ފާއިތުވި ހަފްތާގެ ތެރޭގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކަނޑުމަގުން 71 މެޑިކަލް އިވެކުއޭޝަން ކުރިއަށްގެންގޮސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަވަސް ފަރުވާ ބޭނުންވި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފިކަމަށް ސިފައިން އާންމުކުރި ރިޕޯޓެއްގައި ބުނެފިއެވެ.
ރަށްރަށުގެ ދެމެދުގައި ބަލިމީހުން އުފުލުމުގެ މި އޮޕަރޭޝަންތަކުގައި ކޯސްޓްގާޑުގެ ސްކޮޑްރަންތަކާއި ސީ އެމްބިއުލާންސްތައް ވަނީ ބޭނުންކޮށްފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން އެންމެ ގިނަ ދަތުރުކޮށްފައިވަނީ ފަސްޓް ސްކޮޑްރަން އިންނެވެ. އެއީ 48 ދަތުރެވެ. މީގެ އިތުރުން ސެކަންޑް ސްކޮޑްރަން އިން 3 ދަތުރު، ތަރޑް ސްކޮޑްރަން އިން 13 ދަތުރު އަދި ފޯތު ސްކޮޑްރަން އިން 6 ދަތުރު ވަނީ ކޮށްފައެވެ. އަދި ޚާއްޞަ އުޅަނދުތަކުގެ ތެރެއިން ސީ އެމްބިއުލާންސް އީ9 54 އިން ވެސް ވަނީ އެއް ފަހަރު ބަލިމީހަކު އުފުލައިދީފައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގައި ދިމާވެދާނެ ނުރައްކާތެރި ހާދިސާތައް މަދުކުރުމަށާއި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދިމާވާ ކުއްލި ހާދިސާތަކަށް އިޖާބަދިނުމަށް ސިފައިން ތިބެނީ 24 ގަޑިއިރު ތައްޔާރީ ހާލަތުގައެވެ. ބަލިމީހުން އުފުލުމުގެ އިތުރުން، މީހުން ސަލާމަތްކުރުމަށާއި، މުދާ ހޯދުމަށާއި، ކަނޑުމަތީގައި އުޅަނދުފަހަރަށް ދިމާވާ މެކޭނިކަލް އަދި ޓެކްނިކަލް މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކޯސްޓްގާޑުން އަބަދުވެސް ހަރަކާތްތެރިވެއެވެ. މިފަދަ ކޮންމެ ހާދިސާއެއްގައިވެސް ކޯސްޓްގާޑުގެ ސިފައިން ދައްކުވައިދެނީ ނަމޫނާ ހިތްވަރަކާއި ޤައުމީ ޚިދުމަތުގެ މަތިވެރި ރޫޙެއްކަމަށް ސިފައިން ފާހަގަކޮށްފައިވެއެވެ.
ރާއްޖެ އުފެދިފައިވާ ގޮތުން ރަށްތައް ވަކިވަކިން އޮތުމުގެ ސަބަބުން ދަތުރުފަތުރުކުރުމުގައި ހުންނަ ބޮޑެތި ގޮންޖެހުންތަކަށް ލުޔެއް ހޯދައިދީ، އަތޮޅުތަކުގެ ރައްޔިތުންނަށް ކޯސްޓްގާޑުން ކަނޑުމަގުން ފޯރުކޮށްދޭ މި އެހީތެރިކަމަކީ އެތައް ބައެއްގެ ފުރާނަ ސަލާމަތްކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.
ކޮމެންޓު ފޮނުވާ