މިއަދު މަގުމައްޗަށް ނުކުތްއިރު، މާގަދައަށް ދިވެހި ދިދަތަކުން މަގުތައް ޒީނަތްތެރިކޮށް، މަގުތައް ބަންދުކޮށް ބެރިކޭޑް ޖަހައިގެން އުޅޭތީ، ވާނުވާ ބަލާލިއިރު މިއަދަކީ ރާއްޖޭގެ މިނިވަން ދުވަސްކަމުގައި ބަޔަކު ބުންޏަސް، އެކަމުގެ އެއްވެސް ހިތްހަމަޖެހުމެއް، އުފާވެރިކަމެއް ނުލިބުނެވެ. އެކަމަކުވެސް، މުސްތަފާބޭއާއެކު އޮތް ޒަމާންވީ ގުޅުން ކަނޑާނުލާންވެގެން، މިނިވަންދުވަހުގެ ތަހްނިޔާ މުސްތަފާބޭއަށް ފޮނުވަމެވެ.
މުސްތަފާބޭއެވެ. މިނިވަންކަމުގެ 57 އަހަރު ކަޑައްތު ކުރާއިރު، މީގެ ކުރިން، މިނިވަންދުވަހަށް ކުލަބޮކިލައި، ގިޑިގެ ހަދައި، ފާރުތަކުގައި ކުލަލައި، ކުޅިވަރުކުޅެ އަހަރުމެން އުޅުނީ ކޮންފަދަ އުފަލެއްގައިތޯއެވެ. އައު ހެދުންފަހައި، ރާގުރާގަށް ލަވަކިޔައި، އަވަށު ވާދައަށް ކަންކަން ކޮށްލާ އުޅުނު ދުވަސްތަކުގެ މަތިން މުސްތަފާބޭވެސް ހަނދާން ހުންނާނެއެވެ.
އެހެންނަމަވެސް، މިއަހަރު ޖުލައި 26 އައި އިރުވެސް އަޅުގަނޑުމެންނަށް ރޭކާވެސް ނުލީ ކޮންމެވެސް ސަބަބެއް އޮވެގެން ނޫންތޯއެވެ. އެކަމުގެ ޒިންމާ މުސްތަފާބޭގެ ކޮނޑުގައި އަޅުވަންޖެހޭ ހައިސިއްޔަތާއި، ގޮތާއި އަދި އޭގެ މިންވަރާއު ބުރަދަން ހިތްމައްޗަށް އަންނަ ކޮންމެ ފަހަރަކު މުސްތަފާބޭ ދެކެ އަހަރެންނަށް މިއާދެވެނީ އަމަށަކު ރުޅިއެއް ނޫނެވެ.
މުސްތަފާބޭއެވެ. މިއަދު ރާއްޖޭގައި އެއްވެސް މިންވަރެއްގެ މިނިވަންކަމެއް އެބައޮތްހެއްޔެވެ. ނުވަތަ އެފަދަ އިހްސާސެއް ވޭހެއްޔެވެ. ސަރުކާރުން ލިބެން އޮތް ބައި ކެނޑިދާނެތީ، މިނިވަންކަމެއް އެބައޮތޭ މުސްތަފާބޭ ބުންޏަސް، ހިތާހިތުން އެއްބަސްވާނީ، ގައުމުގެ މިނިވަންކަން ގެއްލި އަޅުވެތި ވެއްޖެކަމަށެވެ. މުސްތަފާބޭގެ ހިތުގެ އެމް.އާރު.އައި ސްކޭނެއް ހެދިޔަސް ފެންނާނީ ކައިރި ގައުމެއްގެ ދިދައެކެވެ. ނުވަތަ އެއިން ލީޑަރަކާއި ބަނޑު މުސާރައަށް ބައްދާލައިގެން ހުންނަ މަންޒަރެކެވެ. އެހާވަރަށް މުސްތަފާބޭވެސް ތިޔަ ހުންނަނީ ގައުމު މަގުމަތީ ބާޒާރުގައި، ކުޑަ އަގަކަށް ވިއްކާލައިގެން އެއިން ބައި އަޅައިގެންނެވެ. މުސްތަފާބޭގެ ޖީބު ބޮޑުކުރަންވީމާ، ގައުމެއް، ދަރިންގެ ދަރިންނެއްވެސް ނެތެވެ. އޮތީ، މުސްތަފާބޭ ޖީބާ އަމިއްލަ އެދުމެވެ.
މުސްތަފާބޭއެވެ. ހުޅުވިފައިވާ ދުނިޔެއެއްގައި، ގައުމުތަކާ ގުޅުން އުފައްދަންޖެހޭނެކަން އަހުރެންވެސް ގަބޫލު ކުރަމެވެ. މުސްތަފާބޭގެ ދަބަރު ބޯޓުވެސް ވިޔަފާރިއާ ދުއްވަންޖެހޭނެކަން އަހުރެންވެސް ގަބޫލުކުރަމެވެ. އެހެންނަމަވެސް، އެހެން ގައުމެއްގެ ބެރު ދުންމާރިއަށް މުސްތަފާބޭގެ ފައި ހަމަކޮށް، އެމީހުންގެ ރާގުތަކަށް ނަށަންފެށީމާ ކަމަކުނުދާނެއެވެ. ގައުމުގެ ދާޚިލީ ކަންތައްތަކަށް އެވެރިން ވައްދައި، ޖަހާނެ ސަކަރާތެއް ޖަހާއިރުވެސް އަޅާނުލާ ހުރުމަކީ، މުސްތަފާބޭކަހަލަ ފިރިހެނެއްގެ ސިފައެއްވެސް ނޫނެއް ނޫންހެއްޔެވެ.
