ރިޟުވާންގެ މަރުގެ މައްސަލާގައި 3 މީހަކު ހައްޔަރުކޮށްފި

ރިޟުވާންގެ މަރުގެ މައްސަލާގައި 3 މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
26 ޖޫން 2022 01:22
0

މަރާލާފައިވާ ނޫސްވެރިޔާ ރިޟުވާން ޢަބްދުﷲގެ މަރުގެ މައްސަލާގައި ތުހުމަތު ކުރެވޭ ތިން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ރިޟުވާން މަރާލާފައިވާ މައްސަލައާއި ގުޅޭ ޖިނާއީ ކުށްތައް ރާވައި ހިންގުމުގައާއި އެކުށް ހިންގުމަށް މަގުފަހި ކުރުވައި ޓެރަރިޒަމްގެ އަމަލުތައް ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން މއ.ފާގަފިލާގޭ، އުމުރުން 39 އަހަރުގެ އަހުމަދު އިސްމާއިލްއާއި، ކ.މާލޭ ދަފްތަރު ނަންބަރު RS8499 އުމުރުން 40 އަހަރުގެ އަހުމަދު މުއާޒު، އަދި މ.ލެގޫންވިއު އުމުރުން 30 އަހަރުގެ އިސްމާއިލް އަބްދުއްރަހީމް ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިކަމަށެވެ.

ރިޟުވާން ވަގަށްނަގައި މަރާލާފައިވާ މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި މިތިންމީހުންގެ ދައުރު މިކަމުގައި އޮތްކަން ވަނީ ހާމަވެފައެވެ. މިއަދު ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރެއިން އިސްމާއިލް އަބްދުއްރަހީމް އަކީ ރިޟުވާން ގެއްލުމުގެ ކުރިން އޭނާއަށް ފާރަލައި ހެދި މީހެއްކަމަށް ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އެކުލަވާލި ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓުން އެގެއެވެ. އެކޮމިޝަންގެ ރިޕޯޓުގައި އޭނާއަކީ ސީރިއަސް ޖިހާދަށް ދިއުމަށްޓަކައި ތުރުކީގެ ބޯޑަރު ހުރަސް ކުރަން އުޅެނިކޮށް ޑީޕޯޓް ކޮށްލާފައިވާ މީހެއްކަންވެސް އެގެއެވެ.

މީގެ އިތުރުންވެސް ބައެއް އެކި ހަމަނުޖެހުންތަކުގައާއި، ހަރުކަށި ފިކުރުގެ އެކި ހަމަނުޖެހުންތަކުގައި އިސްމާއިލް އަބްދުއްރަހީމް ބައިވެރިވެފައިވާކަން މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓުން އެގެއެވެ.

ރިޟުވާން ގެއްލިފައިވަނީ 2014ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ. ހުޅުމާލޭގައި ދިރިއުޅޭ ރިޟްވާން، 2014ވަނަ އަހަރުގެ އޮގަސްޓު މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ދަންވަރު 12:45ހާއިރު، ހުޅުމާލޭ ފެރީ ޓާމިނަލުން ޓިކެޓު ގަނެގެން ފެރީއަށް އެރުމަށް ދާ މަންޒަރު މާލޭގައި ހަދާފައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލްގެ ސީސީޓީވީ މަންޒަރުތަކުން ވަނީ ފެނިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.