ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު އިބުރާހިމް ފަލާހު އެއްޖިންސުން ގުޅުން ހިންގާފައި ވާކަމަަށް ތުހުމަތުކޮށް، ދޮގު ޚަބަރެއް ދުވަސް އެމްވީ ނަމަކަށް ކިޔާ އޮންލައިން ނޫހުގައި ޝާއިއު ކުރެވިފައި ވާތީ އެނޫހުން އޭނާގެ ކިބައިން މާފަށް އެދިއްޖެއެވެ.
މިމަހުގެ 26 ވަނަ ދުވަހު، ދުވަސް އެމްވީ ނަމަކަށް ކިޔާ އޮންލައިން ނޫހުގައި މި ޚަބަރު ޝާއިއު ކުރުމާއި ގުޅިގެން އެނޫހާއި ދެކޮޅަށް ފަލާހުވަނީ ޕޮލިހަށް މައްސަލަވެސް ހުށަހަޅުއްވާފައެވެ.
މި ނޫހުގެ މައްސަލަ ޕޮލިހަށް ހުށަހަޅުއްވުމަށްފަހު ޚަބަރު އޮންލައިނަށް މައުލޫމާތު ދެއްވަމުން ފަލާހު ވިދާޅުވެފައިވަނީ ދުވަސް އެމްވީ ނަމަކަށް ކިޔާ އޮންލައިން ނޫހެއްގައި އޭނާއާއި ގުޅޭގޮތުން ފަތުރާފައިވަނީ ހަގީގަތެއް ނެތް ދޮގު ވާހަކައެއް ކަމަށާއި، އަދި އެއްވެސް ހަގީގަތަކަށް ބެލުމެއްނެތި އެ ނޫހުގައި ޝާއިއުކުރި މިޚަބަރުގެ ސަބަބުން އޭނާގެ އާއިލާއަށާއި ވިޔަފާރިއަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ. އަދި އެއްވެސް ސަބަބެއް ނެތި މިނޫހުން އޭނާގެ އަބުރަށް އަރައިގަތް މައްސަލަ ޕޮލިހަށް ހުށަހަޅުއްވާފައިވާ ކަމުގައިވެސް ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވި ގޮތުގައި އޭނާގެ އަބުރު ކަތިލުމަށް ދޮގު މައުލޫމާތު ފަތުރަމުން ދަނީ ޕީޕީއެމްގެ ބަޔަކު އަޑީގައި ތިބެގެން ކަމަށާއި، އެކަން އޭނާއަށް ކަށަވަރުވަނީ މި ދޮގު މައުލޫމާތު އެންމެ ފުރަތަމަ ފަތުރާފައިވަނީ އިންޑިއާ އައުޓު ކެމްޕޭން ހިންގާ ބައެއް ފަރާތްތަކުން ކަމުގައި ވާތީއެވެ.
އަދި އޭނާ ވިދާޅުވެފައިވަނީ މި ނޫހުން އޭނާގެ އަބުރަށް އަރައިގަތް މައްސަލަ ސިވިލް ކޯޓަށްވެސް ހުށަހެޅުއްވުމަށް އޭނާ ތައްޔާރު ވަމުން ގެންދަވާ ކަމުގައެވެ.
ފަލާހު އިތުރަށް ވިދާޅުވެފައިވަނީ އެއްޖިންސުން ގުޅުން ހިންގާ ކަމަށް ބުނެ، ދީނުގައި ނަހީ ކުރައްވާފައިވާ މި ނުބައި އަމަލަށް އޭނާ އަރައިގެންފައިވާކަމަށް ދުވަސް އެމްވީ ނަމަކަށް ކިޔާ މިނޫހުގައި މި ދޮގު ޚަބަރު ޝާއިއު ކުރުމާއި ގުޅިގެން އޭނާ ފުރާނައަށްވެސް ނުރައްކާ ވެފައި ވާކަމުގައެވެ.
ފަލާހު ވިދާޅުވި ގޮތުގައި، އޭނާއާއި ގުޅޭގޮތުން މި ދޮގު ޚަބަރު ޝާއިއު ކޮށްފައިވަނީ، ސިޔާސީ ގޮތުން ދެކޮޅުވެރި ބަޔަކު އަޑީގައި ތިބެގެން އޭނާގެ އާއިލާއަށާއި ވިޔަފާރިއަށް ގެއްލުން ދިނުމުގެ މަގުސަދުގައެވެ.
ފަހުން ސޯޝަލް މީޑިއާގައި އާންމު ވެގެން ގޮސްފައިވާ ފޮޓޯތަކުން ހާމަ ވެފައި ވާގޮތުގައި ކުރީގެ މެމްބަރު ފަލާހު ކަމަށް ބުނި މިމީހާއަކީ އެހެން މީހެއްކަން ވަނީ ހާމަވެގެން ގޮސްފައެވެ. އެއަށްފަހު، ދުވަސް އެމްވީ ނޫހުގައި ފަލާހުއަށް ނިސްބަތްކޮށް ލިޔުނު ޚަބަރު އާކައިވް ކޮށް އަދި މިލިޔުމަށް ބަދަލު ގެނެވިފައި ވާކަމަށާއި، އެ ނޫހުގެ ސޯޝަލް މީޑިއާ އެކައުންޓްތަކުންވެސް އެ ޚަބަރު ފޮހެލެވިފައި ވާކަމަށް ލިޔެފައި ވެއެވެ.
އޭގެ އިތުރުން މި ލިޔުން ޝާއިއު ކުރެވުނީތީ ކިޔުންތެރިންގެ އަރިހުންނާއި ކުރީގެ މެމްބަރު އިބުރާހިމް ފަލާހުގެ އަރިހުންވެސް އެ ނޫހުން މާފަށް އެދިފައި ވެއެވެ.
ކޮމެންޓު ފޮނުވާ