އަންނަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދު ކުރައްވައި، އެމަނިކުފާނަށް އިންތިޚާބު ކާމިޔާބު ކޮށްދެއްވުމަށް ކުރަންޖެހޭ މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ތިއްބެވިކަން ވަޒީރުންގެ މަޖިލީހުގައި ހިމެނޭ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ ގިނަ ވަޒީރުން ވިދާޅުވެއްޖެއެވެ.
2023ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ހާމަކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރެއްވި ހިސާބުން އެމަނިކުފާނަށް ތާއީދު ކުރައްވާކަން އެމްޑީޕީގެ ތެރެއިން ގިނަ މެމްބަރުންނާއި، އާންމު ރައްޔިތުންގެވެސް ދަނީ ހާމަކުރައްވަމުންނެވެ. ރައީސްއަށް ތާއީދު ކުރައްވާކަން ކެބިނެޓްގައި ހިމެނޭ ވަޒީރުންގެ ތެރެއިން އެމަނިކުފާނު ނިސްބަތްވާ އެމްޑީޕީގެ ވަޒީރުންގެވެސް ދަނީ ހާމަކުރައްވަމުންނެވެ. އެގޮތުން ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމާއި، ހެލްތު މިނިސްޓަރ އަހުމަދު ނަސީމާއި، އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީއާއި، ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވަނީ ރައީސް ޞާލިހަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވާފައެވެ.

ރައީސްއަށް ތާއީދު ކުރައްވާ ސަބަބު ހާމަކުރައްވައި މިނިސްޓަރ އަސްލަމް ވިދާޅުވީ ރައީސް ޞާލިހު ނޫނީ ހެޔޮ ވެރިކަމެއް ކުރެއްވޭނެ ލީޑަރެއް ސިޔާސީ މައިދާނުގައި ނެތްކަމަށެވެ. އަސްލަމް ވިދާޅުވީ މަލްޓިޕާޓީ ނިޒާމުގެ ތެރެއިން ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅުންނަށް ބަލާއިރު ރައީސް ޞާލިހު ނޫނީ އެއްބައިވަންތަ ކަމާއިއެކު ޤައުމުގެ މުސްތަގުބަލަށް ހެޔޮ އެދިގެން މަސައްކަތް ކުރެއްވި ވެރިޔަކު ނެތްކަމަށެވެ.
ދެވަނަ ދައުރަކަށް ރައީސް ޞާލިހަށް ތާއީދު ކުރައްވާ ސަބަބު ހާމަކުރައްވަމުން މިނިސްޓަރ ނަސީމް ވިދާޅުވީ، ފާއިތުވެދިޔަ ދިގު މާޒީގައި އެކި ސަރުކާރުތަކުގައި އެކި ރައީސުންނާއިއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިވަޑައިގަތްކަމަށެވެ. ނަމަވެސް ރައީސް ޞާލިހުހާ ކެތްތެރި، އަދި ބޮޑު ކޯލިޝަނަކާއިއެކު ވެރިކަން ކުރެއްވި ރައީސަކު ނުދެކޭކަމަށެވެ. ރައީސް ޞާލިހަކީ ދުވަހަކުވެސް މީހަކަށް އަނިޔާވެރިވުމަށް ނޭދޭ އަދި ވެރިކަމުގެ ތެރޭގައި އެފަދަ ކަމަކަށް ޖާގަވެސް ދެއްވި ބޭފުޅެއް ނޫންކަމަށް ނަސީމް ވިދާޅުވިއެވެ.
ރާއްޖޭގެ ތައުލީމީ ހަޔާތުގައި އެންމެ ބޮޑު ކުރިއެރުމެއް އައިސްފައިވަނީ ރައީސް ޞާލިހުގައެވެ. މަތީ ތައުލީމުގެ ފުރުސަތު ފަހިކޮށް، ހިލޭ ޑިގްރީއަށް ކިޔެވޭނެ މަގުފަހިކޮށްދެއްވައި، ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމް ހާސިލްކުރައްވަން ބޭނުން ކޮންމެ ދަރިވަރަކަށް އެފުރުސަތު ސަރުކާރުން ވަނީ ފަހިކޮށްދީފައެވެ. އަދި ތައުލީމަށް މިވީ ދިގު މާޒީގައި ނުކުރާހާ ބޮޑެތި ހޭދަތައް މިވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ކުރަމުންދާކީ އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީގެ ތާއީދުވެސް ރައީސް ޞާލިހަށް އޮތް އެންމެ ބޮޑު ސަބަބެއްވެ.
ރާއްޖޭގެ ފުރަތަމަ ދިފާޢީ ވަޒީރުކަން ކުރައްވާ އަންހެން ވަޒީރު، އަދި އެމްޑީޕީ ޗެއަޕާސަން މަޤާމުވެސް ފުރުއްވާފައިވާ މިނިސްޓަރ މާރިޔާ ދީދީގެ ތާއީދުވެސް ވަނީ ރައީސް ޞާލިހާއިއެކުއެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މިނިސްޓަރ މާރިޔާގެ ތާއީދު ރައީސް ޞާލިހަށް އޮތްކަން ހާމަކުރައްވައި ކުރެއްވި ޓުވީޓުގައި ވިދާޅުވީ 2018 ވަނަ އަހަރު ރައީސް ޞާލިހު އިންތިޚާބުވުމަށްފަހު އަދާއި ހަމަޔަށް އެމަނިކުފާނު ވަނީ ލީޑަރޝިޕް ކޮލިޓީއާއި ޤައުމު ހިންގުމުގެ ގާބިލްކަން ދައްކަވާފައިކަމަށެވެ.

ކެބިނެޓް ވަޒީރުންގެ އިތުރުން އެމްޑީޕީއަށް ނިސްބަތްވާ އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަލީ ނިޒާރާއި، ފުވައްމުލަކު ސިޓީ ކައުންސިލްގެ މޭޔަރު އިސްމާއިލް ރަފީޤުވެސް ވަނީ 2023ގެ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހަށް ތާއީދު ކުރައްވަން ނިންމަވާފައެވެ.
ރިޔާސީ އިންތިޙާބަށް ނުކުންނަވާނެކަން ރައީސް އިުލާންކުރެއްވިއިރު އެމްޑީޕީގެ ރައީސް ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އެމްޑީޕީގެ ޕްރައިމެރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