ފަންޑު ރެއިސްކޮށްގެން ޕާޓީތައް ހިންގެންވާނެ، ދައުލަތުން ޚަރަދު ކުރަންނުޖެހޭ: ރިޔާޒު

ފަންޑު ރެއިސްކޮށްގެން ޕާޓީތައް ހިންގެންވާނެ، ދައުލަތުން ޚަރަދު ކުރަންނުޖެހޭ: ރިޔާޒު

Author
މުޙައްމަދު ޝަޒައިމް
11 ޖުލައި 2022 10:53
0

ސިޔާސީ ޕާޓީތަކުން އަމިއްލައަށް ފައިސާ ރެއިސްކޮށްގެން ޕާޓީތައް ހިންގެންޖެހޭކަމަށް ގަބޫލު ކުރައްވާ ކަމުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ އެމްއެންޕީގެ ނައިބް ރައީސް ރިޔާޒު ވިދާޅުވެއްޖެއެވެ.

ރިޔާޒު މިހެން ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ދަފްތަރަށް ބަލައިގެން ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ފައިސާ ދޫކުރުމުގެ އުސޫލަށް ބަދަލު ގެނައުމަށްޓަކައި ޤާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ރިޔާޒު ވިދާޅުވީ އެމްއެންޕީން ގަބޫލު ކުރަނީ ކޮންމެ ސިޔާސީ ޕާޓީއަކުންވެސް އެޕާޓީއެއް ހިންގަން ބޭނުންވާ ފައިސާ ރެއިސްކޮށްގެން ޕާޓީތައް ހިންގެންޖެހޭކަމަށެވެ. ދައުލަތުގެ ބަޖެޓުން ފައިސާ ޚަރަދުކޮށްގެން ޕާޓީތައް ހިންގައި، ކުރަމުންދާ ބޭކާރު އިސްރާފުތައް ހުއްޓަންޖެހޭކަމަށް ރިޔާޒު ވިދާޅުވިއެވެ.

މޯލްޑިވްސް ނޭޝަނަލް ޕާޓީން ދެކޭ ގޮތުގަ ފަންޑު ރެއިސްކޮށްގެން ސިޔާސީ ޕާޓީތައް ހިންގެންވާނެ. ދައުލަތުގެ ބަޖެޓުން ކުރާ އިސްރާފުތައް ހުއްޓާލަންޖެހޭ.

– ރިޔާޒު ވިދާޅުވިއެވެ.

ކޮންމެ އަހަރަކުވެސް ދައުކަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް 60 ވަރަކަށް މިލިޔަން ރުފިޔާ ޚަރަދު ކުރެވެއެވެ. މިހާރު ޕާޓީތަކަށް ފައިސާ ދެނީ މެމްބަރުންގެ އަދަދަށެވެ. ނަމަވެސް ފައިސާދޭ އުސޫލަށް ބަދަލު ގެނެސް ޕާޓީތަކުން ނެރޭ ނަތީޖާތަކަށް ފައިސާ ދިނުމަށް އިލެކްޝަނުން ދަނީ ޤާނޫނަށް އިސްލާހު ގެނައުމަށް މަސައްކަތް ކުރަމުންނެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުގެ 0.01 އިންސައްތަ ފައިސާ ސިޔާސީ ޕާޓީތަކަށް ދޫކުރަންޖެހެއެވެ. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާ އަދަދަށް މެމްބަރުން ތިބި 4 ސިޔާސީ ޕާޓީއަށް މިހާރު ވަނީ ފައިސާ ދޫކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުންދަނީ ޤާނޫނަށް ގެންނަންޖެހޭ އިސްލާހު ގެނައުމަށްޓަކައި، މިހާރު ކުރެވިފައިވާ މަސައްކަތްތަކާއެކު މިފެށޭ ދައުރަށް އިސްލާހު ހުށަހެޅުމެވެ. ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް އޮތްއިރު، އޭގެ ތެރެއިން ގިނައީ 10،000 މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކެވެ. އަދި ޕާޓީތަކުގެ ގޮތުގައި ހަރަކާތްތެރިވެވޭނީ 3،000 މެމްބަރުން ކަމަށް ޤާނޫނުގައި ވަނީ ކަނޑައަޅާފައެވެ. މިއަދަދަށް މެމްބަރުން ހަމަނުވުމުގެ ސަބަނުން ދާދިފަހުން ވަނީ ލޭބާ ޕާޓީގެ ނަމުގައި އުފެއްދި ޕާޓީ އުވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.