އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ޤާނޫނީ ގޮތުން ހުރަސްތަކެއް ދިމާވާކަމަށް ދައުލަތުގެ އިދާރާތަކަށާއި، ސަލާމަތީ ޚިދުމަތްތަކަށް ފެންނަނަމަ، ކަމާގުލުންހުރި ޤާނޫނުތައް އިޞްލާހުކުރުމަށް ލަފާދިނުމަށް ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ)އިން ފާސްކޮށްފިއެވެ. އިންޑިއާ އައުޓް ހަރަކާތަކީ އެކަމުގެ ސަބަބުން ޤައުމީ ސަލާމަތަށް ނުރައްކަލެއްކަމަށް ޤަބޫލުކުރެއްވޭކަމަށް ވިދާޅުވެ، އެ މައްސަލަ ބަލައިދިނުމަށް ކޮމިޓީގައި އެދިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ.
މި މައްސަލަ ދިރާސާކޮށް 241 ކޮމިޓީން އެކުލަވާލި ރިޕޯޓްގައި ވަނީ މައިގަނޑު 24 ހޯދުމެއް ހިމަނާފައެވެ. އޭގެތެރޭގައި ވުޒާރާތަކުންނާއި ސަލާމަތީ ޚިދުމަތްތަކުން ހުށައެޅި ކަންކަންވެސް ހިމެނެއެވެ. އޭގެތެރޭގައި އިންޑިއާ އައުޓްގެ ނަމުގައި ސޯޝަލް މީޑިއާގައި ބޭނުންކުރެވޭ ތަފާތު އިބާރާތްތަކުގެ ސަބަބުން، ނުވަތަ ކަންތައް ކުރެވޭ ގޮތުން އެކި އިންޒާރުދީ އަނިއާވެރިކަމަށް ގޮވާލެވޭ ގޮތަށް ކަންކަން ވަމުންދާކަން ފާހަގަކުރެވޭކަމަށާއި، އޭގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ނިކަމެތިކަމެއް ކުރިމަތިވެދާނެކަމެއްކަން މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން ފާހަގަކޮށްފައިވާކަމަށް ކޮމިޓީ ރިޕޯޓްގައިވެއެވެ.
އިންޑިއާ އައުޓުގެ ނަމުގައި ހިންގާ ޙަރަކާތުގެ ސަބަބުން ބޭސްފަރުވާއާއި، އެނޫންވެސް އެކިއެކި ބޭނުންތަކަށް އިންޑިއާއަށް ދާ ދިވެހިންނަށާއި، އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެކަން މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން ފާހަގަކޮށްފައިވާކަމަށްވެސް ކޮމިޓީ ރިޕޯޓްގައިވެއެވެ. ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީން ދިރާސާކޮށް އެކުލަވާލި މި ރިޕޯޓްގައި މިޙަރަކާތްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި ރައްޔިތުންނަށް ބޮޑެތި ގެއްލުންވާފަދަ ކަންކަން ކުރަމުންދާކަމަށާއި އެކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ރައްޔިތުންގެ ރައްކާތެރިކަމަށާއި، ޤައުމުގެ ދާޚިލީ ހަމަޖެހުމާއި ސަލާމަތަށް އޭގެ ނުރަނގަޅު އަސަރު ފޯރުމަކީ ވަރަށް ބޮޑަށް އެކަށީގެންވާކަމެއްކަން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ފާހަގަކޮށްފައިވެއެވެ. އަދި ރައްޔިތުންގެ އަމަން އަމާންކަމަށް ބުރޫއެރުން ހުއްޓުވުމަށްޓަކައި ދިވެހި ފުލުހުންގެ ފަރާތުން އަޅަމުންދާ އެކި ފިޔަވަޅުތަކަށް، މި ޙަރަކާތުގައި ބައިވެރިވާ ފަރުދުންގެ ފަރާތުން ނުކިޔަމަންތެރިވުންފަދަ ކަންކަމާ ކުރިމަތިލާންޖެހޭކަން ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން މިޙަރަކާތުގެ ތެރޭގައި ތަފާތު އެކި ކުށްކުރުމުގެ ރެކޯޑް އޮންނަ ފަރާތްތަކުން ޙަރަކާތްތެރިވަމުންދާކަން ފާހަގަކުރެވޭކަމަށާއި އެކަމުގެ ސަބަބުން ނުރައްކާތެރި އަމަލުތައް ހިނގުން ގާތްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންގެ ރައްކާތެރިކަމަށާއި ޤައުމުގެ ދާޚިލީ ހަމަޖެހުމާއި ސަލާމަތަށް ނުރަނގަޅު އަސަރުތަކެއް ފޯރުން ވަރަށް އެކަށީގެންވާކަމަށް ފުލުހުން ކޮމިޓީގައި ވިދާޅުވެފައިވެއެވެ. އަދި މި ޙަރަކާތަކީ ދިވެހިރާއްޖޭގެ ސަލާމަތާއި ރާއްޖޭގައި ދިރިއުޅޭ އިންޑިއާ ރައްޔިތުންނާއި އިންޑިއާގައި ދިރިއުޅޭ ދިވެހިންގެ ސަލާމަތްއި ރައްކާތެރިކަމަށް ގެއްލުންވާ ގޮތަށް މި ފަހުގެ ތާރީޚުގައި ހިންގާތީ ފެނުނު އެންމެ ނުރައްކާތެރި ކެމްޕެއިންކަމަށް މިނިސްޓްރީ އޮފް ޑިފެންސްއިން ކޮމިޓީގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުިރުންވެސް ސަލާމަތީ ޚިދުމަތްތަކާއި ވުޒާރާރަކުން ހުށައެޅި ކަންކަމަށް ރިޔާއަތްކުރައްވާ ކޮމިޓީން ނިންމީ އިންޑިއާ އައުޓްގެ ނަމުގައި ހިންގަމުން އަންނަ ޙަރަކާތަކީ އެކަމުގެ ސަބަބުން ޤައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ އަދި ދިވެހިރާއްޖޭގެ އިޤްތިޞާދަށް އެކަމުގެ ސަބަބުން ނުރަނގަޅު އަސަރުކުރާނެ ކަމެއްކަމަށެވެ. އަދި ބައިނަލްއގްވާމީ ގުޅުންތަކަށް ހީނަރުކަން އަންނާނެކަމެއްކަމަށާއި، ގާނޫނާ ގަވާއިދުގައިވާ ގޮތުގެމަތިން އެ ޙަރަކާތް ހުއްޓުވުމަށް ދައުލަތުގެ ކަމާގުޅޭ އިދާރާތަކާއި ސަލާމަތީ ޚިދުމަތްތަކުން މަސައްކަތްކުރުމަށް ހުށައެޅުމަށް ކޮމިޓީގެ ނިންމުމުގައިވެއެވެ. އަދި އިންޑިއާ އައުޓްގެ ނަމުގައި ހިނގާ ޙަރަކާތް ހުއްޓުވުމަށް ގާނޫނީގޮތުން ހުރަސްތަކެއް ދިމާވާކަމަށް ދައުލަތުގެ އިދާރާތަކަށާއި ސަލާމަތީ ޚިދުމަތްތަކަށް ފެންނަނަމަ، ކަމާގުޅޭ ގާނޫނުތައް އިޞްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ލަފާދިނުމަށްވެސް ކޮމިޓީން ނިންމާފައިވެއެވެ.
ކޮމެންޓު ފޮނުވާ