ހަދާ ނުނިމޭ އިމާރާތެއް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ކުއްޔަށް ހިފުމަށްފަހު ގިނަ ދުވަސްތަކެއް ވަންދެން އެތަނަށް ކުލިދެއްކި މައްސަލަ ތިންވަނަ ފަހަރަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވައިފިއެވެ.
އޭސީސީން ބުނީ އެ ކޮމިޝަނުން ތަޙްޤީޤުކޮށްފައިވާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) އިން މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް (އެމް.އެމް.އައި) ހުޅުވުމަށްޓަކައި ހަދާނުނިމޭ ޢިމާރާތެއްގެ 02 ފްލޯރ ކުއްޔަށް ނަގައިގެން ކުލި ދައްކަމުންދަނީ ގަވާއިދާ ޚިލާފަށް ކަމަށް ބުނާ މައްސަލާގައި ދަޢުވާކޮށްދިނުމަށް މިއަދު މި މައްސަލަ އަލުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށެވެ.
އެގޮތުން، މި މައްސަލާގައި ދަޢުވާކުރުމަށް ފޮނުވާފައިވަނީ ޕީ.އެސް.އެމް ގެ ޕްރޮކިއުމަންޓް ޑިޕަރޓްމަންޓްގެ ކުރީގެ ޑިރެކްޓަރ މުޙައްމަދު ހާޝިމް (ފާލްސާގެ / ކ.މާލެ) ގެ މައްޗަށެވެ. އޭނާގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވަނީ، ދިވެހިރާއްޖޭގެ ޤާނުނުލްޢުޤޫބާތުގެ ދަށުން، ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން އޭނާއަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދަޢުވާއާއި، ތިމާއަށް ނުވަތަ އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ މަޤްޞަދުގައި، އެކަން ކުރުމުގެ ކުށުގެ ދަޢުވާއެވެ. މި މައްސަލައަކީ 22 ނޮވެންބަރު 2016 ގައި އޭސީސީން ތަޙްޤީޤުކޮށް ނިންމާފައިވާ މައްސަލައެއްކަމަށާއި، ދެ ފަހަރެއްގެ މަތިން ދަޢުވާކުރުމަށްޓަކައި ކުރިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލައެއްކަމަށް އޭސީސީން ބުނެއެވެ.
މި މައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ޕަބްލިކް ސަރވިސް މީޑިއާ ގެ ޤާނޫނުގެ ދަށުން ޕީ.އެސް.އެމް ގެ މައްޗަށް ލާޒިމްކޮށްފައިވާ، މީޑިއާ ޓްރޭނިންގ އިންސްޓިޓިއުޓް ޤާއިމްކުރުމަށް ޢިމާރާތެއް ހޯދުމަށް އެ ކުންފުނިން ކުރި އިޢުލާނާގުޅިގެން ހުށަހަޅާފައިވާ 3 ބިޑް އިވެލުއޭޓްކުރުމަށްފަހު، އަންދާސީހިސާބު ބަލާ ކޮމިޓީން ކުއްޔަށް ހިފުމަށް ނިންމާފައިވަނީ ހ.ޖޯޖެޑްވިލާގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާކަމަށް އޭސީސީން ނެރުނު ބަޔާނުގައިވެއެވެ. އެހެންނަމަވެސް، އެބިޑާއެކު ހުށަހަޅާފައިވާ އަރކިޓެކްޗަރަލް ކުރެހުންތަކުން ފްލޯރ ޕްލޭން ރާވާނެގޮތެއް ނޭނގޭތީ، އެ ޢިމާރާތް ކުއްޔަށްހިފުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ޢިމާރާތް ކުއްޔަށްހިފުމަށް ރިކުއެސްޓްކުރި ޑިޕާޓްމަންޓުންނާއި މީޑިއާ އިންސްޓިޓިއުޓް ރެޕްރެޒެންޓް ކުރާ އިސް ފަރާތަކުން އެ ޢިމާރާތް ކުރިޔާލައި ސުޕަވައިޒްކޮށް، އެތަނަކީ ޕީ.އެސް.އެމް އިން ބޭނުންވާ ފަދަ ތަނެއްތޯ ޔަޤީންކޮށް ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް އެންގުމަށް އަންދާސީ ހިސާބު ބަލާ ކޮމިޓީން ވަނީ ނިންމާފައެވެ. އެގޮތުން، އަންދާސީހިސާބު ބަލާ ކޮމިޓީން ކުއްޔަށް ހިފުމަށް ނިންމާފައިވާފަދައިން އެ ޢިމާރާތް ބެލުމަށް ޕީ.އެސް.އެމްގެ އިސް ދެ ފަރާތަކުން ދިޔަކަން ޕީ.އެސް.އެމްގެ ކަމާބެހޭ އިދާރީ ލިޔުންތަކުން އެނގޭކަމަށްވެސް ބުނެފައިވެއެވެ.
