އެމްއެންޕީގެ ނާއިބު ރައީސް ހުސެއިންގެ ނަން އެމްޑީޕީގެ ދަފްތަރުގައި

އެމްއެންޕީގެ ނާއިބު ރައީސް ހުސެއިންގެ ނަން އެމްޑީޕީގެ ދަފްތަރުގައި

Author
ހުސެއިން
11 ޖޫން 2022 08:58
0

އެންމެ ފަހުން ރާއްޖޭގައި އުފެއްދި ސިޔާސީ ޕާޓީ ކަމުގައިވާ މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ނާއިބު ރައީސް ހުސައިން އިސްމާއިލްގެ ނަން އޭނާއަށް ނޭނގި އެމްޑީޕީގެ ދަފްތަރުގައި ހިމަނާފައި ވާކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ހުސެއިން ވިދާޅުވި ގޮތުގައި، އޮޅުވާލައިގެން، ވަގު އައިޑީ ކާޑުތަކުގެ ބޭނުން ކޮށްގެން ޕާޓީތަކުގައި ރަޖިސްޓްރީ ކުރަމުން ގެންދާތީ އޭނާ ގެންދަވަނީ ފަހަކަށް އައިސް އޭނާގެ ނަން އެހެން ޕާޓީތަކުގައި ހިމަނާފައިވާތޯ ބަލަމުން ކަމުގައެވެ. އަދި މިގޮތުން މިއަދު އޭނާ ނަން އެހެން ޕާޓީއެއްގެ ދަފްތަރުގައި ހިމަނާފައިވޭތޯ އިލެކްޝަންސް ކޮމިޝަންގެ ޕޯޓަލްއިން ބެލިއިރު އޭނާގެ ނަން މިހާރު އިނީ އެމްޑީޕީގެ އިލެކްޝަންސްގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައި ކަމުގައި ހުސެއިން ވިދާޅުވިއެވެ.

ހުސެއިން ވިދާޅުވި ގޮތުގައި އޭނާއަކީ އެމްއެންޕީއަށް އެންމެ ފުރަތަމަ ސޮއިކުރި 100 މީހުންގެ ތެރޭގައިވެސް ހިމެނޭ ފަރާތެއް ކަމަށާއި، އޭނާ އެއްވެސް އިރަކު އެމްޑީޕީއަށް ސޮއި ކޮށްފައި ނުވާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ދަފަތަރުގައި ހުސެއިންގެ ނަން މިހާރު ފެންނާން އިނީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި

ޚަބަރު އޮންލައިންއާއި ވާހަކަ ދައްކަވަމުން ހުސެއިން ވިދާޅުވި ގޮތުގައި، އޭނާގެ ނަން އެމްޑީޕީގެ ދަފްތަރުގައި ހިމެނުނު ގޮތެއް މިހާތަނަށް އަދި ސާފުވެފައި ނުވާކަމަށާއި، އަދި އެމްޑީޕީގެ ދަފްތަރުގައި ނަން ހިމެނުނު ގޮތަކާއި އަދި ސަބަބެއް އިލެކްޝަންސް ކޮމިޝަނުން ސާފު ކުރުމަށްޓަކާ އޭނާ މިހާރު ވާނީ އެކޮމިޝަނުގައި އެދިފައި ކަމުގައެވެ.

އެމްއެންޕީގެ ނާއިބުރައީސް ހުސެއިން އިސްމާއިލްގެ ނަން އެމްޑީޕީގެ ދަފްތަރުގައި ހިމެނިފައި ވާއިރު، "ވަގު" އައިޑީ ކާރޑުތަކުގެ ބޭނުން ކޮށްގެން ޕާޓީތަކުގެ ދަފްތަރުތަކުގައި އޮޅުވާލައިގެން މީހުންގެ ނަންތައް ހިމެނުމުގެ މައްސަލަވަނީ ބޮޑުވެފައެވެ.

އަދި މިކަމުގެ ޝަކުވާ އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމްއިން ކޮށްފައިވަނިކޮށް، ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންނަށް ނޭގި ޕާޓީ ބަދަލުކޮށް، އޮޅުވާލައިގެން އެންމެ ގިނަ އަދަދަށް މެންބަރުން ވައްދާފައިވަނީ އިދިކޮޅު މައި ޕާޓީ ޕީޕީއެމްއަށް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ތަފާސް ހިސާބު ތަކުން ވަނީ ދައްކާފައެވެ.

މިގޮތުން، އިލެކްޝަންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވެދިޔަ 5 އަހަރުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް އޮޅުވާލައިގެން ޕާޓީއަށް މީހުން ވައްދާފައިވަނީ ޕީޕީއެމްއަށެވެ. އެޕާޓީން ވަނީ 391 މީހަކު އޮޅުވާލައިގެން ވައްދާފައެވެ. އެޕާޓީން އެންމެ ގިނަ އަދަދަށް އޮޅުވާލައިގެން މީހުން ވައްދާފައިވަނީ 2019 އަހަރުއެވެ. އެއަހަރު 166 މީހަކު ވަނީ ވައްދާފައެވެ. މިއީ އިލެކްޝަނަށް ހުށަހެޅުނު މިބާވަތުގެ ޝަކުވާތަކުގެ ނިސްބަތަށް ބަލާއިރު 32.37 އިންސައްތައެވެ.

ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ދެވަނައަށް އެންމެ ގިނައިން އޮޅުވާލައިގެން މީހުން ވައްދާފައިވަނީ އެމްޑީޕީއަށެވެ. އެޕާޓީއަށް ވަނީ އޮޅުވާލައިގެން 213 މީހަކު ވައްދާފައެވެ. އެޕާޓީން އޮޅުވާލައިގެން އެންމެ ގިނަ އަދަދަށް މެމްބަރުން ވެއްދީ 2018 ވަނަ އަހަރުއެވެ. އެއަހަރު 92 މީހަކު ވަނީ ވައްދާފައެވެ. ތިން ވަނައަށް އެންމެ ގިނަ އަދަދަށް އޮޅުވާލައިގެން މެމްބަރުން ވައްދާފައިވަނީ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީއަށެވެ. އެޕާޓީން ވަނީ އޮޅުވާލައިގެން 145 މީހަކު ވައްދާއެވެ. ހަތަރުވަނައަށް އެންމެ ގިނައިން އޮޅުވާލައިގެން މީހުން ވެއްދި ޕާޓީއަކީ ޖުމްހޫރީ ޕާޓީއެވެ. އެޕާޓީން ވަނީ 144 މީހަކު އޮޅުވާލައިގެން ވައްދާފައެވެ.

މިމައްސަލައަށް ހައްލު ގެނައުމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ސިޔާސީ ޕާޓީތައް ޖޫރިމާނާ ކުރުމުގެ އުސޫލަށް އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޢަމަލު ކުރަން ފަށާފައެވެ. ސައްޙަނޫން ފޯމް ހުށައަޅައިފިނަމަ އެ ސިޔާސީ ޕާޓިއެއްގެ ރަޖިސްޓްރާ ފުރަތަމަ ފަހަރު 5 ހާސް ރުފިޔާ، ދެވަނަ ފަހަރުން ފެށިގެން ދިހަ ހާސް ރުފިޔާއިން ޖޫރިމާނާ ކުރަން އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.