ބ. ބޮޑުފިނޮޅުގައި ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތުގައި އުޅުނު 46 ބިދޭސީއަކަށް މުސާރަ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ ކުންފުނި، އާރުއައިއެކްސް ކުންފުނީގެ މައްޗަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފިއެވެ.
އެ ރަށުގައި މަސައްކަތް ކޮށް، މުސާރަ ދީފައި ނުވާ 199 ބިދޭސީންނާއި ދެ ދިވެހިންގެ ތެރެއިން މިހާރު ފައިސާ ނުދީ ވަނީ 46 ބިދޭސީންނަށެވެ. ޕަބްލިކް އިންޓަރަސްޓް ލޯ ސެންޓަރުން އާއްމުކުރި ނޫސްބާނެއްގައި ވަނީ، އެ 46 ބިދޭސީންގެ މައްސަލަ މިިދިޔަ ބުދަ ދުވަހު ނިންމާފައިވާ ކަމަށާއި ވަޒީފާއާ ބެހޭ ޓްރިބިއުނަލްއިން ނިންމާފައި ވަނީ، އެ މުވައްޒަފުންގެ ފަސް މަހުގެ މުސާރައަށް ވާ 35،000 ރ. އަދި ކޮއްތު ފައިސާގެ ގޮތުގައި 6000ރ. އާއެކު ޖުމުލަ 41،000 ރުފިޔާ ކޮންމެ މީހަކަށް ދިނުމަށް ކަމަށެވެ.
ބޮޑުފިނޮޅުގައި މަސައްކަތްކުރި 199 ބިދޭސީން މުސާރަ ދީފައިނުވާތީ އެ ބިދޭސީން ވަނީ އެރަށުގައި ތިން ދިވެއްސަކު ރަހީނުކޮށް އިހުތިޖާޖުކޮށްފައެވެ. ފުލުހުން އެރަށަށް އަރަން ދިއުމުން ބިދޭސީން ވަނީ ފުލުހުންނަށް ގާ ބުރިންނާއި ދަނޑިބުރިން ހަމަލާދީފައެވެ. އެގޮތުން ދެ ފަހަރެއްގެ މަތިން ވަނީ ހަމަލާދީފައެވެ.
ފުލުހުން ވަނީ ރާއްޖޭގައި ހުންނަ ބަންގުލަދޭޝް އެމްބަސީގެ ޑިޕްލޮމެޓެއްގެ އެހީގައި އެރަށަށް އަރައި ހަމަނުޖެހުން ހިންގި ބިދޭސީން ހައްޔަރުކޮށް ރަހީނުކުރި ދިވެހިން ސަލާމަތްކޮށްފައެވެ.
އެ މައްސަލައާ ގުޅިގެން މެންބަރު ރިޒާގެ މައްޗަށް ދައުލަތުން ވަނީ ހިއުމަން ޓްރެފިކިންގެ ދައުވާކޮށްފައެވެ. އެ މައްސަލައަށް މިހާރު ދެ އަހަރު ވެފައިވާ އިރު، އަދިވެސް ދައުލަތުން ރިޒާގެ މައްޗަށް ދައުވާ އިއްވައިފައެއް ނުވެއެވެ. ދައުވާ އިއްވަން ބާއްވާ ކޮންމެ ޝަރީއަތެއް ވަނީ ކެންސަލްވެފައެވެ. އެގޮތުން ރިޒާގެ ޝަރީއަތް ވަނީ ހަތަރު ފަހަރެއްގެ މަތިން ކެންސަލްކޮށްފައެވެ.
ކޮމެންޓު ފޮނުވާ