އަމީނީ މަގުގެ ތާރުއެޅުމުގެ މައްސަލާގައިމާލެ ސިޓީ ކައުންސިލާއި، ޕްލޭނިން މިނިސްޓްރީން ކޯޅެނީ އެކަމަށް އޮތް ބަޖެޓު ބޮޑުވުމުންތޯ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު ސުވާލުކުރައްވައިފިއެވެ.
އަމީނީ މަގު ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢު ޕްލޭނިން މިނިސްޓްރީން ވަނީ އާރުޑީސީއާއި ހަވާލުކޮށްފައެވެ. މިކަމާއި ގުޅިގެން މާލެ ސިޓީ ކައުންސިލުންވަނީ އެއީ އެ ކައުންސިލަށް ދީފައި އޮތް މަޝްރޫޢުއެއްކަމަށާއި، ނަމަވެސް އެއްބަސްވުން އުވާލާފައިވާކަންވެސް އެންގުމެއްނެތި ބޮޑު އަގެއްގައި އާރުޑީސީއާއި ހަވާލުކޮށްފައިވާކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
މިއާއެކު ސިޓީ ކައުންސިލާއި ޕްލޭނިން މިނިސްޓްރީން ދަނީ ކޯޅޭމުންނެވެ. މިކަމާއި ގުޅިގެން މުސާ މަނިކު ވަނީ، އަމީނީ މަގު ނޫންމަގެއްނެތީތޯ ސުވާލުކުރައްވާފައެވެ. އަދި ތާރު ނޭޅިނަމަވެސް، މަރާމާތުކޮށްލައިގެން ބޭނުންކުރެވޭނެކަމަށް ވިދާޅުވެ މޫސަ ވަނީ ސިޓީ ކައުންސިލާ މިނިސްޓްރީއާ އަމީނީމަގުގަ ބައްދަނީ ބަޖެޓު ބޮޑުވީމަތޯ ސުވާލުކުރައްވާފައެވެ.
ައަމީނީ މަގުނޫން މަގެއްނެތީތަ މާލޭގަ ؟ތާރު ނޭޅިއެއްކަމަކު މަރާމާތުކޮށްލައގެން ހިނގާ،ދުއްވާ، އުޅެވޭނެ މަގުތަކާ ޕޭވްމަންޓްތަކާ ބައިވަރު މާލޭގަ،، ކައުންސިލާ މިނިސްޓްރީއާ އަމީނީމަގުގަ ބައްދަނީ ބަޖެޓުބޮޑީތަ؟
— Moosa Maniku (Reeko) (@ReekoMoosa) July 6, 2022
އިދިކޮޅު ޕީޕީއެމްގެ މެޖޯރިޓީ އޮންނަ ސިޓީ ކައުންސިލުން ވަނީ އަމީނީމަގު މަރާމާތުކުރަން އެ ކައުންސިލާ އާރްޑީސީއާ ދެމެދު 39 މިލިއަން ރުފިޔާއަށް އެއްބަސްވުމެއް ހަދާފައިވާކަމަށެވެ. ނަމަވެސް އެ މަސައްކަތް އަތުލައި ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލުކުރީ 84 މިލިއަން ރުފިޔާއަށް ކަމަށާއި އެހެންވެ، އެއީ ކޮރަޕްޝަންގެ އަމަަލެއް ކަމަށް ސިޓީ ކައުންސިލުން ތުހުމަތުކުރެއެވެ.
ނަމަވެސް އާރުޑީސީން ވަނީ އެފަދަ އެއްބަސްވުމެއް ނޯންނާނެކަމަށް ބުނެފައެވެ.
ކޮމެންޓު ފޮނުވާ