ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްގެ ފުރަތަމަ ބެޗު ފުރިހަމަކުރުމަށްފަހު، ދިވެހި ސިފައިންގެ ޚިދުމަތާ ގުޅުނު 137 ޒުވާނުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާއާއި ހިތްވަރު ދެއްވައިފިއެވެ.
މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ސަރުކާރުން މި ޕްރޮގްރާމް ފެށުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ އަދި ރޫޙާނީގޮތުންނާއި ޖިސްމާނީގޮތުން ދުޅަހެޔޮ ޒިންމާދާރު ޖީލެއް ބިނާކުރުން ކަމަށެވެ. ވަޠަނީ ޚިދުމަތުގެ ފުރަތަމަ ބެޗުން 344 ދަރިވަރުން ދަސްވެނިވެފައިވާއިރު، އޭގެ ތެރެއިން ސިފައިންގެ 72 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށް، ރާއްޖޭގެ 20 އަތޮޅެއްގެ 70 ރަށަކަށް ނިސްބަތްވާ 137 ޒުވާނަކު ވަނީ ޤައުމީ ދިފާޢީ ބާރާ ގުޅިފައެވެ. ރައީސް ވަނީ މި ކޯހުން އެކި ވަނަތައް ހާސިލްކުރި ބައިވެރިންނަށާއި ސިފައިންގެ ޚިދުމަތާ ގުޅުނު ހުރިހާ ޒުވާނުންނަށް ސާބަސް ރައްދުކުރައްވާފައެވެ.
ފުރަތަމަ ބެޗުގެ ކާމިޔާބީއާއެކު، މިހާރުވެސް ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރުގައި މި ޕްރޮގްރާމުގެ ތިންވަނަ ބެޗުގެ ތަމްރީނުތައް ދަނީ ކުރިއަށެވެ. ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ބުރުގައި 352 ދަރިވަރުން ބައިވެރިވާއިރު، އެ ކުދިންނަށް ދިވެހި ޤައުމިއްޔަތާއި، ދީނީ ތަރުބިއްޔަތާއި، އަޚުލާޤާއި، ލީޑަރޝިޕްގެ އިތުރުން ދިރިއުޅުމުގެ މުހިންމު އެތައް ހުނަރުތަކެއް ދަސްކޮށްދެވޭނެއެވެ. ޒުވާނުންގެ މެދުގައި ބޮޑު ތަރުޙީބެއް ލިބިފައިވާ ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަށް ހުޅުވާލި ފުރަތަމަ ފުރުޞަތުގައިވެސް 1785 ދަރިވަރުން ވަނީ ބައިވެރިވުމަށް އެދި ހުށަހަޅާފައެވެ.
ކޮމެންޓު ފޮނުވާ