ހައިސްޕީޑް ފެރީ ނިޒާމަކީ ލާމަރުކަޒީ ތަރައްޤީގެ މައިބަދަ: ރައީސް

ހައިސްޕީޑް ފެރީ ނިޒާމަކީ ލާމަރުކަޒީ ތަރައްޤީގެ މައިބަދަ: ރައީސް

Author
މުޙައްމަދު ޝަޒައިމް
12 ޖޫން 2022 05:56
0

މުޅި ރާއްޖެ ހައިސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެ ދަށުން ތަޢާރަފުކޮށްފައިވާ "ރާއްޖެ ޓްރާންސްޕޯޓް ލިންކް"ގެ ޚިދުމަތަކީ ސަރުކާރުން ބޭނުންވާ ލާމަރުކަޒީ ތަރައްޤީގެ މައި ބަދަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރާއްޖެ ހައިސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެ ދަށުން ތަޢާރަފުކޮށްފައިވާ "ރާއްޖެ ޓްރާންސްޕޯޓް ލިންކް"ގެ ޚިދުމަތް ރަސްމީކޮށް ވަނީ ފަށާފައެވެ.

މިމަސައްކަތުގެ ދަށުން މުޅި ރާއްޖެ ހައިސްޕީޑް ފެރީ ނިޒާމަކުން ގުޅާލައި އެނިޒާމުގެ ޚިދުމަތްވަނީ ފަށާފައެވެ. މިޚިދުމަތް ރައްޔިތުންނަށް ފަސޭހަކަމާއެކު ބުރަބޮޑު ނުވާނެގޮތަކަށް ލިބޭނެ މަގުވަނީ ފަހިކޮށްދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވީ ރާއްޖޭގެ ޖަޒީރާ ރަށްތައް އެއްރަށުން އަނެއް ރަށަށް ގުޅާލައި، އިޤްތިޞާދީގޮތުން އެކަހެރިވެފައި އޮތްއޮތުން ނިމުމަކަށް ގެނައުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަމަށެވެ.

ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލައި، މިފެށިގެންދިޔަ ހައިސްޕީޑު ފެރީގެ ނިޒާމަކީ ސަރުކާރުން އަމާޒު ހިފާފައިވާ ލާމަރުކަޒީ ނިޒާމަށް ވާސިލްވުމަށްޓަކައި އެންމެމުހިންމު ދައުރެއް އަދާކުރާނެ ނިޒާމުކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ޖަޒީރާތަކުގެ އެއްރަށް އަނެއް ރަށާ ގުޅި، އިޖްތިމާޢީ އަދި އިޤްތިޞާދީ އެކަހެރިކަން ފިލައި، ހުރިހާ ރަށެއްގެ އިޤްތިޞާދު، ޤައުމީ އިޤްތިޞާދާ ލާމެހި ތަނަވަސްވާނީ މި ފެށި ރާއްޖެ ޓްރާސްޕޯޓް ލިންކް ނެޓްވޯކް ނިޒާމުން. މިއީ އަޅުގަނޑުމެން އެދޭ ލާމަރުކަޒީ ތަރައްޤީގެ މައިބަދަ.

– ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

އާރް.ޓީ.އެލްގެ ޚިދުމަތުގައި އެމް.ޓީ.ސީ.ސީން ބޭނުންކުރަނީ 50 މީހުންގެ ޖާގައިގެ ފެރީތަކެކެވެ. މި ފެރީތަކަކީ މިހާރު ބޭނުންކުރާ ފެރީތަކަށްވުރެ ހިތްގައިމު ފެރީތަކެކެވެ. އެގޮތުން މި ސްޕީޑް ފެރީތަކަކީ ދަތުރުވެރިންނަށް ހިތްފަސޭހަކަމާއެކު ދަތުރުކުރެވޭނެގޮތަށް އެއަރކޯން ކޮށްފައިވާ ފެރީތަކެކެވެ. ފެރީގައި ފާޚާނާކުރެވެން ހުންނާނެއެވެ. އަދި ލަގެޖް ބެހެއްޓުމަށްވެސް ޖާގަ ޚާއްސަކުރެވިފައިވެއެވެ. މިއިން ކޮންމެ ފެރީއެއްގައި ފުރޮޅުލީ ގޮނޑިއާއި ސްޓްރެޗަރ ބެހެއްޓުމަށް ވަކިތަނެއް ޚާއްސަކުރެވިފައިވެއެވެ. މިފެރީތަކުން ޚިދުމަތް ހޯދާ ކޮންމެ ދަތުރުވެރިއަކަށްވެސް އެއް ލަގެޖްގެ އިތުރުން ކެރީއޮން ލަގެޖެއް ގެންދެވޭނެއެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ޚިދުމަތް ޓިކެޓް ނަގައިގެން ކުރުމަށް ރަސްމީކޮށް ފެށިނަމަވެސް، ތިން އަހަރުން ދަށުގެ ކުޑަކުދިންނަށާއި، އެންސްޕާގައި ރަޖިސްޓްރީވެފައިވާ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރުކުރެވޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.