ރައީސް ސާލިހުގެ އަމާޒު ވަރަށް ސާފު! ވާދަކުރައްވާނީ ކޯލިޝަންއާއެކީ، އެމްޑީޕީގެ ޓިކެޓްގަ!

ރައީސް ސާލިހުގެ އަމާޒު ވަރަށް ސާފު! ވާދަކުރައްވާނީ ކޯލިޝަންއާއެކީ، އެމްޑީޕީގެ ޓިކެޓްގަ!

Author
ހުސެއިން
09 ޖޫން 2022 07:48
0

ގިނަ ދުވަސްތަކަކަށް ފަހު ރައީސް ސާލިހު އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުން ވެގެން ދިޔައީ އާދައިގެ މަތިން ގިނަ ކަންކަން ސާފުކޮށްދެއްވި ނޫސްވެރިންގެ ބައްދަލު ވުމަކަށެވެ.

އެހާ ގިނައިން ނޫސްވެރިންނާއި ބައްދަލު ނުކުރައްވާ، އެހެންނަމަވެސް ނޫސްވެރިންނާވެސް ބައްދަލު ކުރައްވާ، ނޫސްވެރިންގެ އުދާސްތަކާއި، ކުރައްވަން ބޭނުންވާ ސުވާލުތަކަށް ފުރުސަތު ދެއްވާ ބޭފުޅެއްގެ ގޮތުގައި ފާހަގަވާ، ރައީސް ސާލިހު އެންމެ ފަހުން ނޫސްވެރިންނާ ބައްދަލު ކުރައްވާފައިވަނީ، ފާއިތުވެދިޔަ އަހަރުގެ އޮގަސްޓުމަހު އެވެ. އަދި އޭގެ ކުރިން އެއަހަރުގެ ޖުލައިމަހުވެސް ނޫސްވެރިންނާ ބައްދަލު ކުރައްވާފައި ވެއެވެ.

މިއިން ކޮންމެ ފަހަރަކުވެސް ރައީސް ސާލިހުވަނީ، އެމަނިކްފާނުގެ ސިޔާސަތުތަކާއި ގުޅޭގޮތުން ނޫސްވެރިންނާ އާންމު ރައްޔިޔުން އަޑު އައްސަވަން ބޭނުންވާ ގިނާވާހަކަތައް ހިއްސާ ކުރައްވާ، ބައެއް ކަންކަން ވަރަށްވެސް ބޮޑަށް ތިލަ ކޮށްދެއްވާފައެވެ.

މިގޮތުން ރައީސް ސާލިހުގެ މިފަހަރުގެ ނޫސްވެރިންގެ ބައްދަލުވުން ފާހަގަވެގެން ދިޔައީ، އިންޑިއާއާއި ދެކޮޅަށް ކުރިޔަށް ގެންދާ ހަރަކާތްތައް އެމަނިކްފާނުގެ ގަރާރަކުން މަނާކޮށް، އަދި އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ އިސް ބޭފުޅަކު ރަސޫލާއަށް ފުރައްސާރަކޮށް، މިކަންކަމާއި ގުޅޭގިތުން އުފެދިފައިވާ އުދާސްތަކުގެ އިތުރުން، އެމްޑީޕީގެ އެތެރޭގަ ބޭއްވިގެންދިޔަ ވާދަވެރި އިންތިޚާބުނިމި، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބާއި ގުޅޭގޮތުންވެސް ވަރަށް ގިނަ ބައެއްގެ ހިތްތަކުގައި ގިނަ ސުވާލުތަކެއް އުފެދިގެން ގޮސްފައި ވަނިކޮށެވެ.

ރައީސް ސާލިހު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ

އަދި މީގެ އިތުރުންވެސް، މި ޕްރެސްކޮންފަރެންސް ބޭއްވިގެންދިޔައީ، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާނޭކަން އާންމުކޮށް އިއުލާންކޮށް، އެހެންނަމަވެސް ރައީސް ސާލިހު ވާދަ ކުރައްވާނޭކަމަށް ދެކެވަޑައި ނުގަންނަވާނޭކަމަށް ނަޝީދު ވިދާޅުވެފައި ވަނިކޮށް ކަންވެސް މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، މި ނޫސްވެރިންގެ ބައްދަލު ވުމުގައި ގިނަ ބައެއްގެ ޝައުގުވެރިކަން ހުއްޓިގެން ދިޔައީ، ކުރިޔަށް އޮތް 2023ގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމާއި ގުޅޭގޮތުން ރައީސް ސާލިހު ސާފުކޮށްދެއްވި ކަންކަމުގެ މައްޗަށެވެ.

