އެރިކްސަން، މެންޗެސްޓާ ޔުނައިޓެޑާ ގުޅެން އެއްބަސްވެއްޖެ

އެރިކްސަން، މެންޗެސްޓާ ޔުނައިޓެޑާ ގުޅެން އެއްބަސްވެއްޖެ

Author
މުޙައްމަދު ޝަޒައިމް
05 ޖުލައި 2022 12:42
0

ހިލޭ ޓްރާންސްފާއެއްގެ ދަށުން މެންޗެސްޓާ ޔުނައިޓެޑާ ގުޅެން ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ނިންމާފައިވާ ކަމަށް މިޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އެރިކްސަން، 30، ދާދި ފަހުން ޑެންމާކުގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ވަނީ އޭނާ އަށް ގިނަ ކްލަބްތަކެއްގެ ހުށަހެޅުން ލިބިފައިވާ ކަމަށް ބުނެފަ އެވެ. ޔުނައިޓެޑަށް ބަދަލުވާނެތޯ އެހުމުން އެރިކްސަންގެ ޖަވާބަކީ "އޮފާ ރަނގަޅުނަމަ ފޯނުނަގާނެ" ކަމަށެވެ.

އެރިކްސަން އިނގިރޭސިވިލާތުގައި އެންމެ ފުރަތަމަ، 2013 އިން 2020 އަށް ކުޅެދިން ޓޮޓެންހަމް ހޮޓްސްޕާ އިން އޭނާ ހޯދަން ޝައުގުވެރިކަން ފާޅު ކުރި އެވެ. އެކަމަކު އަލުން އެޓީމަށް އެނބުރި ދާކަށް އޭނާ ބޭނުމެއް ނުވި އެވެ. ބްރެންޓްފޯޑުގައި މަޑުކުރުމުގެ ފުރުސަތު ވެސް އޭނާއަށް އޮތް ނަމަވެސް، ގަތަރުގައި ބާއްވާ ވޯލްޑް ކަޕުގައި ގައުމު ތަމްސީލުކުރަން ބޭނުންވާތީވެ، އެރިކްސަން ބޭނުންވަނީ އޭނާއާ އެއް ގައުމަކަށް ނިސްބަތްވާ ކޯޗު އެރިކް ޓެން ހަގް އާއެކު ޔުނައިޓެޑާ ގުޅޭށެވެ.

އެރިކްސަން ގެންނަން ޔުނައިޓެޑުން ކުރި މަސައްކަތް ކާމިޔާބު މި ކުރީ އެ ޓީމުން ދެން ހޯދަން ބެލި ބާސެލޯނާގެ މިޑްފީލްޑަރު ފްރެންކީ ޑި ޔޯން ނުވިއްކާނެ ކަމަށް އެ ކްލަބުން ބުނެފައި ވަނިކޮށެވެ.

މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ފިންލޭންޑާ ދެކޮޅަށް ޑެންމާކް ކުޅުނު މެޗުގެ ތެރެއިން ހާޓްއެޓޭކެއް ޖެހި، ހިތްހުއްޓިގެން ދަނޑުމަތީގައި ފަރުވާ ދިނުމަށް ފަހު ދަނޑުން ގެންދިޔައީ ހޮސްޕިޓަލަށެވެ. އެރިކްސަން ކުޅުމާ ދުރުގައި ހަ ވަރަކަށް މަސް ދުވަހު ހުރެ، ގިނަ ފަރުވާތަކެއް ކުރުމަށް ފަހު މިދިޔަ ޖެނުއަރީ މަހު ބްރެންޓްފޯޑާ ގުޅުނެވެ.

އެރިކްސަން، ހާޓްއެޓޭކް ޖެހުނުއިރު، ކުޅެމުން އައީ އިޓަލީގެ ޗެމްޕިއަން އިންޓަ މިލާނަށެވެ. އެކަމަކު، އެރިކްސަންގެ ސިއްހީ ހާލަތު ހުރި ގޮތުން އިންޓަ އަށް ޖެހުނީ އޭނާ ދޫކޮށްލާށެވެ. އެއީ ހިތަށް އިމްޕްލާންޓަބަލް ކާޑިއޮވާޓާ ޑެފިބްރިލޭޓާ (އައިސީޑީ) ލައްވައިގެން ކުޅުމުގެ ހުއްދަ އިޓާލިއަން ލީގުގައި ނެތުމުންނެވެ. ގިނަ މެޑިކަލް ޓެސްޓްތަކެއް ފުރިހަމަކޮށް ޖެނުއަރީ މަހު، އެރިކްސަން ބްރެންޓްފޯޑަށް ސޮއިކޮށް އެ ޓީމުގައި މޮޅު ކުޅުމެއް ދެއްކި އެވެ. އަދި ނޭޝަންސް ލީގުގައި ޑެންމާކް ގައުމީ ޓީމަށް ވެސް އެރިކްސަން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.