ޖަރުމަނު ބުންޑަސްލީގާގެ ޗެމްޕިއަން ބަޔޭން މިޔުނިކަށް ކުޅޭ ސްޕެއިންގެ މާކް ރޯކާ އިނގިރޭސި ޕްރިމިއާ ލީގުގެ ލީޑްސް ޔުނައިޓެޑަށް ސޮއިކޮށްފިއެވެ.
މައުލޫމާތުލިބޭގޮތުގައި ރޯކާ ލީޑްސްއަށް ސޮއިކޮށްފައިވަނީ 10 މިލިއަން ޕައުންޑްގެ އަގަކަށެވެ. އުމުރުން 25 އަހަރުގެ ރޯކާ ވެފައިވަނީ އާ ސީޒަނަށް ލީޑްސްއިން ސޮއިކުރި ތިންވަނަ ކުޅުންތެރިޔާއަށެވެ. މީގެކުރިން ލީޑްސްއިންވަނީ ރެޑް ބުލް ސާލްޒްބަރގަށް ކުޅޭ ދެކުޅުންތެރިންކަމަށްވާ ބްރެންޑަން އާރޮންސަން އާއި ރަސްމުސް ކްރިސްޓެންސެން އެޓީމަށް ގެންގޮސްފައެވެ.
ސްޕެއިންގެ 21 އަހަރުން ދަށުގެ ޓީމަށް ކުރިން ކުޅެފައިވާ ރޯކާވަނީ ބަޔޭންއަށް 24 މެޗް ކުޅެދީފައެވެ. އޭނާ ބަޔޭން އާއި ގުޅިފައިވަނީ 2020 ވަނަ އަހަރު އެސްޕަންޔޯލް އިން ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ރޯކާ ހާމަކުރިގޮތުގައި އޭނާ ބަޔޭންގައި ދެ އަހަރު ހޭދަކުރުމަށްފަހު މިހާރު ބޭނުންވަނީ ގަވައިދުން ކުޅެން ކަމަށާއި އެހެންކަމުން މިބަދަލާމެދު ވަރަށް ހިތްހަމަ ޖެހޭކަމަށެވެ.
އަދި ލީޑްސްއަކީ ތާރީހެއް އޮތް ރަނގަޅު ޓީމެއް ކަމަށާއި އަދި އެލަން ރޯޑްގައި އެޓީމްގެ ސަޕޯޓަރުންގެ ފަރާތުން ރަނގަޅު މާހައުލެއް ފެނިގެންދާކަމަށާއި އެހެންކަމުން ލީޑްސްއަށް ބަދަލުވުން މިީ ރަނގަޅު ނިންމުމެއް ކަމަށް ގަބޫލް ކުރާކަމަށެވެ.