އަދި މިއީ، ރިޔާސީ އިންތިޚާބުގެ ކެނޑިޑަސިއާއި ގުޅޭގޮތުން މިހާ ތިލަކޮށް ރައީސް ސާލިހު ވާހަކަ ދެއްކެވި ފުރަތަމަ ފަހަރުކަންވެސް ފާހަގަ ކޮށްލެވެއެވެ.

 

އެމްޑިޕީއަށް ވެރިކަން ބޭނުންކަމަށް ވަންޏާ އަޅުގަޑު މިހިރީ ޗޮއިސްއަކަށް!

ފާއިތުވެދިޔަ ނޫސްވެރިންގެ ބައްދަލުވުންތަކުގައި، 2023ގެ ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ނޫސްވެރިން ރައީސް ސާލިހަށް އަމާޒުކުރި ހުރިހާ ސުވާލުތަކަށްވެސް ދެއްވާފައިވަނީ ނުސީދާ، ސީދާ އަމާޒު ސާފުވާން ނެތް ޖަވާބުތަކެކެވެ.

މިގޮތުން މީގެ ކުރިން ރައީސް ސާލިހު ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމާއި ގުޅޭގޮތުން ނުވިސްނަވާ ކަމަށާއި، އަމާޒަކީ އޭގެ ކުރިން ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުން ކަމުގަައެވެ. އަދި ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމާމެދު ވިސްނަވާނީ އޭގެ ފަހުން ކަމުގައެވެ.

އެހެންނަމަވެސް، އާދައިގެ މަތިން ހަމަ ކޮންމެ ނޫސްވެރިންގެ ބައްދަލު ވުމެއްގައިވެސް ނޫސްވެރިން ރައީސް ސާލިހަށް އަމާޒުކުރާ، 2023ގެ ރިޔާސީ އިންތިޚާބުގެ އެމަނިކްފާނުގެ ކެނޑިޑަސީއާއި ގުޅޭ ސުވާލު މި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ވަނީ ރައީސް ސާލިހަށް އަމާޒު ކޮށްފައެވެ.

މި ސުވާލުގެ ޖަވާބުގައި މިފަހަރު ރައީސް ސާލިހުވަނީ، އެމަނިކްފާނު ކުރިޔަށް އޮތް 2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭކަން ވަރަސްވެސް ރަގަޅަށް ސާފުކޮށް ދެއްވާ، އަދި އޭގެ އިތުރަށްވެސް ގިނަ ކަންތައްތަކެއް ހާމަ ކޮށްދެއްވާފައެވެ.

މީގެ ތެރޭގައި، 2023ގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނީ މިހާރުވެސް ވެރިކަން ކުރަމުންދާ ކޯލިޝަންއާއެކީގަ ކަމާއި، އަދި އޭގެ އިތުރުން އެމަނިކްފާނުގެ ހުރިހާވެސް އަމާޒަކީ އެމްޑީޕީއަށް ވެރިކަން ހޯދާ ދިނުންކަންވެސް އެއްވެސް ޝައެއްކެއް ނެތް މިންވަރަށް މި ނޫސަވެރިންގެ ބައްދަލުވުމުގައި ރައީސް ސާލިހުވަނީ ސާފުކޮށް ދެއްވާފައެވެ.

ރައީސް ސާލިހު ވެވަޑައިގެންފައިވަނީ އެންމެ ދިގުމުއްދަތަކަށް ކޯލިޝަން ވެރިކަމެއް ދެކެހެއްޓެވި ހަމަ އެކަނި ރައީސް ކަމުގައި

އެމްޑީޕީ އަށް ވެރިކަން ބޭނުން ކަމަށް ވާންޏާ އަޅުގަނޑު މިހިރީ ޗޮއިސް އަކަށް.

2023ގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެތޯ ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި ރައީސް ސާލިހު ވިދާޅުވެފައި ވެއެވެ.

ކުރިޔަށް އޮތް 2023ގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ވެރިކަން ބޭނުންވާ ކަމަށްވާނަމަ، އެޕާޓީގެ ފަރާތުން ވާދަކުރައްވަން ތައްޔާރަށް ހުންނެވިކަން ޔަގީން ކޮށްދެއްވަމުން، މި ޕްރެސް ކޮންފަރެންސްގައި ދެން ސާފުވެގެން ދިޔަ އަނެއް ކަމަކީ، ރައީސް ސާލިހު އަދިވެސް ބޭނުންފުޅުވަނީ ކޯލިޝަންއާއެކީ ވެރިކަން ކުރެއްވުމަށް ކަމެވެ. މިގޮތުން ރައީސް ސާލިހު ވިދާޅުވެފައިވަނީ، ރާއްޖޭގައި އަދިވެސް އެއް ޕާޓީއަކަށް ރައްޔިތުންގެ %50 ވޯޓު ނެގޭނެ ޕާޓީއެއް ނެތްކަމާށާއި، އެކަން އެމްޑީޕީއަށްވެސް ގިނިކަންޏާ ނިކުމެ ނުވާނެކަމުގައެވެ.

އަދި ރައީސް ސާލިހު ވިދާޅުވި ގޮތުގައި އެމްޑީޕީ އިސްވެއޮވެ، ކޯލިޝަންއަކާ އެކީ ނިކުމެ 2023 އެޕާޓީއަށް ކާމިޔާބު ކުރެއްވޭނެއެވެ.

އަޅުގަނޑަށް ޔަގީން އެމްޑީޕީ އިސްވެ އޮވެ ކޯލިޝަނަކާ އެކީ ނިކުމެ 2023 އަޅުގަނޑަށް ކާމިޔާބު ކުރެވޭނެ. އެއީ އެމްޑީޕީއަށް އެކަންޏެއް ނުވާނެ.

ރައީސް ސާލިހު ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުންވެސް ރައީސް ސާލިހު ވިދާޅުވި ގޮތުގައި އެމްޑީޕީގެ އެތެރޭގެ ކަންކަން ކުރިޔަށް ގެންދަންވާނީ އެޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާން ކޮށްފައި ހުރިގޮތަށެވެ. އަދި ރިޔާސީ އިންތިޚާބުގައި އެޕާޓީން ވާދަކުރާނޭ ބޭފުޅަކު ރިޔާސީ ޕްރައިމަރީއަކުން ނިންމަން ގަވާއިދުގައި އޮތްކަމަށް ވާނަމަ އެކަން ކުރަންވާނީ އެގޮތަށްކަމަށް ވިދާޅުވަމުން ރައީސް ސާލިހު ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރާނޭ ކެނޑިޑޭޓަކު ނިންމާނީ ޕާޓީގެ ކޮންގްރެސްއިން ކަމުގައެވެ.

އެހެންވީމަ ޕާޓީގެ ކޮންގްރެސްއިން ނިންމާނީ ކެނޑިޑޭޓަކު. އަޅުގަޑު ދޭނެ ޔަގީންކަމަކީ އަޅުގަޑަށް ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އޮތްވާހަކަ ރިޔާސީ އިންތިޚާބު 2023ގެ.

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބާއި ގުޅޭ ގިނަ ވިސްނުންތަކެއް ސާފުކޮށް ދެއްވި މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސާލިހު ވިދާޅުވެފައި ވެއެވެ.

 

ނަޝީދުގެ 30% އިސްލާހަށް ތާއީދެއް ނުކުރައްވާ!

ގިނަ ދުވަސްތަކަކަށްފަހު ރައީސް ސާލިހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމާއި ގުޅޭގޮތުން އުފެދިފައިވާ ސުވާލުތަކުގެ އިތުރުންވެސް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގާނޫނު އަސާސީއަށް ގެންނަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ބައެއް އިސްލާޙުތަކާއި ގުޅޭގޮތުން ރައީސް ސާލިހުވަނީ މި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކްފާނުގެ ވިސްނުންފުޅު ސާފުކޮށް ދެއްވާފައެވެ.

މިގޮތުން އެންމެ ޚާއްސަ ގޮތެއްގައި ފާހަގަވެގެން ދިޔައީ، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި %30 ވޯޓު ލިބޭ މީހަކަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތަށް އެމަނިކްފާނު ތާއީދު ނުކުރައްވާކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅު ތަކެވެ.

ރައިސް ސޯލިހުއާއި ނަޝީދު ރައީސް އޮފީހުގަ ބައްދަލު ކުރައްވަނީ: ދެބޭފުޅުންގެ މެދުގައި އޮތް ސިޔާސީ ވާދަވެރިކަމަށް ހައްލެއް އައިސްފައެއް ނުވޭ

ރައީސް ސާލިހު ވިދާޅުވި ގޮތުގައި، ވެރިކަމަށް ބޭފުޅަކު ވަޑައިގަންނަވަން ވާނީ ރައްޔިތުންގެ %50 ވޯޓު ހޯއްދަވައިގެންނެވެ. އަދި ވިދާޅުވީ، ކުރިޔަށް އޮތް އެމްޑީޕީގެ ކޮންގްރެސްއަށްވެސް ހުށަހެޅުއްވުމަށް ނަޝީދު މިހާރު ތައްޔާރު ވެވަޑައިގަންވަމުން ގެންދަވާ މިއިސްލާހަށް އެމަނިކްފާނުގެ ތާއީދެއް ނެތްކަމުގައެވެ.

30% ކާމިޔާބު ކޮށްގެން އަންނަ މީހަކު ވެރިކަމަށް އައުމަކީ އަޅުގަޑު ތާއީދުކުރާ ކަމެއް ނޫން. ވެރިކަމަށް އަންނަން ވާނީ، ރައްޔިތުންގެ %50 ވޯޓު ލިބޭ މީހަކު. އެއީ އަޅުގަޑު ތާއީދުކުރާ ގޮތަކީ.

ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ނަޝީދު ގެންގުޅުއްވާ މި ވިސްނުމަށް ތާއީދު ނުކުރައްވާކަން ހާމަ ކުރައްވަމުން ރައީސް ސާލިހު ވިދާޅުވެފައި ވެއެވެ.

އެހެންކަމުން، މި ނޫސްވެރިންގެ ބައްދަލުވުން ވެގެން ދިޔައީ، ރާއްޖޭގެ މިވަގުތުގެ އިގްތިސާދީ ހާލަތާއި ގުޅޭގޮތުން ބޭއްވިގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމަކަށް ނަމަވެސް، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމާއި ގުޅޭގޮތުން މިހާތަނަށް ސާފުވެފައި ނެތް ގިނަ ކަންކަތައްތަކެއް ސާފު ވެގެންދިޔަ ބައްދަލުވުމެއް ކަމުގައެވެ.

އަދި އޭގެ އިތުރުންވެސް، މިހާރު އޮތް ކޯލިޝަން ރޫޅާލާ، އަދި އެމްޑީޕީއަށް އެކަނި ވެރިކަން ލިބެން ޖެހޭކަމަށް ނަޝީދު ވިދާޅުވަމުން ގެންދަވާ ވާހަކަތަކަށްވެސް މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސާލިހު ޖަވާބު ދެއްވާފައިވާއިރު، ގިނަބަޔަކު ދެކޭ ގޮތުގައި މި ޕްރެސް ކޮންފަރެންސަށްފަހު، ރައީސް ސާލިހުގެ އަމާޒު މިހާރުވަނީ، ކިލަނބުކަމެއް ނެތް މިންވަރަށް ސާފުވެގެން ގޮސްފައެވެ.

އެއީ، މިހާރުވެސް ވެރިކަންކުރާ ކޯލިޝަންއާއެކީ، އެމްޑީޕީގެ ޓިކެޓްގައި 2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމެވެ. ފެންނާން އޮތް މަންޒަރަކީ، ފާއިތުވެދޔަ ތަނުގައި ޕާޓީގެ ތެރެއިން އެކަމިކްފާނު މިމަގަކަށް މަގުފަހި ކުރައްވާ، މި ސިޔާސަތު ބޮޑުތަނުން ކާމިޔާބު ކުރައްވާފައިވާ މަންޒަރެވެ. ދެން އޮތީ އެމަގަށް އޮތް ހަމައެކަނި ގޮންޖެހުންކަމަށް މިހާރު ބެލެވޭ، އެމްޑީޕީގެ ކޮންގްރެސްގައި އެޕާޓީގެ ރިޔާސީ ކެނޑިޑަސީ ރައީސް ސާލިހު ކަށަވަރު ކުރެއްވުމެވެ. ގިނަ ބަޔަކު މިހާރު އިންތިޒާރު ކުރަމުންދަނީ މިނަތީޖާއަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.