އައްޑޫ ހުޅުމީދޫގައި މިފްކޯގެ އައު މަސް ޕްރޮސެސިންގ ފެސިލިޓީއެއް ހުޅުވައިފި

އައްޑޫ ހުޅުމީދޫގައި މިފްކޯގެ އައު މަސް ޕްރޮސެސިންގ ފެސިލިޓީއެއް ހުޅުވައިފި

Author
ޙަސަން މުޙައްމަދު
31 މާރޗް 2026 07:49
0

ދެކުނުގެ މަސްވެރިކަން ކުރިއެރުވުމުގެ އަމާޒުގައި، އައްޑުއަތޮޅު ހުޅުމީދޫގައި މިފްކޯއިން އައު މަސް ޕްރޮސެސިންގ ފެސިލިޓީއެއް ރަސްމީކޮށް ހުޅުވައިފިއެވެ.

މި ފެސިލިޓީ ހުޅުވައިދެއްވީ މިއަދު ހަވީރު އެރަށުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އާމިނަތު ޙުސައިން ޝަރީފެވެ. މި ހަފްލާގައި މިފްކޯގެ ސީއީއޯ ފަރުޙަތު ޝަހީރުގެ އިތުރުން ކުންފުނީގެ އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

މައިގަނޑު ގޮތެއްގައި ރާއްޖޭގެ ދެކުނުން ކަންނެލި ގަނެ ޕްރޮސެސްކުރުމަށް ހުޅުވި މި މަރުކަޒުގައި މަސް ޕްރޮސެސް ކުރުމަށް ބޭނުންކުރާނީ ބްލާސްޓް ފްރީޒިންގ ޓެކްނޮލޮޖީއެވެ. މިފްކޯއިން މަޢުލޫމާތު ދޭގޮތުގައި، މި ފެސިލިޓީގެ ސަބަބުން ރައްކާތެރިކަމާއެކު ބަންދުކުރެވިފައިވާ އިތުބާރުހިފޭ މަހުގެ އުފެއްދުންތައް އައްޑޫގެ ރައްޔިތުންނަށް ފަސޭހައިން ލިބި، މަސްވެރިކަމުން ލިބޭ ނަފާ އިތުރުވެގެންދާނެއެވެ.

މި ފެސިލިޓީން ބަންދުކުރާ މަސް މިއަދުން ފެށިގެން ހުޅުމީދޫގައި ހުންނަ މިފްކޯ ފިހާރައިން ގަންނަން ލިބެން ހުންނާނެއެވެ. އަދި ޑިސްޓްރިބިއުޓަރުން މެދުވެރިކޮށް މުޅި އައްޑުއަތޮޅުގެ ހުރިހާ ރަށަކަށް މި އުފެއްދުންތައް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް އެ ކުންފުނިން މިހާރު ވަނީ ފަށާފައެވެ. ސަރުކާރާއި މަލްޓި ލެޓެރަލް ޑިވެލޮޕްމަންޓް ފައިނޭންސްގެ އެހީގައި، މިފްކޯގެ މަސް ގަތުމާއި ރައްކާކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް އެ ކުންފުނިން އަންނަނީ ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.