ޔޫކުރެއިންގެ އޮޑެސާގެ ދެކުނުގެ ސަރަހައްދުތަކަށް ރަޝިއާއިން ރޭގަޑުގެ ވަގުތުގައި ދިން މިސައިލް ހަަމަލާތަކުގައި 20 މީހަކު މަރުވެފައިވާ ކަމުގައި ޔޫކުރެއިންގެ އޮފިޝަލުން ވިދާޅު ވެއްޖެއެވެ.
ޔޫކުރެއިންގެ ސްޓޭޓް އެމަރޖެންސީ ސާވިސްއިން ބުނެފައިވާ ގޮތުގައި، މީގެ ތެރެއިން 16 މީހަކު މަރުވެފައިވަނީ، އޮޑެސާގެ ސާހިޔިވްކާ ވިލެޖްގައި ހުންނަ ނުވަ ފަންގިފިލާގެ އިމާރާތަކަށް ރަޝިއާއިން ދިން މިސައިލް ހަމަލާއެއްގައެވެ.
ކުޑަ ކުއްޖަކުވެސް ހިމެނޭ ގޮތުން، އަނެއް 4 މީހުން މަރުވެފައިވަނީ މި ވިލެކްޖްގެ ހޮލިޑޭ ރިސޯޓަކަށް ދިން މިސައިލް ހަމަލާއެއްގައެވެ.
ފާއިތުވެދިޔަ ދުވަސްތަކުގައި ރަޝިއާއިންވަނީ، ޔޫކުރެއިން ސިޓީތަކަށް ގިނަ އަދަދެއްގެ މިސައިލް ހަމަލާތަކެއް އަމާޒު ކޮށްފައެވެ. އަދި މި ހަމަލާތަކުގައި ރަޝިއާއިން ބޭނުން ކުރަމުންދަނީ ސޯވިއެޓް ޔޫނިއަންގެ ދުވަސްވަރުގެ، އަމާޒަށް ވާސިލް ވުމުގެ ގާބިލްކަން ލިބިފައި ނުވާ މިސައިލްތައް ކަމަށް އަސްކަރީ ތަޖުރިކާރުން ގެންދަވަނީ ވިދާޅުވަމުންނެވެ. އޭގެ ނަތީއެއްގެ ގޮތުން މި މިސައިލްތަކުގެ ބޭނުން ކޮށްގެން ދެވޭ ހަމަލާތަކުގައި އެތައް ބަޔަކު ދަނީ މަރުވަމުންނެވެ.
އެހެންނަމަވެސް، މިހަފްތާފެ ހުކުރު ދުވަހު، ކްރެމްލިންގެ ތަރުޖަމާން ޑިމިޓްރީ ޕެސްކޯވްވަނީ އެގައުމުން އާންމުންނަށް އަމާޒުކޮށް ހަމަލާ ދެމުންދާކަމަށް ކުރާ ތުހުމަތުތައް ތަކުރާރުކޮށް ދޮގު ކުރައްވާފައެވެ.
ޔޫކުރެއިންގެ ސްޓޭޓް އެމަރޖެންސީ ސާވިސްއިން ބުނެފައި ވާގޮތުގައި، ސާހިޔިވްކާ ވިލެޖަށް މިސައިލް ހަމަލާ ދީފައިވަނީ މެންދަމު ގަޑިން 1:00 ގައެވެ. މިސާވިސްއިންވަނީ، ބިމާ ހަމަވެފައިވާ 9 ބުރީގެ އިމާރާތުގެ ދަށުވެފައިވާ މީހުން ސަލާމަތްކުރުމަށް އަލިފާން ނިއްވާ މީހުން މަސައްކަތް ކުރަމުންދާ މަންޒަރުވެ ވީޑިއޯ އާންމު ކޮށްފައެވެ.
ސްޓޭޓް އެމަރޖެންސީ ސާވިސްއިން ބުނެފައިވަނީ، ރަޝިއާއިން ދިން މި ހަމަލާތަކުގައި 38 މީހަކަށް އަނިޔާ ވެފައި ވާކަމުގައެވެ. މީގެ ތެރޭގައި 6 ކުޑަކުއްޖަކުވެސް ހިމެނޭކަމަށް ބުނެފައި ވެއެވެ.
ރަޝިއާއިން ޔޫކުރެއިންގެ އޮޑެސާ ސަރަހައްދަށް ދިން ހަމަލާތަކުގައި ގިނަ އަދަދެއްގެ މީހުން މަރުވުމާއި ގުޅިގެން، ޔޫރަޕްގެ ގައުމުތަކުގެ ލީޑަރުން ގެންދަވަނީ މިހަމަލާ ކުއްވެރި ކުރައްވަމުންނެވެ. މިގޮތުން ޖާމަނީން ބުނެފައިވަނީ، މިހަމަލާގެ ބަދަލުގައި ރަޝިއާގެ ރައީސް ޕުޓިން ޒިންމާދާރު ކުރުވަން ޖެހޭނެ ކަމުގައެވެ.
ކޮމެންޓު ފޮނުވާ