އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން މިއަދުގެ ވަގުތެއްގައި އޭނާގެ ކޮންޒަރވެޓިވް ޕާޓީގެ ލީޑަރުގެ މަޤާމުން އިސްތިޢުފާ ދެއްވަން ނިންމަވާފައިވާ ކަމުގައި ބީ.ބީ.ސީ.އިން ރިޕޯޓު ކޮށްފިއެވެ. އޭނާ އިސްތިޢުފާ ދެއްވަން ނިންމަވާފައި މި ވަނީ، އޭނާގެ ސަރުކާރުގައި ވަޒީރުކަން ކުރައްވާ ބައެއް ބޭފުޅުންނާއި، ސަރުކާރުގެ އިސް މަޤާމުތައް ފުރުއްވަމުން ގެންދަވާ ޤާނޫނު ހަދާ މަޖިލީހުގެ ގިނަ އަދަދެއްގެ އެމް.ޕީ.އިންތަކެއް އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ. ޕާޓީގެ ލީޑަރުގެ މަޤާމުން އިސްތިޢުފާ ދެއްވި ނަމަވެސް، އެ ޤައުމުގެ ބޮޑުވަޒީރު ކަމުގެ މަޤާމުގައި އޭނާ ދެމިހުންނަވާނެއެވެ.
ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ޖޮންސަންގެ ސަރުކާރުގައި އިސް މަޤާމުތައް ފުރުއްވާ 50 އަށްވުރެ ގިނަ ބޭފުޅުން ވަނީ އިސްތިޢުފާ ދެއްވާފައެވެ. މީގެ ތެރެއިން އެންމެ ފުރަތަމަ އިސްތިޢުފާ ދެއްވާފައި ވަނީ މާލީ ވަޒީރު ރިޝީ ސުނާކެވެ. އަދި، އޭނާގެ އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން ޞިއްޙަތާ ބެހޭ ވަޒީރު ސާޖިދު ޖާވިދު ވެސް ވަނީ އިސްތިޢުފާ ދެއްވާފައެވެ.
ޖޮންސަންގެ ސަރުކާރާ ފޭއަށް ޖެހިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި 8 މިނިސްޓަރަކާއި، ޚާރިޖީ ވުޒާރާގައި މަސައްކަތް ކުރައްވާ އިސް ދެ ބޭފުޅުން ހިމެނެއެވެ. އަދި، މާލީ ވަޒީރުގެ މަޤާމު ހުސްވުމާ ގުޅިގެން އެ މަޤާމަށް ޖޮންސަން އިއްޔެގެ ވަގުތެއްގައި ޢައްޔަން ކުރެއްވި ނަދީމް ޒަހާވީ ވެސް މި ވަނީ ޖޮންސަންގެ އިސްތިޢުފާއަށް ގޮވައިލައްވާފައެވެ.
މި ބޭފުޅުން އިސްތިޢުފާ ދެއްވާފައި ވަނީ ސަރުކާރު ހިންގެވުމުގައި ޖޮންސަން ގެންގުޅުއްވާ ސިޔާސަތުތަކަށް ފާޑު ވިދާޅުވަމުންނެވެ. 50 އަށް ވުރެ ގިނަ ވަޒީރުންނާއި އެމް.ޕީން އިސްތިޢުފާ ދެއްވުމާ ގުޅިގެން އިނގިރޭސި ވިލާތުގެ ސަރުކާރު މި ވަގުތު އޮތީ ހުއްޓުމަކަށް އައުމާ ގާތުގައެވެ.
ޕާޓީގެ އިސްވެރިޔާގެ މަޤާމުން އިސްތިޢުފާ ދެއްވާނެ ކަން ޖޮންސަން އިޢުލާނު ކުރެއްވުމާ ގުޅިގެން އިދިކޮޅު ލޭބަރ ޕާޓީގެ ލީޑަރު ކިއަރ ސްޓާމަރވަނީ މި ނިންމުމަށް މަރުޙަބާ ވިދާޅުވެފައެވެ. މިއީ، މި ވަގުތު އެ ޤައުމަށް އެންމެ ރަނގަޅު ގޮތް ކަމުގައި އޭނާ ސިފަ ކުރައްވައެވެ. އަދި، މުޅި ސަރުކާރު ބަދަލު ކުރުމަށް ވެސް އޭނާ ވަނީ ގޮވައިލައްވާފައެވެ.
ޖޮންސަންގެ ސަރުކާރާ ފެއަށް ޖެހެވަޑައިގެންނެވި މިނިސްޓަރުން ގެންދަވަނީ އޭނާއަށް ފާޑު ވިދާޅުވަމުންނެވެ. މީގެ ތެރެއިން އެއް ބޭފުޅަކީ ސައިންސާ ބެހޭ ވަޒީރުގެ މަޤާމު ފުރުއްވި އެމް.ޕީ. ޖޯޖް ފްރީމަނެވެ. އޭނާ ވަނީ، ޖޮންސަންގެ ވެރިކަމުގައި ޤައުމުގެ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި ރާނީގެ ކިބައިން މަޢާފަށް އެދިވަޑައިގަތުމަށް ޖޮންސަނަށް ގޮވައިލައްވާފައެވެ.
ޖޮންސަންގެ ސަރުކާރާ މިއަދު ވަކިވެވަޑައިގެންނެވި ބައެއް ބޭފުޅުންގެ ތެރޭގައި އިރުމަތީ އަޔަލެންޑާ ބެހޭ ވަޒީރު ބްރެންޑަން ލުވިސްއާއި، ތަޢުލީމާ ބެހޭ ވަޒީރުގެ މަޤާމަށް ދާދި ފަހުން ޢައްޔަން ކުރެއްވި މިޝެލް ޑޮނެލަން ހިމެނިވަޑައިގަންނަވައެވެ.
ކޮންޒަރވެޓިވް ޕާޓީގެ ލީޑަރުގެ މަޤާމުން ޖޮންސަން އިސްތިޢުފާ ދެއްވަން ނިންމަވާފައިވާ ކަން އަދި ރަސްމީ ސިފައެއްގައި ކަށަވަރު ކޮށްދީފައެއް ނުވެއެވެ. ނަމަވެސް، އޭނާގެ އޮފީސް ނަމްބަރ ޓެން ޑައުނިންގ ސްޓްރީޓުން ވަނީ ޖޮންސަން މިއަދުގެ ވަގުތެއްގައި ބަޔާނެއް ދެއްވާނެ ކަން ހާމަކޮށްފައެވެ.