މީގެއިތުރުން، ހ.ޖޯޖެޑްވިލާގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާ، ކޮންމެ ފަންގިފިލާއަކަށް މީލާދީ ކޮންމެ މަހަކަށް -/37،000 ރުފިޔާގެ ރޭޓުން ކުއްޔަށް ހިފާފައިވާއިރު، އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެ ޢިމާރާތް ބޭނުންކުރުމުގެ ހުއްދަ ދީފައިނުވަނީސްކަން ތަޙްޤީޤަށް ފާހަގަކުރެވިފައިވާކަމަށް ބުނެފައިވެއެވެ. އަދި އެއެއްބަސްވުމުގެ 10 ވަނަ މާއްދާގައި، ކުއްޔަށް ހިފި މުއްދަތު ގުނަން ފަށާނީ 01 ޑިސެމްބަރ 2015 ކަމަށް ބަޔާންކޮށްފައި ވީނަމަވެސް، 01 ޑިސެމްބަރ 2015 ވަނަ ދުވަހުގެ ކުރިން ޢިމާރާތް ޕީ.އެސް.އެމް އިން ބޭނުންވާ މިންވަރަށް ފުރިހަމަކޮށް ޙަވާލުކޮށްފައި ނުވާއިރު، އެކަމާ ގުޅިގެން ޕީ.އެސް.އެމް އިން ފިޔަވަޅު އަޅާފައިނުވާކަން ވެސް ތަޙްޤީޤަށް ފާހަގަވެފައިވާކަމަށް އޭސީސީން ބުނެއެވެ.
އަދި ހަމައެއާއެކު، އިސްވެ ދެންނެވުނު އެއްބަސްވުމުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް ޢިމާރާތް ކުއްޔަށްދޭ ފަރާތުން ކޮށް ނިންމާންޖެހޭ މަސައްކަތްތައް ހުރީ ނިންމާފައިކަމަށް ބަޔާންކޮށް ޕީ.އެސް.އެމް ގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ކުރީގެ ޑިރެކްޓަރ، މުޙައްމަދު ހާޝިމް (ފާލްސާގެ / ކ.މާލެ) ސޮއިކޮށް އެ ކުންފުނީގެ އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓަށް މެމޯ ފޮނުވާފައިވާކަމާއި، އެ މެމޯއަށް ބަލައި ޕޭމަންޓް ވައުޗަރު ހަދައި، އެ ޢިމާރާތުގެ 2015 ވަނަ އަހަރުގެ ޑިސެމްބަރ އަދި 2016 ޖަނަވަރީ މަހުގެ ކުލީގެ ގޮތުގައި -/111,000 (އެއްލައްކަ އެގާރަހާސް) ރުފިޔާ ޕީ.އެސް.އެމް އިން ޢިމާރާތް ކުއްޔަށް ދޫކޮށްފައިވާ ފަރާތަށް ދީފައިވެއެވެ.
-އޭސީސީގެ ބަޔާނުގައިވެއެވެ.
އޭސީސީން ބުނީ އޭގެފަހުންވެސް 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ޖޫން މަހާ ހަމައަށް އެ ޢިމާރާތުގެ ކުލި ކަމުގައިވާ -/74000 (ހަތްދިހަހަތަރުހާސް) ރުފިޔާ ޕީ.އެސް.އެމް އިން ދައްކާފައިވާކަން ތަޙްޤީޤަށް ލިބިފައިވާ ލިޔުންތަކުން އެނގޭކަމަށެވެ. އެހެންކަމުން، އެއްބަސްވުމުގެ 16 ވަނަ މާއްދާގައި ބުނާފަދައިން، ޕީ.އެސް.އެމްއާ ޢިމާރާތް ޙަވާލުކުރުމުގެ ކުރިން ޢިމާރާތް ކުއްޔަށްދޭ ފަރާތުން ކޮށް ނިންމަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ކަންތައްތައް އެތަން ކުއްޔަށްދިން ފުރިހަމަ ކޮށްފައި ނުވަނީސް، އެ މަސައްކަތްތައް ހުރީ އެއްބަސްވުމުގައިވާގޮތަށް ނިންމާފައިކަމަށް ބަޔާންކޮށް، ޕީ.އެސް.އެމް ގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ކުރީގެ ޑިރެކްޓަރ، މުޙައްމަދު ހާޝިމް އެކަމާގުޅޭ އިދާރީ މެމޯ ގައި ސޮއިކޮށްފައިވާތީ، އޭނާގެ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށް ވަކި ފަރާތަކަށް މަންފާތަކެއް ހޯދަން މަސައްކަތް ކޮށްފައިވާކަން ތަޙްޤީޤަށް ފާހަގަކުރެވޭކަމަށެވެ.
މީގެ ކުރިން ދެފަހަރެއްގެ މަތިންމިމައްސަލަ އޭސީސީން ތަހުގީގްކޮށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވުމުން ތަހުގީގް އިތުރަށް ފުރިހަމަކުރުމަށްކަމަށް ބުނެ ވަނީ އަނބުރާ ފޮނުވާލާފައެވެ. ސަރުކާރު ބަދަލުވެ ޕީއެސްއެމްގެ މެނޭޖްމަންޓް ބަދަލުވުމުން އަނެއްކާވެސް އޭސީސީން މިމައްސަލަ ތަހުގީގްކޮށް ދައުވާކުރަން ފޮނުވާފައިވާއިރު، ހަދާ ނުނިމޭ އިމާރާތަތަކށަސް ޕީއެސްއެމް އިން ކުލިދައްކަމުން ދިޔައީ އޭރުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބްދުއްލަތީފެ ނުފޫޒުންކަމަށް ޕީއެސްއިން ބުނެފައިވެއެވެ. ނަމަވެސް އެތުހުމަތުތައް އިކްރާމް ދޮގުކުރެއެވެ.
ކޮމެންޓު ފޮނުވާ