އައްޑޫސިޓީގައި ހުންނަ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން އެއްދުވަހުގެ ތެރޭގައި މައި ބަދައިގެ 5 އޮޕަރޭޝަނެއް ކޮށްފިއެވެ. އެ ހޮސްޕިޓަލުން ވިދާޅުވީ، މި 5 އޮޕަރޭޝަން ކޮށްފައިވަނީ އިއްޔެކަމަށެވެ، އަދި އެހުރިހާ އޮޕަރޭޝަނެއްވެސް ވަރަށް ކާމިޔާބުކަމަށެވެ.
މިއޮޕަރޭޝަން ކާމިޔާބުކަމާއެކު ކޮށްފައިވަނީ، މަޝްހޫރު ކަށީގެ ޚާއްޞަ ޑޮކްޓަރ ޔޫސުފް ޝަންއާއި ޑރ.ހާޒިމްއާއި، ޑރ.މުޙައްމަދު މުންޝިދު ހިމެނޭ ޑޮކްޓަރުންގެ ޓީމަކުންނެވެ. މިޓީމުން މީގެ ކުރިން ފުވައްމުލަކާއި ގދ.ތިނަދޫގައިވެސް ކާމިޔާބު އޮޕަރޭޝަންތަކެއް ކޮށްފައިވެއެވެ.
އައްޑޫސިޓީގައި އެންމެ ފުރަތަމަ މައިބަދައިގެ އޮޕަރޭޝަނެއްކޮށްފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުއެވެ. ނަމަވެސް މިއީ އެއްދުވަހެއްގައި މިހާ ގިނަ އޮޕަރޭޝަންތަކެއް ކުރި ފުރަތަމަފަހަރެވެ.
ކޯވިޑް-19އާއި ގުޅިގެން ސިއްޙީ ނިޒާމްގެ ތެރެއިން ސިއްޙީ ފަރުވާއަށް މާލެއަށް ބަރޯސާވުންކުޑަކޮށް، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ސިއްޙީ ދާއިރާއިން އަންނަނީ ކާމިޔާބު މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މާލެއިން އެކަނި މީގެކުރިން ކުރަމުން އައި އޮޕަރޭޝަންތައް އަތޮޅުތަކުގެ ހޮސްޕިޓަލުތަކުގައިވެސް މިހާރު ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. މިފަދަ އޮޕަރޭޝަންތައް ކުރަމުން އަންނަނީ އައިޖީއެމްއެޗާއި ރާއްޖޭގެ ބައެއް ސްޕެޝަލިސްޓް ޑޮކްޓާރުންނާއި ގުޅިގެންނެވެ.
ކޮމެންޓު ފޮނުވާ