މާލޭގައި ޓެކްސީގެ ޚިދުމަތް ދެމުންއަންނަ އަންހެން ޑްރައިވަރު އައިމިނަތު ވަޙީދާގެ ކާރަށް ގެއްލުންދިން މައްސަލާގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.
މާލޭގައި ޓެކްސީ ކުރަމުން އަންނަ ހަމައެކަނި އަންހެން ޑްރައިވަރު އައިމިނަތު ވަޙީދާގެ ކާރަށް ގެއްލުންދީފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ އިއްޒުއްދީން މަގު ތޮއިބާ މިސްކިތްކައިރީގައި ޕާކްކޮށްފައި އޮއްވައެވެ. ފުލުހުން ބުނީ އެކާރުގެ ވައިޑްސްކްރީން ތަޅާލާ އެހެން ގެއްލުންތަކެއްވެސް ދީފައިވާކަމަށެވެ.
ފުލުހުން ބުނީ މިމައްސަލައާއި ގުޅިގެން މިމަހުގެ 5 ވަނަ ދުވަހު ކޯޓް އަމުރެއްގެ ދަށުން ޢުމުރުން 26 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ޙާޒިރުކުރުމުން ދެފަހަރެއްގެ މަތިން ބަންދަށް 10 ދުވަސް ޖަހާދީފައިވާކަމަށެވެ.
ފުލުހުން ބުނީ މިމައްސަލާގައި އިތުރު މީހަކު މިމަހުގެ 13 ވަނަ ދުވަހުގެ ރޭ ކޯޓް ޢަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާކަމަށާއި، އެއީ ޢުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އަދި އޭނަގެ ބަންދަށް ކޯޓޫން 5 ދުވަސް ޖަހައދީފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަޙްގީގުކުރަމުން އަންނަކަމށެވެ.
މާލޭގައި ޓެކްސީ ކުރަމުން އަންނަ ހަމައެކަނި އަންހެން ޑްރައިވަރު އައިމިނަތ ވަޙީދާގެ ކާރަށް އެތައް ފަހަރަކު ވަނީ ގެއްލުންދީފައެވެ. އޭނާ ވަނ މިހާތަނަށް ފަސް ފަހަރެއްގެ މަތިން ކާރަށް ގެއްލުންދީފައިވާކަމަށް ބުނެފައެވެ. އައިމިނަތު ވަޙީދާގެ ކާރަށް އެންމެ ފަހުން ލިބުނު ގެއްލުންތަކާއި ގުޅިގެން ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފް ވަނީ އޭނާއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
ކޮމެންޓު ފޮނުވާ