ސްޓެލްކޯގެ އިޖްތިމާއީ ޒިންމާގެ ދަށުން ޒަމާނީ ފެންވަރުގެ ބަސް ސްޓޮޕެއް މާލޭގައި ހުޅުވައިފިއެވެ.
ސްޓެލްކޯ އިންޖީނުގޭގެ އިރު ދެކުނު ކަނާއި ދިމާއިން ބޮޑުތަކުރުފާނުމަގުގައި ހުންނަ މި ބަސް ސްޓޮޕް ހުޅުއްވައި ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. މި ބަސް ސްޓޮޕަކީ އިޔާދަ ކުރަނިވި ހަކަތައިން ކަރަންޓު ދީފައިވާ ބަސް ސްޓޮޕެކެވެ.
ސްޓެލްކޯގެ ގްރީންލައިފް އިނިޝިއޭޓިވްގެ ދަށުން ތަރައްޤީކުރި މި ބަސް ސްޓޮޕުން ބަސް ދަތުރުކުރާ ރޫޓް އެނގުމާއި، ބަސް ކައިރިކުރާ ވަގުތު ކައިރިވެއްޖެކަން އެނގޭނެ އިންތިޒާމާއި، ފޯނު ޗާޖުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ވާރެއާއި އަވިން ހިޔާ ވެވޭނެ ގޮތަށް ތައްޔާރުކޮށްފައިވާ މި ބަސް ސްޓޮޕް ހުންނަނީ އޭސީވެސް ކޮށްފަވެ.
ބަސް ސްޓޮޕް ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ، މި ބަސްސްޓޮޕް ވެގެންދާނީ ޕަބްލިކް ޓްރާންސްޕޯޓްގެ ނިޒާމުގެ ތެރެއިން ބަސް ދަތުރުގެ ހިދުމަތަށް އެ ކުންފުންޏަށް ދެވޭ މުހިންމު ހަދިޔާއަކަށެވެ. އެގޮތުން މި ބަސްސްޓޮޕާއެކު، ބަސް ޓްރެކިން ނިޒާމެއް ގާއިމް ކުރެވިގެންދާނެ ކަމަށްވެސް މުޣުނީ ވިދާޅުވިއެވެ. އަދި ސްޓެލްކޯއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ރަނގަޅު ފެންވަރެއްގެ ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށް މުޣުނީ ވިދާޅުވިއެވެ.
"ގައުމީ ކޮންމެ މަސައްކަތަކީ ސްޓެލްކޯގެ ބަދަހި ސަފުތައް އެކަމަށްޓަކައި ރުކުވާލެވިފައިވާ މަސައްކަތްތަކެއް. އެކަން ސްޓެލްކޯގެ މުވައްޒަފުން މިގެންދަނީ ސާބިތުކޮށްދެމުން."
– މުޣުނީ
އިޔާދަ ކުރަނިވި ހަކަތައިން ކަރަންޓު ދީފައިވާ މި ތަނަށް ކަރަންޓު އުފައްދަނީ ބަސް ސްޓޮޕްގެ މަތީގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކުންނެވެ.