ކުރީގެ ރައީސް ޔާމީން ސަރުކާރުގައި ކުލަގަދަކޮށް ޔޯގާ ދުވަސް ފާހަގަކުރިއިރު އެކަން ނުހުއްޓުވައި، މިހާރު އެކަމާއި ދެކޮޅަށް ނިކުތީ ސިޔާސީ ބޭނުމެއްގައިކަމަށް ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.
ޔޫތު މިނިސްޓްރީއާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގުޅިގެން ގަލޮޅު ދަނޑުގައި މިއަދު ބޭއްވި ޔޯގާ ހަރަކާތަށް ހުރަސް އަޅައި އެކަން ވަނީ ބަޔަކު ހުއްޓުވާފައެވެ. މިއާއެކު ސަރުކާރުން ދަނީ އެކަން ކުށްވެރިކުރަމުންނެވެ. މިކަމާއި ގުޅިހެން މަޚްލޫފް ވިދާޅުވީ، 2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ޔޯގާ ޑޭ ފާހަގަ ކުރަމުން އަންނަ ކަމަށާއި، ނަމަވެސް އޭރު މިކަން "ހަރާމް ކަމަކަށް" ނުވިކަމަށެވެ. ނަމަވެސް މިހާރު ހަރާމް ވާން ނުޖެހޭ ކަމަށާއި ޔޯގާއަކީ އަޅުކަމެއް ނޫން ކަމަށް އޭނާ މިހާރު ހަރާމްވާން ނުޖެހޭކަމަށާއި ޔޯގާއަކީ އަޅުކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
މިއީ ބަލައިގަނެވޭނެ ކަމެއް ވެސް ނޫން. މިއީ އަޅުކަމެއް ނޫން. މިއީ ކަސްރަތެއް. މީގެ ކުރިންވެސް މިދުވަސް ވަނީ ފާހަގަކޮށްފަ. ރައީސް ޔާމީން ސަރުކާރުގަވެސް ކުރި. އެހެންވީމަ މިހާރު މިކަން ހަރާމްވާން ޖެހޭ ސަބަބެއް ނެތް..
– މަޚްލޫފް ވިދާޅުވިއެވެ.
މަޚްލޫފް ވިދާޅުވީ ހަރަކާތް ހުއްޓުވީ ސިޔާސީ ބޭނުމެއްގައިކަމަށެވެ. މަޚްލޫފް ވިދާޅުވީ، ހަމަނުޖެހުންތަކުގައި ޕީޕީއެމްގެ އިސް ސަފުގައި އުޅޭ މީހުން ތިބި ކަމަށާއި، ޖަމިއްޔަތުއް ސަލަފަކީ ވެސް މިހާރު ރަނގަޅު ނިޔަތެއްގައި އުޅޭ ބައެއް ނޫންކަން މިއަދު އެމީހުން ޔަގީން ކޮށްދީފިކަމަށެވެ. އަދި މިއަދު ހިނގާދިޔަ ހަމަނުޖެހެމަކީ ބޭރު ގައުމުގެ އިސްވެރިންގެ ކުރިމަތީގައި ހިނގި ލަދުވެތި ކަމެއްގެ ގޮތުގައި މިނިސްޓަރ ވަނީ ސިފަކުރައްވާފައެވެ.
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި، ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން އިންތިޒާމްކޮށްގެން މިއަދު ހެނދުނު 06:30ގައި ބޭއްވި ހަރަކާތާއި ދެކޮޅަށް ބަޔަކު ވަނީ އެސަރަހައްދަށް އެއްވެސް އަޑުއުފުލާފައެވެ. އަދި ފުލުހުންގެ ބެރިކޭޑްސްތައް ފޫއަޅުވާލައި އެއްވުމުގެ ބައިވެރިންވަނީ ގަލޮޅު ދަނޑަށް ވަދެ، އެ ހަރަކާތް ހުއްޓުވާފައެވެ. މި ހަރަކާތް ހުއްޓުވިއިރު ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފާއި، އިންޑިއާ ހައިކޮމިޝަނަރާއި ބޭރު ޖަމްޢިއްޔާތަކުން ރާއްޖެއަށް ކަނޑައެޅުއްވި ބައެއް މަންދޫބުންވެސް ތިއްބެވިއެވެ. އެއްވުމުގެ ބައިވެރިން ވަނީ ދަނޑަށް ވަދެ، އެ ސަރަހައްދުގައި ހުރި ބައެއް ތަކެއްޗަށް ހަމަލާދީފައެވެ. އަދި ބައެއް މީހުންނަށްވެސް ހަމަލާދީފައިވާކަމަށް މަންޒަރުދުށް ބައެއް މީހުން ބުނެފައިވެއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ، މުޒާހަރާގެ ތެރެއިން 6 ފިރިހެނަކު ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. އަދި މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަކަމަށްވެސް ފުލުހުން ބުންޏެވެ.
