އެމެރިކާގެ ރައީސްގެ ހައިސިއްޔަތުން ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި، އެމެރިކާގެ ރައީސް ޖޯ ބައިޑްން އަންނަ މަހު ސައުދީ އަރަބިއާގެ އިތުރުން އިސްރާއީލަށާއި ހިފާފައިވާ ހުޅަނގު އައްސޭރިއަށް ވަޑައިގަންނަވާނެކަން ވައިޓް ހައުސްއިން އަންގާރަ ދުވަހު އިއުލާން ކޮށްފިއެވެ.
ސައުދީ ރޯޔަލް ކޯޓުން ވަނީ ބައިޑްން އަންނަމަހު އެގައުމަށް ވަޑައިގަންނަވާނެކަން ޔަގީން ކޮށްދީފައެވެ. އަދި ރޯޔަން ކޯޓުން ހާމަ ކޮށްފައިވާ ގޮތުގައި މި ދަތުރުފުޅުގައި ބައިޑްން ރަސްގެފާނު ސަލްމާން އަބުދުލް އަޒީޒުގެ އިތުރުން ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއާއިވެސް ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ބައިޑްން އަންނަމަހުގެ 13 އިން 16އަށް މެދުއިރުމައްޗަށް ކުރައްވާ މި ދަތުރުފުޅުގެ ސަބަބުން، "އިސްރާއީލުގެ ރައްކާތެރިކަމަށާއި އަދި ހަމަޖެހުމަށް އެމެރިކާއިން ގެންގުޅެމުން އަންނަ ދެގޮތެއްނުވާ ސިޔާސަތު އިތުރަށް ހަރުދަނާވެ، ގަލްފް ކޯޕަރޭޝަން ކައުންސިލްގެ ސަމިޓުގައިވެސް ބައިވެރިވެ ވަޑައިގަންނަވާނެ،" ކަމަށް ވައިޓްހައުސްގެ ޕްރެސް ސެކެޓްރީ ކަރިން ޖީން ޕިއަރ ވިދާޅުވެފައި ވެއެވެ.
މިއަހަރުގެ ޖީސީސީ ސަމިޓްގައި މިސްރު، އިރާގް އަދި ޖޯޑަންއިންވެސް ބައިވެރި ވުމަށް ވަނީ ހަމަޖެހިފައެވެ.
މެދުއިރުމައްޗަށް ބައިޑްން ކުރައްވާ މިދަތުރުފުޅުގައި ބައިޑްން މެދުއިރުމަތީގެ ގިނަ ގައުމުތަކުގެ ލީޑަރުންނާއި ބައްދަލު ކުރައްވާ، އެމެރިކާއިން ފޯރުކޮށްދެމުންދާ ރައްކާތެރިކަމުގެ އިތުރުން އިގްތިސާދީ އަދި ޚާރިޖީ ގުޅުންތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.
މި ދަތުރުފުޅުގައި ބައިޑްން އެންމެ ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އިސްރާއީލަށެވެ. އެއަށްފަހު، ހިފާފައިވާ ހުޅަނގު އައްސޭރިއަށް ވަޑައިގެން ފަލަސްތީން އޮތޯރިޓީގެ ރައީސް މަހުމޫދު އައްބާސްއާއި ބައްދަލު ކުރައްވާނެއެވެ.
އިސްރާއީލާއެކީ ކުރައްވާ މަޝްވަރާތަކުގައި، އިސްރާއީލުން ސަރަހައްދީ ގައުމުތަކާއެކީ ބާއްވަމުން އަންނަ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމާއި ގުޅޭގޮތުން ބައިޑްން މަޝްވަރާ ކުރައްވާނެއެވެ.
އެމެރިކާގެ އޮފިޝަލުން ހާމަ ކުރައްވާފައިވާ ގޮތުގައި ބައިޑްން މަހުމޫދު އައްބާސްއާއި ބައްދަލު ކުރައްވާނީ ބެތުލެހެމްގައެވެ. މި ބައްދަލުވުން ކުރިޔަށް ދާނެ ތަނަކާއި ގުޅޭ އިތުރު މައުލުމާތެއް އެމެރިކާގެ އޮފިޝަލުން ހާމަ ކޮށްފައެއް ނުވެއެވެ.
ހުޅަގު އައްސޭރީގައި ބޭއްވޭ ބައްދަލުވުމުގައި މިނިވަން ދެދައުލަތަކަށް އެމެރިކާއިން ކުރާތާއީދު އިތުރަށް ވަރުގަދަކޮށް، ފަލަސްތީނުގެ ރައްޔިތުންނަށްވެސް ސަލާމަތާއި ރައްކާތެރިކަން އޮންނަން ޖެހޭނެކަން ބައިޑްން ހާމަކުރައްވާނެކަމަށްވެސް އެމެރިކާގެ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