ނޭޝަންސް ލީގުގައި ބޮސްނިއާ އަތުން 3-1 އިން މޮޅުވެ ނެދަލެންޑްސް އިން މުބާރާތުގެ ފައިނަލުބުރަށް ދިޔުމުގެ އުންމީދުއާކޮށްފިއެވެ.
ނެދަލެންޑްސް ދަނޑުގައި ރޭ ބޮސްނިއާ ކޮޅަށް އެ ޓީމުގެ ގޯލުތައް ޖެހީ ޖިއޮޖީނިއޯ ވައިނަލްޑަމް ދެ ގޯލާއި މެމްފިސް ޑިޕާއި އެވެ. ބޮސްނިއާގެ ހަމައެކަނި ގޯލު ޖެހީ ސްމައިލް ޕްރެވެލްޔަކްއެވެ. ގްރޫޕް އޭ އިން ފައިނަލް ބުރުން ޖާގަ ހޯދުމުގެ ފުރުސަތު ތިން ޓީމަކަށް އެބައޮތެވެ. އެއީ ރޭ ޕޮލެންޑް އަތުން 2-0 އިން މޮޅުވެ މި ވަގުތު އެއް ވަނައިގައި އޮތް އިޓަލީ އާއި ބޮސްނިއާ އަތުން 3-1 އިން މޮޅުވެ ދެ ވަނައިގައި އޮތް ނެދަލެންޑްސްގެ އިތުރުން ތިން ވަނައިގައި އޮތް ޕޮލެންޑް އަށެވެ.
ކޮންމެ ޓީމެއް ފަސް މެޗު ކުޅެފައިވާއިރު، އިޓަލީ އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ނެދަލެންޑްސް އަށް އަށް ޕޮއިންޓް ލިބިފައިވާއިރު، ޕޮލެންޑް ތިން ވަނައިގައި އޮތީ ހަތް ޕޮއިންޓާ އެކު އެވެ. ފުލުގައި އޮތް ބޮސްނިއާ އަށް ވަނީ ދެ ޕޮއިންޓް ލިބިފަ އެވެ. ބުދަ ދުވަހުގެރޭ ކުޅޭ މި ގްރޫޕްގެ ފަހު މެޗުތަކުގައި ރަށުންބޭރުގައި އިޓަލީ ކުޅޭނީ ބޮސްނިއާ އެވެ. އަދި ޕޮލެންޑް އަމިއްލަ ދަނޑުގައި ނެދަލެންޑްސްއާ ބައްދަލުކުރާނެ އެވެ.
މިއީ ނެދަލޭންޑްގެ އާކޯޗު ފްރޭންކް ޑި ބޮއާގެ ފުރަތަމަ ފަސްމެޗަށް ފަހު ހޯދުނު ފުރަތަމަ މޮޅެވެ.