ބޮލީވުޑްގެ ޒުވާން އެކްޓަރ ޓައިގާ ޝްރޮފްގެ ކާފަ 2 ވަނަ ބޮޑުހަނގުރާމައިގާ ބައިވެރިވެ ހަރަކާތްތެރިވާ ފޮޓޯތަކެއް ޓައިގާގެ މަންމަ އާންމުކޮށްފިއެވެ.
ކުރީގެ މަޝްހޫރު ތަރި ޖެކީ ޝްރޮފް އާއި ފިލްމު ޕްރޮޑިއުސަރ އަޔެޝާ ޝްރޮފްގެ ދަރިފުޅު ޓައިގާ މީގެ ކުރިން ދިން އިންޓަވިއުއެއްގައި ވަނީ އޭނާއަކީ އެކިއެކި ނަސްލުގެ މިކްސްޗަރ އެއް ކަމަށް ބުނެފައެވެ. އެގޮތުން އޭނާގެ ބައްޕަގެ ބައްޕަ ގުޖުރާތަށް ނިސްބަތް ވާއިރު ބައްޕަގެ މަންމަ ނިސްބަތް ވަނީ ތުރްކުމިނިސްތާނަށް ކަމަށް ޓައިގާ ވަނީ ބުނެފައެވެ. އަދި މަންމަގެ މަންމަ ފްރާންސަށް ނިސްބަތްވާއިރު މަންމަގެ ބައްޕަ އަކީ ބެންގާލީއެއް ކަމަށް ވެސް ޓައިގާ މީގެ ކުރިން ވަނީ ބުނެފައެވެ.
އަޔެޝާ ޝްރޮފް އިއްޔެ އިންސްޓަގްރާމަށް ދޫކޮށްލި އޭނާގެ ބައްޕަ ހަނގުރާމައިގާ ހަރަކާތްތެރިވާ ފޮޓޯތަކުން ބައްޕައަކީ ހަނގުރާމަމަތީ މަތިންދާބޯޓު ދުއްވާ މީހެއްކަން އެނގެއެވެ. އަދި ފޮޓޯތަކާއެކު ލިޔެފައިވާ ކެޕްޝަންގައި ބުނެފައިވަނީ "ޓައިގާގެ ކާފަ ޓައިގާ މޮތު ދުއްވަން ޓްރޭނިން ހަދަނީ" ކަަމަށެވެ. ޓައިގާ މޮތަކީ އެދުވަސްވަރު އިނގިރޭސި ސިފައިންގެ ތެރޭގައި ބޭނުންކުރި މަތިންދާ ބޯޓުގެ ވައްތަރެކެވެ.
ޓައިގާގެ ކާފައަކީ އޭރުގެ ރޯޔަލް އެއަރފޯސްގެ ފްލައިޓް ލެފްޓިނެންޓެކެވެ.
އެކްޝަން ތަރިއެއްގެ ގޮތުގައި ބެލުންތެރިންގެ މަގްބޫލުކަން ހޯދާފައިވާ ޓައިގާ ބޮލީވުޑަށް ނުކުތީވެސް 2014 ވަނަ އަހަރުގެ އެކްޝަން ފިލްމު "ހީރޯޕަންތީ" އިންނެވެ. މީގެ އިތުރުން ޓައިގާ ވަނީ އޭނާގެ ފިލްމު "ވޯ" ގައި އިންޓެލިޖެންޓް އަންޑަކަވާ އޮފިސަރެއްގެ ރޯލުވެސް ކުޅެފައެެވެ.
ޓައިގާ އެންމެ ފަހުން ފެނިގެންދިޔައީ "ހީރޯޕަންތީ 2″ އިންނެވެ. އޭނާ ދެން އެންމެ އަވަހަށް ފެންނާނީ މިއަހަރުގެ ޑިސެމަބަރު މަހުގެ 23 ގައި އެޅުވުމަށް ތައްޔާރުވަމުން އަންނަ ފިލްމު "ގަނަޕަތު" އިންނެވެ.