ރިޔާސީ އިންތިޚާބުގައި ސިޔާމް ވާދަކުރައްވަނީ

ރިޔާސީ އިންތިޚާބުގައި ސިޔާމް ވާދަކުރައްވަނީ

Author
މުޙައްމަދު ޝަޒައިމް
19 ޖޫން 2022 01:41
0

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވާދަ ކުރައްވަން ނިންމަވައިފިއެވެ.

އެމްޑީއޭއަކީ ނިމިދިޔަ ރައީސް ޔާމީންގެ ވެރިކަން ނިމުމާއި ހަމައަށްވެސް ކޯލިޝަންގައި އޮތް ހަމައެކަނި ޕާޓީއެވެ. ނަމަވެސް ވެރިކަން ނިމުމަށްފަހު ރައީސް ޔާމީނާއި، ސިޔާމްއާއިއެމެދު މާބޮޑު ގުޅުމެއްނެތެވެ. އަދި ދެޕާޓީން މަސައްކަތް ކުރަމުންދަނީވެސް ވަކިންނެވެ. މަޖިލީހުގައިވެސް ދެ ގޮޑި ތަމްސީލް ކުރާ އެމްޑީއޭގެ އަމާޒަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކޮށް، ޤައުމު މިހާރު އޮތް ހާލަތުން ރަނގަޅު މިސްރާބަކަށް ވާސިލް ކުރުމެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށްޓަކައި، އެމްޑީއޭއިން އެންމެ ފުރަަމަ މަސައްކަތެއްގެ ގޮތުން ކުރަމުންދަނީ ޕާޓީގެ މެމްބަރުންގެ އަދަދު އިތުރުކުރުމެވެ. މިމަސައްކަތުގައި ފާއިތުވެދިޔަ ހަފްތާތަކުގައި އެޕާޓީން ވަނީ ނ.އަތޮޅުގެ ރަށްތަކުގައި މިކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. އަދި ކުރިއަށް އޮތް ދުވަސް ތަކުގައި މުޅި ރާއްޖޭގައި މިހަރަކާތް ފުޅާކޮށް، ކުރިއަށް އޮތް 2 މަސް ދުވަހުގެ ތެރޭގައި އެމްޑީއޭގެ މެމްބަރުންގެ އަދަދު 10،000 އަށް އެރުވުމަކީ އެޕާޓީގެ އަމާޒެވެ.

އެމްޑީއޭގެ އިސް ބޭފުޅަކު ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަކީ ކުޑައިރުއްސުރެ ފެށިގެން ވެސް ސިޔާމްގެ ދަހިވެތިވާ ކަމެއް ކަމަށެވެ. ޓޫރިޒަމް ދާއިރާގައި ހޯއްދެވި ކާމިޔާބީތަކާއި ސިޔާސީ ދާއިރާގެ 20 އަހަރުގެ ތަޖުރިބާއާ އެކު އޭނާއަކީ ރާއްޖޭގެ ލީޑަރުންގެ ތެރެއިން މިވަގުތު ފެންނާނެ އެންމެ ވަރުގަދަ ލީޑަރު ކަމަށް ވިދާޅުވިއެވެ.

އެމްޑީއޭ އިން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވަނީ އެހެން ޕާޓީއަކާ ކޯލިޝަން ހަދައިގެނެއް ނޫނެވެ. އަދި އެޕާޓީން ވަރަށް އަވަހަށް ބާއްވާ އޯޑިނަރީ ކޮންގްރެސްއެއްގައި ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ސިޔާމު ކަމަށް ކަނޑައަޅައި އެކަން ޕާޓީން ރަސްމީކޮށް އިއުލާންކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރިޔާސީ އިންތިޚާބުގެ ރޭހުގައި މިހާތަނަށް ވާދަކުރައްވާނެކަން އިއުލާން ކޮށްފައވާ ބޭފުޅުންނަކީ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި، ރައީސް މުހައްމަދު ނަޝީދެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.