މިނީ ބަހުގެ ޚިދުމަތް ފެށުމަށް ބޭނުންވާ 36 ބަސް ގެނެސްފި

މިނީ ބަހުގެ ޚިދުމަތް ފެށުމަށް ބޭނުންވާ 36 ބަސް ގެނެސްފި

Author
މުޙައްމަދު ޝަޒައިމް
16 ޖުލައި 2022 08:40
0

މިނީ ބަހުގެ ޚިދުމަތް ދިނުމަށް ބޭނުންވާ 36 މިނީބަސް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީން މާލެ ގެނެސްފިއެވެ.

މި ޚިދުމަތް ދިނުމަށް ބޭނުންވާ 36 މިނީ ބަސް އެމް.ޓީ.ސީ.ސީން މިއަދު ރާއްޖެގެނެސްފައިވާއިރު، ޕޯޓް ކްލިއަރިންސްގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް އެކުންފުނިން ވަނީ ހާމަކުރައްވާފައެވެ. މި ބަސްތަކުގެ ތެރެއިން މާލޭގައި ބޭނުންކުރާނީ 12 ބަހެވެ. އަދި ބާކީ ބަސްތައް ބޭނުންކުރާނީ ލ. އަތޮޅު ގަމާއި ފޮނަދޫއާއި، އިސްދޫ ކަލައިދޫ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށެވެ. މި ހުރިހާ ބަސްތަކަކީވެސް ޑީސެލް ބަސްތަކެކެވެ.

މާލޭގައި މިނީ ބަހުގެ ޚިދުމަތް ފަށަންވާއިރަށް މާލޭގެ ޓްރެފިކަށް ބަލާ، މަގުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފުލުހުންނާއި، މާލޭ ސިޓީ ކައުންސިލާއި ގުޅިގެން އެމް.ޓީ.ސީ.ސީން ދަނީ ކުރަމުންނެވެ. އަދި ބަސް ޕޯލްތައް ނުވަތަ ބަސްހުއްޓިތައް ބަހައްޓާނެ ސަރަހައްދުތައް ކަނޑައެޅުމުގެ މަސައްކަތް ކުރާއިރު، މިއިން ކޮންމެ ސްޓޮޕަކަށް ކޮންމެ 10 މިނެޓަކުން މިނީ ބަސް ދަތުރުކުރާނެކަމަށް އެކުންފުނިން ވިދާޅުވިއެވެ.

މިނީ ބަސްތައް ދަތުރުކުރާނެ ރޫޓްތައް ކަނޑައަޅާނީ މާލޭގެ މައި ބޮޑެތި މަގުތައް ހިމެނޭހެންކަމަށާއި، މިނީބަހުގެ ރޫޓާއި، އެމް.ޓީ.ސީ.ސީން މާލެއާއި ހުޅުމާލެއާއި ދެމެދުކުރާ ބަސްދަތުރުތަކުގެ ރޫޓާވެސް ގުޅުވާލާނެކަމަށްވެސް އެކުންފުނިން ހާމަކޮށްފައިވެއެވެ.

އެމް.ޓީ.ސީ.ސީން ގެނައި 36 މިނީ ބަހަކީ 20 މީހުންނާއި 25 މީހުންނާއި ދެމެދުގެ އަދަދަކަށް މީހުން އުފުލޭ ޖާގައިގެ ބަސްތަކެކެވެ. އަދި މި ބަސްތައްވެސް ޑިޒައިންކޮށްފައިވަނީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ފަސޭހައިން އަރައިފޭބޭގޮތަށެވެ.

މިނީ ބަހުގެ ޚިދުމަތް ފެށުމަށް ބޭނުންވާ 36 މިނީ ބަސް އެމް.ޓީ.ސީ.ސީން ރާއްޖެގެނެސްފައިވާއިރު، މާލެއިން ހުޅުމާލެއާއި ދެމެދު ކުރާ ބަސްދަތުރުތަކުގެ ފެންވަރު ރަނގަޅުކުރުމުގެގޮތުން އިތުރު ޑަބަލްޑެކް 15 ބަސް ރާއްޖެގެނެސް، މިހާރު އަންނަނީ ޚިދުމަތުގައި ބޭނުންކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.