ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ސިޔާސީ ޕާޓީތައް ވަކިން ތިބޭގޮތަށް މެންބަރުނގެ ގޮޑިތައް ތަރުތީބުކުރުމަށްް މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފިއެވެ.
މަޖިލީހުގެ އިދާރާއިން ފޮނުވާފައިވާ ސިޓީއާއި ގުޅިގެން މަޖިލީހުގެ ކޮމެޓީން ކުރި މަސައްކަތުގައި ކޮމެޓީގެ ގިނަ މެމްބަރުން ތާއީދުކޮށްފައިވަނީ ދުނިޔޭގެ ރިޔާސީ ނިޒާމު އޮތް އެހެން ޤައުމުތަކުގެ މަޖިލީހުގައި މެމްބަރުން ތިއްބަވާ ގޮތަށް ވަކިވަކި ސިޔާސީ ޕާޓީތަކުގެ މެމްބަރުން ވަކިން ތިއްބެވުމަށެވެ.
މަޖިލީހުގެ ތަޅުމުގައި މެމްބަރުން ތިއްބަވާ ގޮތަށް ބަދަލު ގެނައުމަށް މަސައްކަތް ކުރަމުންދާއިރު މިހާރު މަޖިލީހުގައި މެމްބަރުން ތިއްބަވާ ތަރުތީބަކީ މާލެއަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރުން އެންމެ ކުރީގައި ތިއްބަވާ ގޮތަށެވެ. އަދި އޭގެ ފަހަތުން އަތޮޅުތަކުގެ ދާއިރާތައް ތަރުތީބުވާ ގޮތަށެވެ.
ރައްޔިތުންގެ މަޖިލީހުގު މެންބަރުން ތަޅުމުގައި އިށީނދެވަޑައިގެން ތިއްބަވާ ތަރުތީބުތަކަށް ބަދަލު ގެނައުމަށް ނިންމާފައިވަނީ ކޮމިޓީގެ މެމްބަރުންގެ އައުލަބިއްޔަތުންނެވެ. ކޮމިޓީގައި މިކަމަށް ކުރެވުނު ބަހުސްގައި މެމްބަރުންވަނީ އެކި ޚިޔާލް ފާޅުކުރައްވާފައެވެ. ބައެއް މެމްބަރުންވަނީ މިހާރު އޮތް ތަރުތީބަށް ބަދަލު ގެނެސް ހއ. ފެށިގެން ސ. އަތޮޅާއި ހަމަށް މެމްބަރުން ތިއްބަވާ ގޮތަށް ތަރުތީބަށް ބަދަލު ގެނައުމަށްވެސް ހުށަހަޅާފައެވެ.
ނަމަވެސް ދުނިޔޭގެ ޑިމޮކްރަޓިކް ޤައުމުތަކާއި، ރިޔާސީ ނިޒާމުގައި މަޖިލީހުގެ މެމްބަރުން ތިއްބެވާ ގޮތަށް ރިއާޔަތްކޮށް ރާއްޖޭގައިވެސް މިނިޒާމުތަކާއި އެއްގޮތަށް މަޖިލިސްތެރޭގެ ކަންކަން ބައްޓަން ކުރުމަށް ވަނީ މަޝްވަރާ ކުރެވިފައެވެ. ކޮމިޓީގެ ގިނަ މެމްބަރުންވަނީ މި ހުށަހެޅުމަށް ތާއީދުކޮށް ޕާޓީތައް ވަކިން ތިއްބަވާ ގޮތަށް ތާއީދުކޮށް އެގޮތަށް ފާސްކޮށްފައެވެ.
މިގޮތަށް ބަދަލު ގެނައުމުން ޕާޓީޓަކުގެ މެންބަރުން ތިއްބަވާ ތަރުތީބު ކަނޑައަޅާނީ އެޕާޓީއެއްގެ ޕާލިމަންޓްރީ ގްރޫޕަކުންނެވެ.
ކޮމެންޓު ފޮނުވާ