އިސްރާއީލުގެ ގާނޫނުހަދާ މަޖިލިސް އުވާލުމަށްޓަކާ އެމަޖިލީހަށް ބިލެއް ހުށަހެޅުއްވުމަށް، އިސްރާއީލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓްއާއި އޭނާގެ ކޯލިޝަން ޕާޓްނަރު، ފޮރިންގ މިނިސްޓަރު ޔައިރު ލެޕިޑް ނިންމަވައިފިއެވެ.
އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުން ނެރެފައިވާ ކުރު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ސަރުކާރު އުވާލުމަށް ނިންމާފައިވަނީ ވެރިކަން ކުރާ ކޯލިޝަންގެ ތެރޭގައި ހުރި ޚިޔާލު ތަފާތުވުންތައް ހައްލުކޮށް ސަރުކާރު ދެމެހެއްޓުމަށް ކުރެވޭނެ އިތުރު މަސައްކަތެއް ނެތުމާއި ގުޅިގެން ކަމުގައެވެ.
މި ބަޔާނުގައި ވާގޮތުން ގާނޫނުހަދާ މަޖިލިސް އުވާލުމަށް ބޭނުންވާ ބިލް އަންނަ ހަފްތާގައި އެމަޖިލީހަށް ހުށަހެޅޭނެއެވެ. އަދި މި ބިލް ފާސް ވެއްޖެނަމަ، މީގެ އެއް އަހަރުކުރިން އެކުލަވާލެވުނު ކޯލިޝަން އެއްބަސްވުމުގައި ވާގޮތުގެ މަތިން، ބޮޑުވަޒީރުކަމާއި ހަވާލުވެ ވަޑައިގަންނަވާނީ، މިހާރުގެ ފޮރިންގ މިނިސްޓަރު ޔައިރު ލެޕިޑްއެވެ.
އަދި މި ބަދަލުގެ ނަތިޖާއެއްގެ ގޮތުން، އަންނަ މަހު އެމެރިކާގެ ރައީސް ޖޯ ބައިޑްން އިސްރާއީލަށް ވަޑައިގަންނަވާއިރު އެގައުމުގެ ބޮޑުވަޒީރެއްގެ ގޮތުގައި ހުންނަވާނީ ޔައިރު ލެޕިޑްއެވެ.
ޚަބަރުފަތުރާ ވަސީލަތްތަކުން ރިޕޯޓު ކުރާ ގޮތުގައި އާ ސަރުކާރެއް އެކުލަވާލުމަށްޓަކާ ބާއްވަންޖެހޭ އިންތިޚާބު އަންނަ އޮކްޓޯބަރު މަހުގައި ބޭއްވިގެން ދާނެއެވެ. އަދި މިއިންތިޚާބު ވެގެންދާނީ ފާއިތުވި 4 އަހަރު ތެރޭގައި އިސްރާއީލުގައި ބޭއްވިގެންދާ 5ވަނަ އިންތިޚާބު ކަމުގައެވެ.
ބެނެޓް އަދި ލެޕިޑްގެ ސަރުކާރަށް އެންމެ އަހަރެއް ފުރިގެން ދިޔައިރު، މި ސަރުކާރަކީ 8 ޕާޓީއެއް އެކުވެގެން އުފެއްދި ކޯލިޝަންގެ މައްޗަށް އެކުލެވިފައި އޮތް ސަރުކާރެކެވެ. މި ކޯލިޝަންގެ ޕާޓީތައް އިސްރާއީލުގެ ސިޔާސީ ގިނަ ފިކުރުތަކުގެ ތެރެއިން އައިސްފައި ވާއިރު، މި ކޯލިޝަންގައި ފުރަތަމަ ފަހަރަށް ވަނީ އިސްރާއީލުގެ އަރަބި ޕާޓީއެއްވެސް ހިމެނިފައެވެ.
އެހެންނަމަވެސް ފާއިތުވެދިޔަ ހަފްތާތަކުގައި މި ކޯލިޝަންގެ ބައެއް މެމްބަރުން ކޯލިޝަން ދޫކޮށް އަދި އަނެއްބައި މެމްބަރުން ކޯލިޝަން ދޫކޮށް ދިއުމުގެ ބިރުވަނީ ދައްކާފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ކޯލިޝަނަށްވަނީ ގާނޫނުހަދާ މަޖިލިހުގެ މެޖޯރިޓީ ގެއްލިފައެވެ.
One Response
Ehfaharu sarukaaru uvaalanee kamah anehfaharu majilis uvaalanee kamah liyefa otheema vaaeh nuvaaeh neyngey. Mee nidheega liyevifa ioy khabarehbaa