މުޖުތަމައުގެ އަމަންކަން ނަގާލައި ހަމަނުޖެހުން ހިންގުމަށް ހިތްވަރު ދިނުމަކީ އެއްވެސް މީހަކަށް ކުރެވިގެންވާނެ ކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިހެން ވިދާޅުވީ ޔޯގާ ހަމަރަކާތުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން ބަންދުކޮށްފައިވާ މީހުންގެ ކުށެއް ނުދެއްކި އެތައް ދުވަހެއް ވަންދެން ޖަލު ބަންދުގައި ބައިތިއްބާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމް ކުރެއްވި ޓިވީޓަކަށް ރައްދު ދެއްވަމުންނެވެ.
ހޯމް މިނިސްޓަރ އިމްރާނާއި، ފުލުހުން ޓެގް ކުރައްވައި ނާޒިމް ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެއްވެސް މީހަކަށް ނާއިންސާފުން އަނިޔާ ލިބުމަކީ އެދޭ ގޮތެއް ނޫންކަމަށެވެ. އެއީ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލަށް ވިޔަސް އަދި އެހެން މީހަކަށް ވިޔަސް އެމީހަކަށް އިންސާފުން ބޭރުން އަނިޔާ ލިބުމަކީ އެދޭ ގޮތެއް ނޫންކަމަށެވެ. ބަންދުގެ މުއްދަތު އިތުރުކޮށް ޝަރީއަތް ކުރިއަށް ނުދިއުމަކީ އިންސާފު ނުލިބި ދިގުދެމިގެންދާ މަގެއްކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމްގެ ވާހަކަތަކަށް ރައްދު ދެއްވަމުން އާޒިމް ވިދާޅުވީ މުޖުތަމައުގެ ހަމަޖެހުން ނަގާލައި އަމާންކަން ނަގާލުމަކީ އެއްވެސް މީހަކަށް ކުރެވިގެން ވާނެ ކަމެއް ނޫންކަމަށެވެ. އަދި އެޖާގަ އެއްވެސް މީހަކަށް ދިނުމަކީވެސް ބަލައި ގަނެވޭނެ ކަމެއްނޫންކަމަށް އާޒިމް ވިދާޅުވިއެވެ.
ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދައާ މާރާމާރީއަށް ހިތްވަރުދީ، މުޖުތަމައު ބައިބައިކޮށް ހަމަނުޖެހުން ހިންގަން ހިތްވަރުދިނުމަކީ އެއްވެސް މީހަކަށް ކުރެވިގެންވާނެ ކަމެއްނޫން.
– އާޒިމް ވިދާޅުވިއެވެ.
އާޒިމްއަކީ މިހަރަކާތަށް ސަރުކާރު ޖާގަ ދިނުމުންވެސް އެކަމާއި ކަންބޮޑުވުން ފާޅު ކުރެއްވި ބޭފުޅެކެެވެ. ނަމަވެސް މިފަހުން އާޒިމްގެ ރާގުވެސް ދަނީ މިމައްސަލައިގައި ބަދަލުވަމުންނެވެ. ޔޯގާ ހަރަކާތަކީ އެތައްބައެއްގެ ކަންބޮޑުވުން އޮތް މައްސަކަލައަކަށްވާއިރު، އެކަން ކުރުމަކީ އެންމެ ރަނގަޅު ކަމެއް ނޫންކަމަށް ވިދާޅުވެ ދޭހަވާ ގޮތަކަށް އަޒިމް ވަނީ ޓުވީޓު ކުރައްވާފައެވެ.
ޔޯގާ ހަރަކާތާއި ގުޅިގެން މިހާތަނަށް ހައްޔަރު ކުރި 21 މީހުންގެ ތެރެއިން 20 މީހުންގެ މުއްދަތު ކޮންމެ ފަހަރަކުވެސް ހަމަވުމުން ދަނީ އިތުރު ކުރަމުންނެވެ. މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.
ކޮމެންޓު ފޮނުވާ