ސުލްހަ ގާއިމް ކުރުމަށް ސްރީ ލަންކާގެ އަސްކަރީ ކޮމާންޑަރުންގެ ކައުންސިލެއް އެކުލަވާލާ ކުއްލި ހާލަތު އުވާލައިފި

ސުލްހަ ގާއިމް ކުރުމަށް ސްރީ ލަންކާގެ އަސްކަރީ ކޮމާންޑަރުންގެ ކައުންސިލެއް އެކުލަވާލާ ކުއްލި ހާލަތު އުވާލައިފި

Author
ހުސެއިން
13 ޖުލައި 2022 04:58
0

ސްރީ ލަންކާގައި މިއަދު އިއުލާންކުރި ކުއްލި ހާލަތު އުވާލާ، އަމަން އަމާންކަން ގާއިމް ކުރުމަށްޓަކާ އަސްކަރިއްޔާގެ އެންމެ އިސް ކޮމާންޑަރުން ހިމެނޭ ގޮތަށް، ވަގުތީ ރައީސްކަމާއި ހަވާލުވެ ވަޑައިގެންފައިވާ، ބޮޑުވަޒީރު ރަނިލް ވިކްރެމެސިންހެ ޚާއްސަ ކައުންސިލެއް އެކުލަވާ ލައްވައިފިއެވެ.

ސްރީ ލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސް ގައުމު ދޫކޮށް ފިއްލަވައިގެން ރޭގެ ވަގުތެއްގައި ރާއްޖެ ވަޑައިގަތުމާއެކު، މުޒާހިރާ ކުރާ ފަރާތްތަކުންވަނީ، ފުލުހުންގެ ސަފުތައް ފޫއަޅުވާލުމަށްފަހު މިއަދު ބޮޑުވަޒީރުގެ ގެއަށް ވަދެގަނެ އެތައް ހިސޯރު ކޮށްފައެވެ.

ރަނިލް މީގެ ކުރިން ވިދާޅުވެފައިވަނީ، ހުރިހާ ޕާޓީތައް އެކުލެވޭ ގޮތުން އާ ސަރުކާރަކަށް ފުރުސަތު ދެއްވުމުގެ ގޮތުން ބުދަ ދުވަހު އޭނާވެސް މަގާމުން އިސްތިއުފާ ދެއްވާނޭ ކަމުގައެވެ.

އެހެންނަަމަވެސް ގޮޓަބަޔަ ގައުމު ދޫކޮށް ފުރާވަޑައިގަތުމާއެކު، ސްރީ ލަންކާގެ ގާނޫނުހަދާ މަޖިލިހުގެ ރައީސްވަނީ، ގޮޓަބަޔަ ވަގުތީ ރައީސްކަން ރަނިލްއާއި ހަވާލު ކުރައްވާފައިވާކަން ހާމަ ކުރައްވާފައެވެ.

ގައުމުގައި ގެއްލިގެން ގޮސްފައިވާ އަމަންއަމާކަން ގާއިމް ކުރުމަށް ވަގުތީ ރައީސް ރަނިލް އެކުލަވާލެއްވި ކޮމިޓީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ޗީފް އޮފް ޑިފެންސް ފޯރސް ލެފްޓިނެންޓް ޖެނެރަލް ޝަވެންދުރަ ޝިލްވާއެވެ.

ވަގުތީ ރައީސް އަސްކަރީ ކޮމާންޑަރުންގެ މި ކޮމިޓީއާއި ހަވާލު ކޮށްފައިވަނީ، ސިފައިންނާއި ފުލުހުން މުޅި ގައުމުގައި ސުލްހަ ގާއިމްކުރުމަށް ހަރަކާތްތެރި ވަމުން ދާއިރު، ފުލުހުންނާއި ސިފައިންނަށް ދޭންޖެހޭ އޯޑަރުތައް ނެރުއްވުމެވެ.

މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ގައުމުގެ ހަމަޖެހުމާއި އަމާންކަން ގާއިމުކުރުމަށް އަސްކަރީ ކޮމާންޑަރުންގެ ޚާއްސަ ކޮމިޓީއެއް އެކުލަވާލުމަށް ނިންމާފައިވަނީ، ވަގުތީ ރައީސް މިއަދު ރިޔާސު ބެހެއްޓެވި ނޭޝަނަލް ސެކިއުރިޓީ ކައުންސިލުގެ ބައްދަލުވުމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.