ޗައިނާއަށް މިހާރު އެންމެ ގިނައިން ތެޔޮ އެތެރެކުރާ ގައުމަކީ ރަޝިއާ

ޗައިނާއަށް މިހާރު އެންމެ ގިނައިން ތެޔޮ އެތެރެކުރާ ގައުމަކީ ރަޝިއާ

Author
ހުސެއިން
20 ޖޫން 2022 04:21
0

ޔޫކުރެއިން ހަނގުރާމައާއި ގުޅިގެން ރަޝިއާއާއި ދެކޮޅަ ހުޅަނގުގެ ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ގުޅިގެން ރަޝިއާއިން އަގު ހެޔޮކޮށް ޗައިނާއަށް ކުރޫޑް އޮއިލް (ސާފު ނުކުރާ ތެޔޮ) ވިއްކަން ފެށުމާއެކު، ޗައިނާއަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ ގައުމަކަށް ރަޝިއާ ވެއްޖެއެވެ.

ފާއިތުވެދިޔަ އަހަރާ އަޅާބަލާއިރު، ޗައިނާއިން އެތެރެ ކޮށްފައިވާ ރަޝިއާގެ ސާފު ނުކުރާ ތެލުގެ ނިސްބަޔްވަނީ %55 މަތިވެގެން ގޮސްފައެވެ. މިއީ ރެކޯޑް މިންވަރެކެވެ.

މިހާތަނަށް ޗައިނާގެ ތެލުގެ އެންމެ ބޮޑު ސަޕްލަޔަރަކީ ސައުދީ އަރަބިއާއެވެ.

ޗައިނާގައި ކޯވިޑާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާއެކު އެގައުމުގެ އިގްތިސާދީ ދުވެލި މަޑުޖެހިފައިވި ނަމަވެސް، ޗައިނާއިންވަނީ ރަޝިއާގެ ސާފު ނުކުރާ ތެޔޮ ގަންނަ މިންވަރު އިތުރު ކޮށްފައެވެ.

ރަޝިއާއިން ޔޫކުރެއިންއަށް އުދުވާނީ ހަމަލާ ދޭން ފެށުމުގެ ކުރިން، މިއަހަރުގެ ފެންރުއަރީމަހު ރަޝިއާއާއި ޗައިނާއިން ވަނީ ދެގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުމަށް "މިނެއް ނެތްކަން" އިއުލާން ކޮށްފައެވެ.

ޔޫކުރެއިންއަށް ރަޝިއާއިން ދެމުންދާ އުދުވާނީ ހަމަލާތަކާއި ގުޅުގެން ޔޫރަޕާއި ހުޅަނގުގެ ގައުމުތަކުން ރަޝިއާއާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ގުޅިގެން ޔޫރަޕްގެ ކުންފުނިތަކުން ރަޝިއާގެ ތެޔޮގަތުން ހުއްޓާލުމާއެކު، އާދަޔާއި ޚިލާފަށް އަގު ހެޔޮކޮށް، ޗައިނާގެ ދައުލަތުގެ ތެޔޮ ސާފުކުރާ ކުންފުނި ސިނޯޕެކްއާއި ދައުލަތުގެ ތެޔޮ ކުންފުނި ޒެންހުއާ އޮއިލްވެސް ހިމެނޭގޮތުން ޗައިނާގެ ގިނަ ކުންފުނިތަކުން ދަނީ ރަޝިއާއިން ސާފުނުކުރާ ތެޔޮ ގަންނަމުންނެވެ.

ޗައިނީސް ޖެނެރަލް އެޑްމިނިސްޓްރޭޝަން އޮފް ކަސްޓަމްސްއިން އާންމު ކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، ސައިބީރިއާގެ އިރުމަތިން، ޕެސިފިކް ކަޑުގެ ހޮޅި ލައިނުންނާއި، އަދި ކަނޑު ހުރަސްކޮށް އެތެރެކުރާ ޝިޕްމަންޓުތައް މެދުވެރިކޮށް ޗައިނާއިން ފާއިތުވެދިޔަމަހު އެތެރެކޮށްފައިވާ ތެޔޮ 8.42 މިލިއަން ޓަނަށް އަރައެވެ.

މިއާއެކު، ކުރިން ޗައިނާގެ އެންމެ ބޮޑު ސަޕްލަޔަރު ކަމުގައިވާ ސައުދީ އަރަބިއާއިން އެތެރެ ކުރަމުންދާ ތެލުގެ މިންވަރު ވަނީ މަހަކު 7.82 މިލިއަން ޓަނަށް ތިރިވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.