ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ 56% ނިމިއްޖެ

ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ 56% ނިމިއްޖެ

Author
މުޙައްމަދު ޖިމީ
18 ޖުލައި 2022 10:26
0

ބ.ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ 56 އިންސައްތަ ނިންމައިފިއެވެ.

އެމްޓީސީސީން ބުނީ، މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާކަމަށެވެ.

މި މަޝްރޫއުގެ މަސައްކަތަށް ބަލާއިރު ހިމާޔަތްކުރުމަށް ހިލަ ޖައްސާނީ ކަނޑު ތޮށި ޖަހާ އުސޫލުން ބައިބައި ވަކިން މޫދުގައެވެ. އަދި މިއިން ކޮންމެ ދެތޮށްޓެގެ މެދުގައި ރާޅު ވެއްދުމަށާ އޮއެވަރު ދެމުމަށް ޖާގައެއް ބާއްވާނެއެވެ.

ހިލަ ޖެއްސުމުގެ މަސައްކަތް ފަށާފައިވަނީ ރަށުގެ ހުޅަނގު ފަރާތުންކަމަށާ އެއީ މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ގަދަ ދުވަސްތަކަކަށްވުމުން އެސަރަހައްދުގައި އޮތް ވެލި ގަނޑު ހިފެހެއްޓުމުގެ ބޭނުމުގައިކަމަށް އެރަށު ކައުންސިލުން ބުނެއެވެ.

ފަތުރުވެރިކަމުގެ ވިޔަފާރި ފުޅާވަމުން އަންނަ ދަރަވަންދޫގައި ރަށްގިރުމުގެ މައްސަލަ ކުރިމަތިވަމުން އަންނަނީ އެރަށުގެ އުތުރު ފަރާތެވެ.

ދިވެހި ސަރުކާރާއި މޯލްޑިވްސް ގްރީން ފަންޑުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން 10،800 ކިއުބިކް މީޓަރުގެ ވެލި، ގިރާ ސަރަޙައްދަށް އެޅުމާއި، އަދި 490 މީޓަރުގެ ބޭރުތޮށްޓެއް ލުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ގިރާ ސަރަޙައްދު ހިމާޔަތް ކުރުމަށް 96 މީޓަރުގެ ރިވެޓްމެންޓް ޖަހާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

22.14 މިލިއަން ރުފިޔާ ޚަރަދުވާ މިމަޝްރޫއުގެ އަމަލީ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.