ފުޅަދާއިރާގައި ބްލެކްމެއިލްކުރުމާއި އެއް ޖިންސުން ގުޅުންހިންގުމާއި ގުޅުންހުރި މައްސަލަތައް މާޗްމަހުން ފެށިގެން ފުލުހުންގެ ސަމާލުަކމަށް އައިސްގެން ތަހްގީގްކުރަމުން އަންނަކަމށް އެސިސްޓަން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޒް ވިދާޅުވެއްޖެއެވެ. ރިޔާޒް މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ޕްރެސްކޮންފަރެންސްގައެވެ.
ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ހެޑް ރިޔާޒްވަނީ މީޑިއާތަކުން އެކަމާއި ގުޅުންހުރި މައުލޫމާތުތައް ފަތުރާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން މީޑިއާތަކުން ފަތުރާ މައުލުމާތުތަކުގެ ސަބަބުން ފުލުހުންގެ ތަހުގީގަށް ހުރަސް އެޅޭކަމަށް ރިޔާޒް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ފުޅާދާއިރާއެއްގައި ބްލެމެއިލް ކުރުމާއި، އެއް ޖިންސުން ގުޅުން ހިންގުމާއި ގުޅުންހުރި މައްސަލަތަކަކަކީ ޤާނޫނުން ބޮޑު އަދަބުތަކެއް ކަނޑައެޅިފައިވާ ކުށެއްކަމަށެވެ. ފުލުހުންގެ އިދާރާއަށް ހުށައެޅޭ މައްސަލަތައް އިޖްރާއަތާއި އެއް ގޮތަށް ކުރިއަށްގެންދާކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.
ރިޔާޒް ވަނީ އަދިވެސް ގިނަ ބައެއްގެ ވީޑިއޯތައް އަޕްލޯޑްކުރަމުން އަންނަކަން ފާހަގަކުރައްވާ ތަހުގީގަށް ހުރަސް އެޅޭގޮތަށް އެޑްވާސްކޮށް އެ މައުލޫމާތުތައް ނުފެތުރުމަށް އެދިވަޑައިގެންފައެވެ. ރިޔާޒް ވަނީ އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަކަމަށްވެސް ވިދާޅުވެފައެވެ.
ރިޔާޒް މިހެން ވިދާޅުވެފައިވާއިރު، ސަރުކާރުގެ އިސް ފަރާތްތަކާއި ގުޅުންހުރި ބައެއްގެ ބަރަހަނާ ފޮޓޯތަކާއި، އެއް ޖިންސުން ގުޅުންހިންގާ ފޮޓޯއާއި ވީޑިއޯތަކެއް އަންނަނީ ދައުރުވަމުންނެވެ. އެގޮތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު އެއްޖިންސުން ގުޅުންހިންގާ ވީޑިއޯގެ މައްސަލާގައި އޭނަގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ. އަދި އެމްޑީޕީގެ ޕީޖީ ޑެޕިއުޓީ ލީޑަރު އަނދުން ހުސައިން އިތުރު ބަޔަކާއެކު ބަރަހަނާކޮށް ތިބޭ ފޮޓޯއެއްވެސް އަންނަނީ ދައުރުވަމުންނެވެ. މިނޫނަސް ބައެއް މީހުން އެއްޖިންސުން ގުޅުންހިގާކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.
ކޮމެންޓު ފޮނުވާ