މުސްތަފާބޭއެވެ. އިންސާނުންނަކީ، ކުށްކުރެވޭ ބައެކެވެ. އެ ކުށަށް ތައުބާވުމަކީވެސް އޮންނަ ކަމެއް ނޫންތޯއެވެ. މުސްތަފާބޭ 2018 ގައި ނިންމި ނިންމުން މުޅިން ގޯސްވީމާ، އެކަން ދެން ރަގަޅު ކަމަކަށް ހަދައިގެން ހުރުމަކީ ހެޔޮވާނެ ކަމެއް ނޫނެއްނޫންތޯއެވެ. މުސްތަފާބޭގެ މުދަލެއް ރޯމާ ދުވާލު ކޮށާލީމާވެސް މުސްތަފާބެއަށް ކޮށްލެވުނީ ޓްވީޓެކެވެ.
ދަރަންޏަށްނެގި ލާރިކޮޅު އަނބުރާ ނުދިނީމާވެސް ކޮށްލަންކެރެނީ ޓްވީޓެކެވެ. އެހެން ނުހައްދަވާށެވެ. ގައުމަށްޓަކައި ނުކުންނަވާށެވެ. މުސްތަފާބޭގެ އަޑަށް ލެވުނުބާރަށް ލައްވައި، ގައުމުގެ ހައްގުގައި ބަސް އިއްވާށެވެ. ތިޔަގޮތަށް، ހަތަރު އަނގޮޅި ކަންމައްޗެއްގައި، ބަސްހުއްޓިފައި ހުންނެވުމަކީ މުސްތަފާބޭއާ ވައްތަރު ކަމެއްވެސް ނޫނެވެ. އަނެއްކާ މުސްތަފާބޭވެސް ބިޒްނަސް މީޓިންއެއްގައި ބައިވެރިވީތޯއެވެ. މަޖްބޫރީ ކަމެއްގައި ބަސް ހުއްޓިފައި ހުރީތޯއެވެ.
މުސްތަފާބޭވެސް ބައިވެރިވި ސަރުކާރުން އެތަކެއް ފަހަރު މުސްތަފާބޭއަށް ދޯކާ ދޭއިރު، ބަސްހުއްޓިފައި ހުންނާނީ ކޮންމެވެސް ސަބަބެއް އޮވެގެންތާއެވެ. އެހެންނޫނީ މުސްތަފާބޭއަކީ ތިޔަފަދަ ބަސްމަދު ބޭފުޅެއް ނޫނިއްޔާއެވެ.
މުސްތަފާބޭއެވެ. މިނިވަން ދުވަސް އަޅުގަނޑުމެންނާ ބައްދަލުކުރާއިރު، ގައުމު އޮތް ހާލަތު މުސްތަފާބޭއަށް އިހްސާސް ކުރެވޭތޯއެވެ. މިނިވަން ދުވަސް ފާހަގަ ކުރުމަށް ޖަލްސާގަނޑެއްވެސް މުސްތަފާބޭގެ ސަރުކާރަށް ބާއްވާލަން ނުކެރުނެވެ. ރައްޔިތުން ތިބީ އަތާއި އަގަޔާ ދިމާވާ ހާލަތެއްގައެއް ނޫނެވެ. ސަރުކާރުގެ ބޮޑުންނާ ޒުވާނުން، ގިރިތަކަށް އަރައި، ބިޒުނަސް މީޓިންތައް ބާއްވާ ވަރުން ލަދުން ބޯ ހަލާކުވަނީއެވެ. މިފަދަ ހާލެއްގައިވެސް މުސްތަފާބޭ ތިޔަ ވިދާޅުވަނީ ވެރިކަމުގައި ތިބީ އެންމެ ގާބިލް މީހުން ކަމަށްތޯއެވެ. މިއީ ރަނެއް މަލެއްފަދަ ވެރިކަމެއް ކަމަށް ތޯއެވެ. މުސްތަފާބޭ އަނެއްކާ ހޭބުއްދިވެސް ފިލީތޯއެވެ.
މުސްތަފާބޭއެވެ. މުސްތަފާބޭއަކީވެސް ދެން މިހާރަކު ޒުވާނެއް ނޫނެވެ. މިއަދު މުސްތަފާބޭވެސް ޖެހެނީ ޒުވާނުންނަށް ނަމޫނާ ދައްކާ ލީޑަރަކަށް ވާކަށް ނޫންތޯއެވެ. ދިވެއްސަކަށްވީތީ އުފާވާން ޒުވާނުންނަށް ދަސްކޮށްދީ، މި ދިވެހި ފަސްގަނޑަށްޓަކައި ޖާނުން ގުރުބާންވާން ދަސްކޮށްދޭން ނޫންތޯއެވެ.
އެކަމަކު، މުސްތަފާބޭ ތިޔަ ދަސްކޮށްދެނީ މީގެ މުޅިން ދިމާ އިދިކޮޅެވެ. މިނިވަންދުވަހެއް، ހިޖްރީ އާ އަހަރެއް، ގައުމީ ދުވަހެއް މި ސަރުކާރުން ފާހަގައެއް ނުކުރެއެވެ. އޭގެ ބަދަލުގައި މުސްތަފާބޭވެސް ތިޔަ ތާޢީދުކުރަނީ ދިވެހި ވަންތަކަމާ ބީރައްޓެހި ކަންކަމައް ނޫންހެއްޔެވެ. މުސްތަފާބޭއަށް ތިޔަ ތަބާވެވެނީ އެހެން ދިމަދިމާލުން އަންނަ އޯޑަރުތަކަށް ނޫންހެއްޔެވެ.
މިއީ އަޅެފަހެދޮގެއްތޯއެވެ.
ކޮމެންޓު ފޮނުވާ