54 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިފުތިތާހުކޮށްދެއްވައިފިއެވެ.
މިއީ ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ބޮޑީބިލްޑިންގެ ދެވަނަ މުބާރާތެވެ. އެހެންނަމަވެސް އޭޝިއާ ފެންވަރުގެ ބޮޑު މުބާރާތެއް ރާއްޖޭގައި ބޭއްވޭ މިއީ ފުރަތަމަ ފަހަރެވެ. މި މުބާރާތް ކުރިއަށްދާނީ މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކ. މާފުށި އަދި ކްރޮސްރޯޑްސްގައެވެ. މި މުބާރާތް ހުޅުވުމަށް ހޮނިހިރު ދުވަހުގެރޭ މާފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވީ މި އަހަރު ރާއްޖޭގައި އިތުރު ބައިނަލްއަގުވާމީ މުބާރާތްތަކެއް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މަޚްލޫފް ވިދާޅުވީ މި މުބާރާތް ރާއްޖޭގައި ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ ރާއްޖޭގެ އެތުލީޓުންނަށް އަމިއްލަ ގައުމުގައި މިވަރުގެ މުބާރާތެއް ތަމްސީލުކުރުމުގެ ފުރުސަތު ދިނުން ކަމަށެވެ. އަދި އެ އެތުލީޓުންގެ ފަރާތުން ރާއްޖެއަށް ރީތި ނަން ހޯދައިދޭނެ ކަމަށް އުންމީދުކުރާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ މި މުބާރާތުގެ ސަބަބުން ރާއްޖެގެ ފަތުރުވެރިކަން އިސްތިހާރުވާނެ ކަމަށް އުއްމީދުކުރާ ކަމަށާއި، މިފަދަ މުބާރާތްތައް ބޭއްވެނީ ރައީސް ޞާލިޙް ކުޅިވަރަށް ދެއްވާ ސަމާލުކަމުން ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭޝިއަން ބޮޑީބިލްޑިން ފެޑަރޭޝަނުގެ ރައީސް ޑުޓަކް ޕައުލް ޗުއާ ވިދާޅުވީ މި މުބާރާތް މީގެ ކުރިން ބާއްވަން ތާވަލުކުރި ތާރީޚުގައި ނުބޭއްވުނީ ކޮވިޑް-19 ގެ ބަލިމަޑުކަމާއެކުގައި ކަމަށެވެ. އެހެންނަމަވެސް މިހާ ފުރިހަމަކޮށް ރާއްޖެއިން މި މުބާރާތަށް ތައްޔާރުވެފައިވުމީ ލިބުނު ހިތްހަމަޖެހުމެއް ކަމަށް ޑުޓަކް ވިދާޅުވިއެވެ.
President @ibusolih officially inaugurates the 54th Asian Bodybuilding and Physique Sports Championship 2022 pic.twitter.com/WftP8USYty
— The President's Office (@presidencymv) July 16, 2022
މި މުބާރާތުގައި އޭޝިއާ ބައްރުގެ 26 ގަައުމަކުން 500 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރެއެވެ. ރާއްޖެއިން މި މުބާރާތުގައި 20 އެތުލީޓުން ވާދަކުރާއިރު، އޭގެ ތެރޭގައި ރާއްޖެއަށް މީގެކުރިން މެޑެލް ހާސިލުކޮށްދިން އެތުލީޓުންނާއި އަލަށް ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރާ އެތުލީޓުން ހިމެނެއެވެ.
މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ތަޖުރިބާކާރު ކޯޗެއް ކަމަށްވާ ހޮންގް ވޮންގް ރާއްޖޭގެ ޓީމުގެ ކޯޗުގެ ގޮތުގައި ހަމަޖައްސާފައެވެ. ހޮންގް ވޮންގް ވަނީ މީގެ ކުރިން 1999 ވަނަ އަހަރުގެ މިސްޓަ އޭޝިއާ ކާމިޔާބުކޮށްފައެވެ. އަދި މީގެ ކުރިން ރާއްޖޭގެ ބޮޑީބިލްޑިން ކުރިއަރުވަން ހޮންގް ވޮންގް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އިން މައުލޫމާތުދެއެވެ.