ކުލަގަދަ ރަސްމިއްޔާތަކުން އިނގިރޭސިވިލާތުގެ ބާމިންހަމުގައި ކުރިއަށްދާ ކޮމަންވެލްތު ގޭމްސް ރަސްމީކޮށް ފަށައިފިއެވެ.
ދުނިޔޭގެ 72 ގައުމަކުން ފަސް ހާހަށްވުރެ ގިނަ އެތުލެޓީން ބައިވެރިވާ މި ގޭމްސް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު ބުރާސްފަތި ދުވަހުގެރޭ ބޭއްވިއިރު، ގޭމްސް ރަސްމީކޮށް ހުޅުއްވައިދެއްވީ އިނގިރޭސި ރާނީގެ ދަރިކަލުން ޕްރިންސް ޗާލްސްއެވެ. މި ފަހަރުގެ ގޭމްސް ކުރިއަށްދާނީ އަންނަ އޯގަސްޓް މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށެވެ.
ބާމިންހަމުގެ އަލެކްސަންޑަ ސްޓޭޑިއަމުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ތިރީހަކަށް ހާސް މީހުން ވަނީ ބައިވެރިވެފައެވެ. މި ރަސްމިއްޔާތުގައި ދިވެހި ދިދަ އުފުލާލާފައިވަނީ ގައުމީ ބެޑްމިންޓަން ކުޅުންތެރިޔާ ޒަޔާން ޒަކީ އާއި ތަޖުރިބާކާރު ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ޖުމާނާ ނިމާލެވެ. މިއީ ޖުމާނާ ކޮމަންވެލްތު ގޭމްސްގައި ވާދަކުރާ ހަތަރު ވަނަ ފަހަރެވެ. އަދި ޒަޔާން ކޮމަންވެލްތު ގޭމްސްގައި ވާދަކުރުމުގެ ފުރުސަތު ހޯދި ތިން ވަނަ ފަހަރެވެ.
ކޮމަންވެލްތު ގޭމްސްގައި މި ފަހަރު ރާއްޖޭން ފަސް ކުޅިވަރެއްގައި ވާދަކުރާއިރު، އެ ކުޅިވަރުތަކަކީ ޓީޓީ، އެތުލެޓިކްސް، ފެތުން، ބީޗް ވޮލީބޯލް އަދި ބެޑްމިންޓަނެވެ. ކޮމަންވެލްތް ގޭމްސްގައި ރާއްޖޭގެ 46 އެތުލީޓުންނާއި އޮފިޝަލުން އަންނަނީ ބައިވެރިވަމުންނެވެ.
މި ފަހަރުގެ ގޭމްސްގައި ރާއްޖޭގެ ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނަރަށް ހަރަކާތްތެރިވަމުން އަންނަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) އެވެ.
ރާއްޖޭން ކޮމަންވެލްތު ގޭމްސްގައި މި ބައިވެރިވަނީ މެދުކެނޑުމަކަށް ފަހުއެވެ. އެންމެ ފަހުން ރާއްޖޭގެ ކުޅުންތެރިން ކޮމަންވެލްތު ގޭމްސްގައި ވާދަކުރީ 2014 ވަނަ އަހަރު ސްކޮޓްލަންޑުގެ ގްލާސްގޯގައި ބޭއްވި ގޭމްސްގައެވެ.
މީގެ ކުރިން ރާއްޖޭން ކޮމަންވެލްތް ގޭމްސްގައި 1986 ވަނަ އަހަރުން ފެށިގެން ބައިވެރިވަމުން އައި ނަމަވެސް، 2016 ގައި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ކޮމަންވެލްތުން ވަކިވާން ނިންމުމާއެކު، އެ ގޭމްސްގެ ފުރުސަތު ރާއްޖެއަށް ގެއްލުނެވެ. އެއާއެކު އެންމެ ފަހުން 2018 ވަނަ އަހަރު އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓުގައި ބޭއްވި ކޮމަންވެލްތު ގޭމްސްގައި ރާއްޖޭނެ ބައިވެރިވެފައެއް ނުވެއެވެ.
ކޮމަންވެލްތާ އަލުން ގުޅުމަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ އެއް ވައުދެވެ. އެއާއެކު ރާއްޖެއަށް ކޮމަންވެލްތު ގޭމްސްއިން އަލުން ފުރުސަތު ލިބުނުކަން އިއުލާނުކުރީ 2020 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ.