ކޮންމެ އަހަރަކުވެސް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހަޅާ ބަޖެޓަކީ ގައުމުގެ ކުރިޔަށް އޮތް އަހަރުގެ ހަގީގީ ތަސައްވުރެވެ. އެއީ ރައްޔިތުންގެ ދުޅަހެޔޮކަމަށް ދައުލަތުން ކުރާ ޚަރަދުތައް ހާމަކޮށްދީ އަދި ގައުމީ ތަރައްގީގެ ހަގީގީ މަންޒަރު އެއްފޮތަކުން ސިފަކޮށްދޭ ފޮތެއްވެސް މެއެވެ.
2021ވަނަ އަހަރަށް ސަރުކާރުން ހުށަހެޅުއްވި ބަޖެޓަކީ މިހާތަނަށް ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވި އެންމެ ބޮޑު ބަޖެޓެވެ. މިގޮތުން މިއަހަރު ސަރުކާރުން މަޖިލީހަށް ހުށަހަޅުއްވާފައިވަނީ 34.78 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ.
އުސޫލެއްގެ ގޮތުން، ދައުލަތުގެ ބަޖެޓް އަހަރުން އަހަރަށް ބޮޑުވަމުން ދިއުމުގެ މައްސަލައެއް ނެތެވެ. ސަބަބަކީ ދައުލަތުން ރައްޔިޔުންގެ ދުޅަހެޔޮކަމަށް ކުރަންޖެހޭ ޚަރަދުތައްވެސް އަހަރުން އަހަރަށް އިތުރުވެ މަތިވަމުން ދާނެތީއެވެ. އަދި ދައުލަތަށް ލިބޭނެ އާމްދަނީވެސް އުސޫލެއްގެ ގޮތުން އަހަރުން އަހަރަށް އިތުރުވަމުން ދާނެތީވެސް މެއެވެ.
އެެހެންނަމަވެސް، ބަޖެޓް 'އިންފްލޭޓް' ވަމުންދާ ދިއުމުގެ ނަތީޖާއަކީ އަހަރުން އަހަރަށް ދައުލަތުގެ ދަރަނި މައްޗަށްގޮސް، އަދި ބަޖްޓް އަހަރުން އަރަށް ޑެފިސިޓްވެ، ބަޖެޓް ޑެފިސިޓްވެސް ފޫބެއްދުމަށް ދަރަނީގެ މައްޗަށް ދަރަނި ނަގަންޖެހުން ކަމުގައި ވަނީނަމަ، ދައުލަތުގެ ބަޖެޓް އަހަރުން އަހަރަށް ބޮޑުވަމުން ދިއުމަކީ ހައްލު ކުރަންޖެހޭ ބޮޑު މައްސަލައެކެވެ.
ހަމަ އެއާއިއެކު، ކޮންމެ އަހަރަކުވެސް، ދައުލަތުގެ ރިކަރަންޓް ޚަރަދު ކުޑަނުވެ، އަދި ޕީއެސްއައިޕީއަށް ކުރަންހުރި ހޭދަތައް ދަށަށްދާނަމަ، ބަޖެޓުން ހާސިލްކުރަން ބޭނުންވާ ގައުމީ ތަރައްގީގެ ހަގީގީ މަގުސަދު ހާސިލްކުރުން ވެގެންދާނީ ދަތިކަމަކަށެވެ. މިގޮތުން ދައުލަތުގެ ޚަރަދުތައް ކޮންޓްރޯލްކޮށް، އަދި ބަޖެޓުން ގައުމީ ތަރައްގީއަށް އެކަށީގެންވާ ގޮތެއްގައި ހޭދަން ކުރަން ބޭނުންވާނަމަ، ރިކަރަންޓް ޚަރަދު އެންމެ ބޮޑުވެގެންވެސް ހުންނަންޖެހޭނީ %60 އަށްވުރެ ދަށުގައިކަން މިއީ އިގްތިސާ މާހިރުން ފާހަގަކުރާ ކަމަކެވެ. އަދި ދުޅަހެޔޮ އިގްތިސާދެއް ކުރިއަރުވާ، އިގްތިސާދީ ދުޅަހެޔޮކަން ރައްޔިތުންނާއި ހަމައަށް ވާސިލް ކޮށްދޭން ބޭނުންވާނަމަ، ދައުލަތުގެ ބަޖެޓުން ރިކަރަންޓް ޚަރަދު %50 އަށްވުރެ ދަށުގައި ހުރުމަކީ ކޮންމެހެންވެސް މުހިންމު ކަމެކެވެ.
ސަރުކާރުން މަޖިލީހަށް މިއަހަރު 34.8 ބިލިޔަން ރުފިޔާގެ ބޮޑު ބަޖެޓެއް ހުށަހަޅާފައި ވާއިރު، 21.67 ބިލިޔަން ރުފިޔާ ރިކަރަންޓް ޚަރަދުގެ ގޮތުގައި ކުރުމަށް ވަނީ ހުށަހަޅުއްވާފައެވެ. މިއީ މުޅި ބަޖެޓުގެ %62 އެވެ. ޕީއެސްއައިޕީއަށް ހޭދަކުރުމަށް ހަމަޖެހިފައި ވަނީ 8.3 ބިލިއަން ރުފިޔާއެވެ. މިއީ މުޅި ބަޖެޓުގެ %24 އެވެ. ކެޕިޓަލް ޚަރަދުގެ ގޮތުގައި 4.8 ބިލިއަން ރުފިޔާ ޚަރަދު ކުރުމަށް ހުށަހަޅުއްވާފައި ވާއިރު، މިއީ މުޅި ބަޖެޓުގެ %14 އެވެ.
އެހެންކަމުން، ފާއިތުވެދިޔަ ހުރިހާ އަހަރެގަވެސް ބަޖެޓުން ފެންނާން އޮތް ނުކުޅެދުންތެރިކަން މިއަހަރުގެ ބަޖެޓުންވެސް އެގޮތުގައި ފެންނާން އޮތްކަމުގައި ދަންނަވަން ޖެހެއެވެ. ދައުލަތުން މުވައްޒަފުންގެ މުސާރައަށް ކުރާ ޚަރަދުތައް އެކަށީގެންވާ މިންގަޑެއްގައި އަންނަ އަހަރުވެސް ހިފެހެއްޓިގެނެއް ނުދާނެއެވެ. ނަތީޖާއަކަށް ވެގެންދާނީ އިންފްލޭޝަންނަށް ކުރަމުންދާ ނޭދެވޭ އަސަރުތައް އިތުރަށް ގޯސްވެ، އަދި ތަރައްގީގެ މަޝްރޫޢުތަކަށް ކުރަންހުރި ހޭދަ އިތުރުވެގެން ނުދިއުމެވެ.
މާލީ ނަޒަރަކުން ވިސްނާލާއިރު، ކޯވިޑް19 ކާރިސާއަކީ މުޅި ދުނިޔެއަށް ކުރިމަތިވި އިގްތިސާދީ ކާރިސާއަކަށް ވެގެން ދިޔަ ނަމަވެސް، މިފަދަ ކޮންމެ އިގްތިސާދީ ގޮންޖެހުމަކާ އެކުވެސް ހުޅުވިގެންދާނެ ގިނަގުނަ ދޮރުތަކެއް ހުރެއެވެ. އަދި ޚާއްސަކޮށް ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކަށް، އެއިރެއްގައި ގައުމުގައި ވެރިކަން ކުރަން ތިބޭބަޔަކަށް، ހައްލުކުރަން ދަތިވެފައި ހުންނަ ގިނަ ޒަމާންވީ މައްސަލަތަކަށް ހައްލު ހޯދުމަށް ލިބިގެންދާ ތަނަވަސް ފުރުސަތަކަށްވެސް މިފަދަ އިގްތިސާދީ ކާރިސާތައް ބައެއް ހާލަތްތަކުގައި ވެގެން ހިގައިވެސް ދެއެވެ.
މިސާލެއްގެ ގޮތުން ދަންނަވަނީނަމަ، ދިވެހިރާއްޖޭގައި އެތަކެއް ޒަމާންތަކެއް ވަންދެން އިގްތިސާދީ ގޮތުންނާއި އަދި އިޖުތިމާޢީ ގޮތުންވެސް ހަމަޔާއި އިންސާފުން އެއްކިބާވެފައޮތް ބޮޑު މައްސަލައެއްގެ ގޮތުހައި ހިމެނިގެންދާ އެއް މައްސަލައަކީ މުސާރައާއި އިނާޔަތުގެ ހަމަހަމަކަން ގެއްލިފައި އޮތުމުގެ މައްސަލައެވެ. ބޮޑެތި މަގާމްތަކަށް ބޮޑެތި މުސާރަތައް ކަޑައެޅިފައި އޮންނައިރު، ސިވިލް ސާވިސްގެ އާދައިގެ މަގާމްތަކަށް މިންގަޑުން އެންމެ ކުޑަ މުސާރަ ކަޑައެޅިފައި އޮތުމަކީ އިޖުތިމާޢި އިންސާފުގެ މަގުން ބެލިކަމުގައި ވީނަމަވެސް، ގަބޫލު ކުރެވޭ ޒާތަށް ރާއްޖޭގައި އެކަށައެޅިފައި އޮތް އުސޫލެއް ނޫނެވެ.
އަދި ހަމައެއާއެކު، މުސާރަތައް އެއްހަމަ ކުރުމުގެ ގޮންޖެހުންވެސް ސަރުކާރުގެ ކަމާބެހޭ ވެރީންނަށް އެހާމެބޮޑުކަންވެސް ގަބޫލުކުރަންޖެހެއެވެ. ސަބަބަކީ، މަތީ މަގާމްތަކުގައި ތިބޭ ސިޔާސީ ބޭފުޅުން އެބޭފުޅުންގެ މުސާރަ އެންހަމަ ކުރުމާއި މިންކުރުމުގެ ތެރެއިން ނަމަވެސް، ކުޑަވެގެން ދިއުމަށް ނޭދޭނެތީއެވެ.
އެހެންނަމަވެސް، ކޯވިޑް19 ކާރިސާގައި ޚަރަދު ކުޑަކުރުމަށް ސަރުކާރުން އެޅުއްވި ފިޔަވަޅުތަކުން ޚަރަދު ކުޑަވެގެންދިޔައީ ކިހާ މިންވަރަކަށްކަން މުޅިން ސާފުވެގެން ގޮސްފައި ނުވިނަމަވެސް، ބައެއް މަގާމްތަކުގެ މުސާރަތައް 'ވަގުތީގޮތުން' ސަރުކާރުން ކުޑަކުރެއްވިއެވެ. މީގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ކެބިނެޓް މިނިސްޓަރުންނާއި އަދި ދައުލަތުގެ އިސްމަގާމްތަކުގައި ތިއްބެވި އިސް ބައެއް ބޭފުޅުންގެ މުސާރަތައްވެސް ހިމެނިގެން ދިޔައެވެ.
އެހެންނަމަވެސް، ކޯވިޑް19 ކާރިސާ އަދި އެއްވެސް ގޮތަކުން މައިތިރި ނުވަނީސް ސަރުކާރުން މިވަނީ ކުޑަކުރި މުސާރަތައް އަބުރާ އިއާދަކޮށްފައެވެ. ނަތީޖާއަކީ ކޮބައިތޯއެވެ؟ މުސާރަތައް ކުޑަކޮށްގެން ދެމެހެއްޓެނިވި އިގްތިސާދީ ހެޔޮބަދަލެއް ނުހޯއްދެވޭނަމަ، މުސާރައްތައް ކުޑަކުރުމުގެ ބޭނުމެއް އެބައޮތްތޯއެވެ؟ އަދި މުސާރަަތައް ކުޑަކުރުމުން އިގްތިސާދަށް ދެމެހެއްޓެނިވި ހެޔޮބަަލެއް އައިނަމަ 2021 ވަނަ އަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓުންވެސް މުޅި ބަޖެޓުގެ %62 ރިކަރަންޓް ޚަރަދުގެ ގޮތުގައި ހޭދަކުރަން ޖެހޭނެތޯއެވެ؟
ހަގީގަތުގައި ދަންނަވާނަމަ، ކޯވިޑް19 ކާރިސާއަކީ ދައުލަތުގެ ޚަރަދުތައް އެންހަމަ ކުރުމަށް (ހާމަނައިޒް ކުރުމަށް) ސަރުކާރަށް ލިބިގެންދިޔަ ރަނުގެ ފުރުސަތެކެވެ. އެތަކެއް ޒަމާންތަކެއް ވަންދެން ހައްލު ނުވެއޮތް، އިޖުތިމާޢީ އިންސާފު ގެއްލިފައި އޮތް އިގްތިސާދީ މިބޮޑު މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރަށް ލިބިގެންދިޔަ ރަނުގެ ފުރުސަތެކެވެ. އަދި އެހައްލުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ބޮޑު ލުޔެއްލިބި، ގައުމީ ތަރައްގީއަށް އޭގެ ހެޔޮ އަސަރު ނުކޮށް ނުދާނޭ ބޮޑު ހައްލަކަށްވެސް އެހައްލު ވެގެން ދިޔައީހެވެ.
ސަބަބަކީ، ރިކަރަންޓް ޚަރަދު ކުޑަވެގެންދާ ދިއުމަކީ، ޕީއެސްއައިޕީއަށް ކުރަންހުރި ހޭދަ އިތުރުކުރުމަށް ލިބިގެންދާނެ ފުރުސަތަކަށް ވެގެންދާނެތީއެވެ. ނުވަތަ ބަޖެޓް ބޮޑުތަނުން ޑެފިސިޓް ވެގެންދާ ދިއުމުން ސަލާމަތްކޮށް ދިނުމަށް ލިބިގެންދާނެ ފުރުސަތަކަށް ވެގެން ދާނެތީއެވެ.
ކޮންމެ އަހަރެއްގެވެސް ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހެޅިގެންދާއިރު، އެންމެބޮޑު އެއް ސަމާލުކަމެއް ހުއްޓޭ އެއް ބަހާއަކީ ދައުލަތުގެ ދަރަންޏެވެ. ދައުލަތެއްގައި ދަރަނި އޮތުމުން އޭގެ ޒާތުގައި މާބޮޑު މައްސަލައެއް އޮތް ކަމެއްގެ ގޮތުގައި އިގްތިސާދީ މާހިރުން އެކަން ފާހަގަ ނުކުރިނަމަވެސް، ރާއްޖެ ފަދަ ގައުމަަކަށް ދަރަނި މައްސަލައަކަށް ވެދާނެފަދަ ހާލަތްތައް ވަރަށް ގިނައެވެ.
އިގްތިސާދީ މާހިރުން ދަރަނި މައްސަލައެއްގެ ގޮތުގައި ފާހަގަ ނުކުރާ ހާލަތްތަކަކީ ދަރަނި އަދާކުރުމުގެ ގާބިލްކަން ހުންނަ މިންވަރުގެ މައްޗަށް ބަރޯސާކޮށެވެ. ތެދުފުޅެކެވެ. ދަރަނި، އޮންނަ އުސޫލާއި އެއްގޮތަށް އަދާކުރެވޭނަމަ، ދަރަނި ނެގުމުގައި މައްސަލައެއް ނެތެވެ. ސަބަބަކީ ދަރިނީގެ މައްޗަށް ބަރޯސާނުކޮށް އިގްތިސާދެއް ކުރިޔަށް ނުދާނެތީއެވެ. އަދި ތަރައްގީގެ ބޮޑެތި ޕްރޮޖެޓްތައް ހިންގުމުގައި ދަރަންޏަށް ބަރޯސާވުމަކީ ހުރިހާ ގައުމަކުންވެސް އަމަލުކުރަމުންދާ އާންމު އުސޫލަކަށް ވާތީވެސްމެއެވެ. އެހެންނަމަވެސް، ހުރިހާ އިގްތިސާދެއްގައިވެސް، މިއުސޫލު ނުވަތަ މިސިޔާސަތު ތަންފީޒު ކުރަމުން އަންނަނީ، އެއިގްތިސާދެއްގައި ދަރަނި އަދާކުރުމުގެ ގާބިލިއްޔަތުކަން ހުރި މިންވަރުތައް އިންކޮށް، މިންކޮށް ހިސާބުޖެހުމަށްފަހުގައެވެ. އެނޫންގޮތަކަށް އެކަން ކޮށްފި ހާލަތެއްގައި، ފަހުން ކުރިމަތިވެދާނެ ގޮންޖެހުންތައް އިންތިހާއަށް ބޮޑުވެގެން ދާތީއެވެ. އަދި އެފަދަ ހާލަތަކަށް ގައުމު ގޮސްފި ކަމަށް ވާނަމަ، އިތުރަށް ލޯނު ލިބުމާއި މާލީ އެހީތެރިކަން ލިބުމުގައިވެސް ބޮޑެތި ދަތިތަކެއް ކުރިމަތިވެގެންދާނެތީ ވެސްމެއެވެ.
އެހެންކަމުން، ދައުލަތުގެ މިހާރުގެ ދަރަނީގެ ނިސްބަތުން ބަލާއިރު ދިވެހި ދައުލަތުގައި މިގާބިލްކަން ހުރީ ކޮން މިންގަޑެއްގައިތޯ ވިސްނާލަން ޖެއެވެ.
2021 ވަނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި ބަޖެޓަށް ބަލާއިއިރު، ނިމިގެން މިދާއަހަރުގެ ދައުލަތުގެ ބަޖެޓް 15.9 ބިލިއަން ރުފިޔާއިން ދަރަނިވެރި ވެގެންދާނެއެވެ. އަދި އަންނަ އަހަރުގެ ބަޖެޓް އަންދާޒާ ކޮށްފައިވަނީ 15.5 ބިލިއަން ރުފިޔާއިން ޑެފިސިޓް ވެގެންދާނެ ކަމަށެވެ.
މިގޮތުން ބަޖެޓް ޑެފިސިޓް ފައިނޭންސްކުރުމަށް ސަރުކާރުން ހުށަހަޅުއްވާފައިވަނީ 300 މިލިއަން ޑޮލަރުގެ ބޮންޑް/ސުކޫކު ވިއްކުމަށެވެ. އަދި މީގެ އިތުރުން 100 މިލިއަން ޑޮލަރުގެ ގްރީން ނުވަތަ ބުލޫ ބޮންޑު ވިއްކުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި މީގެ އިތުރުންވެސް، ދޭދޭ ގައުމުތަކުން އިތުރު 150 މިލިއަން ޑޮލަރު ބަޖެޓް ފައިނޭންސް ކުރުމަށްޓަކާ ހޯއްދެވުމަށްވެސް ސަރުކާރުން ބަޖެޓުގައި ހިމަނުއްވާފައިވެއެވެ. އަދި މީގެ އިތުރުން ރާއްޖޭގެ އެތެރޭގެ އިގްތިސާދީ ހަރަކާތްތަކުގެ ތެރެއަށް 3.7 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކުމަށްވެސް ސަރުކާރުން ބަޖެޓުގައި ވަނީ ހިމަނުއްވާފައެވެ. ހަމައެއާއެކު ދައުލަތުގެ ކުންފުނިތައް ޕްރައިވެޓައިޒް ކޮށްގެން 562 މިލިއަން ރުފިޔާވެސް ބަޖެޓް ޑެފިޓް ފޫބެއްދުމަށް ހޯއްދެވުމަށް ރާއްވަވާފައި ވެއެވެ.
ދައުލަތުގެ ބަޖެޓް ބޮޑުތަނުން ޑެފިސިޓްވެ އަދި ބަޖެޓް ޑެފިސިޓް ފޫބެއްދުމަށް ސަރުކާރުން ރާއްވަވާ ސްޓްރަޓަޖީތައް ނުހަނު ހަރުދާނާ ވާންޖެހޭނެ ކަމުގައި ގަބޫލުކުރަން ޖެހެއެވެ. ސަބަބަކީ، ދިވެހި ދައުލަތަކީ ދަރަނި އަދާކުރުމުގެ ގާބިލްކަން ހުރި ދައުލަތަކަށް ނުވެފައި، އާމްދަނީ ލިބެންހުރި ވަސީލަތްތަކުގެ ޟައީފްކަން ބޮޑުވުމެވެ. ރާއްޖޭގެ ޖީޑީޕީގެ %90 އަށްވުރެ މަތީ ހިއްސާއެއް އޮންނަ ޓުއަރިޒަމްގެ ސިނާއަތަށް ކޯވިޑް19 ކާރިސާގެ ސަބަބުން ކުރިމަތިވެގެންދިޔަ ބޮޑެތި ގޮންޖެހުންތައް މިސާލަކަށް ފުދެއެވެ.
އެހެންކަމުން ދަރަނިން ދަރަނި ފޫބެއްދުމަށްވުރެ ބޮޑަށް އާމްދަނީ ހޯދޭނެ އާވަސީލަތްތަކެއް އީޖާދުވެގެންދިއުން މިއަދު މިވަނީ ކޮންމެހެންވެސް މުހިންމު ވެފައެވެ. ސަރުކާރުން ހުށަހެޅުއްވި އަންނަ އަހަރު ބަޖެޓަށް ބަލާއިރުވެސް އެހެން އަހަރުތެކެކޭ އެއްފަދައި އާމްދަނީ ހޯދުމަށް އާސިނާއަތްތަކެއް އުފަންކުރުމުގެ ވިސްނުމެއް ބަޖެޓްގެ ތެރެއިން ފެނިގެނެއް ނުދެއެވެ. ފެންނާން ހުރީ އާންމުކޮށް ދައުލަތަށް އާމްދަނީ ހޯދުމަށް ބޭނުންކުރާ ވަސީލަތްތަކުން އާމްދަނީ ހޯދުމަށް ސަރުކާރުން ހިމަނުއްވާފައިވާ ކަންކަމެވެ.
ދިވެހިންނަށް ބިން ވިއްކުމާއި، އެއަރޕޯޓު ޑިވެލޮޕްމަންޓް ފީގެ އިތުރުން ޕާކިން ފީގެ ގޮތުގައި ދައުލަތަށް އާމްދަނީ ހޯދުމަވެސް ސަރުކާރުން ހުށަހަޅުއްވާފައި ވެއެވެ. ޕާކިން ފީއަކީ ނުނަންގަވާނެ ކަމަށް 2018 ގެ ރިޔާސީ އިންތިޚާބުގައި ރައީސުލް ޖުމްހޫރިއްޔާ ވައުދުވެ ވަޑައިގެންފައިވާ ފީއެކަންވެސް މިފުރުސަތުގައި ފާހަގަ ކޮށްލަން ޖެހެއެވެ. އަދި ޓޫރިޒްމް ސެކްޓަރއިންނާއި ޓެލެކޮމް ލައިސަންސް ފީއިންވެސް ބޮޑު އާމްދަނީއެއް ލިބޭނެކަމަށް ސަރުކާރުން އަންދާޒާ ކޮށްފައި އެބަހުއްޓެވެ.
ދައުލަތުގެ ކުންފުނިތައް ޕްރައިވެޓައިޒް ކޮށްގެން އާމްދަނީ ހޯދުމަކީ ދުޅަހެޔޮ އިގްތިސާދެއްގެ ތެރެއިން ފެނުން އެންމެ އެކަށީގެންވާ ވިސްނުމެކެވެ. އެހެންމަވެސް ދައުލަތުގެ ހަރުމުދާތައް އެކަށީގެންވާ އަގެއްގައި ވިއްކާ، އަދި ދިވެހިން އެތަކެއް ޒަމާނަތަކަކުން ލެޔާއި ދާއޮހޮރައިގެން ހޯދި އަގުހުރި އެސެޓްތަކުގެ މުގޫ ދިވެހިންގެ އަތުން ބީވެގެން ނުދާނޭ އުސޫލަކުން މިވިޔަފާރި ކުރުން މުހިންމު ވާނެއެވެ. އެނޫންގޮތަކަށް އެކަން ކޮށްފިނަމަ، އުފެދޭ ހިންހަމަ ނުޖެހުމާއި، ސިޔާސީ ގޮތުން އުފެދޭ ދެކޮޅުވެރިކަމުގައި، ޕްރައިވެޓައިޒް ކުރުމުގައި ޝާމިލްވާ އިންވެސްޓަރުންނަށްވެސް ލިބޭނެ ފައިދާއަށްވުފެ ކުރާނެ ގެއްލުން ދާނީ ބޮޑުވެގެންނެވެ.
މިގޮތުން، ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތުގެ ބަޖެޓްގެ ޑެފިސިޓް ފޫބެއްދުމަށް އެކަށީގެންވާ ޕްލޭނެއް ބަޖެޓުން ފެންނާން ނެތްއިރު، ދައުލަތައް އާމްދަނީ ހޯދުމަށް އާވަސީލަތްތަކެއް ނުވަތަ އާސިނާއަތްތަކެއް ތައާރަފްކުރުމަށް ހުށަހަޅުއްވާފައި ނުވާކަމަކީވެސް ބަޖެޓުން ފެންނާން އޮތް ނުހަނު ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްލަން ޖެއެވެ. އަދި އިގްތިސާދީ އާއީޖާދުތަކެއް މިއަދު ކޮށްގެން މެނުވީ ސަލާމަތެއް އޮތްކަމަކަށްވެސް ނުމެ ފެނޭމެއެވެ.
މިގޮތުން ޓްރާންޝިޕްމަންޓް ބަދަރެއް ރާއްޖެއަށް ގެނައުން ފަދަ، ނުވަތަ ރާއްޖެއިން ތެޔޮ ފެނޭތޯ ސީރިއަސް މައްސައްކަތްތަކެއް ފެށުންފަދަ، ނުވަތަ މުޅި ރާއްޖޭގެ ސަރަހައްދުގެ %90 ކަޑުފަޅުތައް ހިއްސާ ކުރާއިރު، މި ކަޑުފަޅުތަކުން ލިބެންހުރި ނަފާވެރިކަން ފުޅާކުރުމުގެ ތެރެއިން އާވިސްނުންތަކެއް ނެރުން ނޫންގޮތެއް އޮތްކަމުގައި ނުފެނެއެވެ.
ސަބަބަކީ އަހަރުންއަހަރަށް ދިވެހި ދައުލަތުގެ ދަރަނިވެސް އަތް ނުފޯރާފަށް މައްޗަށް އަރަމުންދާތީއެވެ. 2020 ވަނަ އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި ހުންނާނެ ކަމަށް މި ބަޖެޓުން ލަފާކޮށްފައިވަނީ 70.3 ބިލިޔަން ރުފިޔާގައެވެ. އަދި 2021 ވަނަ އަހަރު ނިމޭރިރު މިއަދަދު ހުންނާނެ ކަމަށް ބަޖެޓުން ލަފާކޮށްފައިވަނީ 82.8 ބިލިއަން ރުފިޔާގައެވެ. މިއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ %124.8 އެވެ. ދުނިޔޭގެ މާލީ އިދާރާތަކުން ހިސާބު ކުރާގޮތުގައި އުފެއްދުންތެރި ކަމުގެ ނިސްބަތުން %80 އަށްވުރެ މައްޗަށް ގައުމެއްގެ ދަރަނި ހިގައްޖެނަމަ، އެގައުމެއް އިގްތިސާދު އެވަނީ ރަތްރޮގު ހުރަސް ކޮށްފައެވެ.