މާލޭގައި ފުޓްސެލް ކުޅުމަށްޓަކައި ދަނޑުތައް ހޯދުމަށް، މިހާރު ދިމާވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި މާލޭގައި ހުރި ފުޓްސެލް ދަނޑުތައް ސަރުކާރަށް ނެގުމުގެ މަސައްކަތް ފަށާފައިވާކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
މާލޭގައި ފުޓްސެލް ކުޅޭ ދަނޑުތަކެއް ގާއިމް ކޮށްފައިވީނަމަވެސް، ދަނޑުތައް ލިބުމުގައި ގިނަ ދަތިތަކެއް ހުރެއެވެ. ގިނަ ދަނޑުތަކަކީ އެކި ކްލަބުތަކުން ހިންގަމުންދާ ދަނޑުތަކަށްވުމުން، ދަނޑުތަކަށް އާންމުނަށް ކުޅެން ދޫކުރަނީ ބޮޑެތި އަދަދުތަކުން ފައިސާ ނަގައިގެން ކުއްޔަށެވެ.
މިމައްސަލާގައި ހުރި ކަންބޮޑުވުން ފާޅުކޮށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު މިނިސްޓަރ ވަޒީރާއި ކުރެއްވި ސުވާލަސް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، މިއީ މާލޭގައި ފުޓުސެލް ކުޅެން ބޭނުންވާ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް މައްސަލައެއްކަމަށެވެ. ގިނަ ބަޔަކަށް ކުޅެލަން ޖާގަވެސް ނުލިބުމާއި، ބޮޑު އަގުގައި ފައިސާ ދީގެން ކުޅެންދާން ޖެހުމަކީ މާލޭގައި ފުޓްސަލް ކުޅޭ މީހުންނަށް އޮތް ބޮޑު ކަންބޮޑުވުމެއްކަމަށެވެ.
މިކަމަށް ހައްލެއް ހޯދުމަށްޓަކައި، ކަމާއިބެހޭ އެންހާ ފަރާތްތަކަށް ވަރަށް ފުޅާކޮށް މަޝްވަރާކޮށް، ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް މަހުލޫފް ވިދާޅުވިއެވެ. މިމަޝްވަރާތަކުން މިއަހަރު ނިމުމުގެ ކުރިން މިމައްސަލައަށް ދާއިމީ ހައްލެއް ލިބި މިނިސްޓްރީ ދަށަށް ހުރިހާ ދަނޑެއް ނަގައި އޮންލައިންކޮށް ރަޖިސްޓްރީކޮށްގެން ދަނޑުތައް ދޫކުރެވޭނެ އުސޫލެއް ގާއިމް ވެގެންދާނެކަމަށް މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ.
މިހާރު ދަނޑުތައް ނެގުމުގެ ވަރަށް ބޮޑު ވިސްނުމެއް އެބައޮތް. އޭގެ އިތުރަށް އެތަން ތަނަކީ އޮންލައިންކޮށް ބުކްކޮށްގެން މީހުންނަށް ދެވޭނެ ގޮތަކަސް އެކަންކަން ހެދުމަށް މިހާރު ދަނީ މަޝްވަރާ ކުރެވެމުން. މިހާރު އަޅުގަނޑުވެސް ދަނީ 6،400 ދައްކާފަ. ހަފްތާއަކު 2 ރޭ. އެހާވެސް އަގުބޮޑޭ. ބައެއް ތަންތަނުން އެބަނަގާ 9،000 ރުފިޔާ. އެޔަށްވުރެ އަގުހެޔޮކޮށް މިކަން ކުރެވޭނެ ގޮތެއް ހޯދަންޖެހޭ.
– މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ.
މާލޭގައި މިހާރު ހުރި ފުޓްސަލް ދަނޑުތަކުގެ ތެރެއިން އެކި އަވަށްތަކުގައި ހުރި ފުޓްސަލް ދަނޑުތައް ފިޔަވައި ދެންހުރި ދަނޑުތައް ބަލަހައްޓަމުންދަނީ ޔޫތު މިނިސްޓްރީއާއި އެފްއޭއެމުންނެވެ. މިތަންތަނުގައިވެސް އާމުންނަށް ކުޅުމަށް ފުރުސަތު ލިބޭ ވަގުތު ވަރަށްކުޑައެވެ. މިދަނޑުތަކުގެ ގިނަ ވަގުތު ކަނޑައަޅާފައިވަނީ އެފްއޭއެމްގެ ދަށުގައިވާ ކްލަބްތަކުގެ އެކަޑަމީތަކަށެވެ.