލުވިފަހުން ކުރީގެ ކްލަބާއި ދެކޮޅަށް އޭނާ ކުޅެން ހަމަޖެހިފައި އޮތް ފުރަތަމަ މެޗެވެ.