މި ހަރަކާތަކީ އެންމެ ފުރަތަމަ އާރޓިފިޝަލް ބީޗުގައި ބާއްވަން އިންތިޒާމްކުރި ހަރަކާތެކެވެ. އެހެންނަމަވެސް ހަރަކާތް ބީޗް ސަރަހައްދުގައި ބޭއްވުމުގެ ހުއްދަ ސިޓީ ކައުންސިލުން ނުދިނުމުގެ ސަބަބުން މި ހަރަކާތް އިންތިޒާމްކުރާ ފަރާތުން މިއަދު ހެނދު ހަރަކާތް ބޭއްވުމަށް މަސައްކަތް ކޮށްފައިވަނީ ގަލޮޅު ދަނޑުގައެވެ.
އަދި މިއަދު ހެނދުނު މި ހަރަކާތް އިންތިޒާމްކުރާ މީހުން ދަނޑަށް ހާޒިރުވި އިރުވެސް އާންމު ދިޔައީ އެ ސަރަހައްދަށް އެއްވެ މިހަރަކާތާއި ދެކޮޅަށް އަޑު އުފުލަމުންނެވެ.
ފުލުހުންގެ ސަފުތައް ފޫއަޅުވާލުމަށްފަހު ގަލޮޅު ދަނޑުތެރެއަށް ވަދެގަތް އާންމުން ވަނީ އިންވެޓު ބޭއްވުމަށް ހަމަޖެހުނު ސަރަހައްދުގައި ޖަހާފައިހުރި ރާއްޖެއާއި އިންޑިއާގެ ދިދަތަށް ބިންދާލާ އަދި ޔޯގާ ހަރަކާތް ބޭއްވުމަށް އަތުރާފައިތިބި ބައެއް މެޓްތައް ވީދާ ހަދާ، ގަލޮޅު ދަނޑު ތެރޭގައި މިހަރަކާތާއި ދެކޮޅަށް އަޑުއުފުލާ ހަދާފައެވެ. އަދި ގަލޮޅު ދަނޑުތެރެއަަށް ވަދެގަތް މީހުންނާ ފުލުހުންނާ ދެމެދު ކޮންމެވެސް ވަރަކަށް ހަމަނުޖެހުންވެސް ހިނގާފައި ވެއެވެ.
އެހެންނަމަވެސް، ފުލުހުން ފަހުން މިސަރަހައްދުން މީހުން ދުރަށް ޖައްސާފައިވާއިރު، މިހަރަކާތް ހުއްޓުވުމަށް ގަލޮޅު ދަނޑުތެރެއަށް ވަދެގަތް މީހުންގެ ތެރޭގައި ސިޔާސީ ހަރަކާތްތަކުން އާންމުކޮށް ފެންނަ މޫނުތަކުގެ އިތުރުން ދީނީ ބައެއް އިލްމުވެރިންވެސް ހިމެނެއެވެ. އަދި އެމީހުންތިބީ ދީނީ ޝިއާރުތަށް ލިޔެފައިވާ ދިދަތަކާއި ބެނާތައް ހިފައިގެންނެވެ.
ޔޫތު މިނިސްޓްރީން ހިންގުމަށް ރާވާފައިވާ ޔޯގާ ހަރަކާތް ހުއްޓުވުމަށް ގިނަބަޔަކު އެދެމުން ދަނިކޮށް، އިލްމުވެރިންގެ ގުޅުމުން އިސްލާމިކް މިނިސްޓްރީއަށް އިއްޔެ ވަނީ މިހަރަކާތް ހުއްޓުވުމަށް އެދި ސީޓީއެއްވެސް ފޮނުވާފައެވެ.
އިލްމުވެރިންގެ ގުޅުމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް ޑރ. އަޙްމަދު ޒާހިރަށް، އެޑްރެސްކޮށް ފޮނުވި ސިޓީގައި ބުނެފައިވަނި ޔޯގާގެ ދުވަހުގެ ގޮތުގައި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފާހަގަ ކުރަމުން އަންނަ ހިންދޫންގެ އަޅުކަމުގެ ޙަރަކާތްތައް މިރާއްޖޭގައި ފެތުރެމުން ދިއުމަކީ ދީނީ ޢިލްމުވެރިންގެ ޙައިޘިއްޔަތުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއްކަމަށެވެ.
އަދި ޔޯގާގައި ކޮންމެވެސް މިންވަރެއްގެ ޞިއްޙީ ފައިދާތަކެއް ހުރެދާނެ ކަމަށް ބެލެވުނަސް، އެފަދަ ނުވަތަ އެއަށްވުރެ ބޮޑެތި ފައިދާތައް އިސްލާމްދީނުގައި ޝަރުޢުކުރައްވާފައިވާ ނަމާދާއި އެނޫން ކަސްރަތުތަކާއި ޙަރާކާތްތަކުން ލިބޭނެ ގޮތްތައް ހުރެމެ، އެހެން ބައެއްގެ ޚާއްޞަ ދީނީ އަޅުކަމެއްގެ ގޮތުގައި ހިމެނިފައިވާ ޢަމަލުތަކެއްގައި ބައިވެރިވެ ހެދުމަކީ ދީނީ ގޮތުން ހުއްދަވާނެ ކަމެއް ނޫންކަން ދައުލަތުގެ ރަސްމީ ފެންވަރުގައި ޢާއްމުކޮށް އިޢުލާނުކޮށް ދެއްވުމަށްވެސް ވަނީ މިބަޔާނުގައި އެދިފައެވެ.
ކޮމެންޓު ފޮނުވާ