މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ އިންސާނިއްޔަތު ދުށް އެންމެ މަތިވެރި ބޭކަލެވެ.
ހަމަކަށަވަރުން ﷲ ތަޢާލާ އެކަލޭގެފާނު ދުނިޔެއަށް ރަސޫލުކަމައިގެން ފޮނުއްވެވީ ޢާލަމްތަކަށްހުރި ރަޙުމަތެއްކަމުގައެވެ. ޖާހިލުކަމާއި ކުފްރާއި ޝިރްކުގެ އަނދިރިކަމުން މީސްތަކުން އަލިކަމުގެ ތެރެއަށް ގެނައުމަށްޓަކައެވެ. އެކަލޭގެފާނަކީ އެންމެ މަތިވެރި، އަދި އިންސާނިއްޔަތުގެެ އެންމެ މަތީ މަޤާމް ހައްގުވާ ފަރާތްކަމުގައި ބުނަމުން ދަނީ އަޅުގަނޑުމެން މުސްލިމުން އެކަންޏެއް ނޫނެވެ.
އެހެނެއްކަމަކު ހުޅަނގުގެ އިންސާފަށް ލޯބިކުރާ އެކިއެކި ޢިލްމުވެރިންވެސް މިފަދައިން މިވާހަކަ ގެނެސްފައި ވެއެވެ. އެހެންނުވާންވީ ކީއްވެތޯއެވެ؟ އެކަލޭގެފާނުން ވަނީ ރިވެތި އެންމެހާ ސިފަތަކުން ޒީނަތްތެރިވެފައެވެ. އެއީ ރިވެތި އަޚްލާޤްގެ އެންމެ މަތީ މިސާލުތައް އަމަލާއި ބަސްފުޅުން ދެއްކެވި ކައުސާހިބާއެވެ. އެކަލޭގެފާނުންނަކީ އަބަދުވެސް އެހެން މީހުންނަށް އިސްކަންދެއްވެވި ބޭކަލެކެވެ. ދުވަހަކުވެސް އަމިއްލަ އެދުންފުޅެއް ވަށައިގެން ތިއްބެވި ފަރާތްތަކުގެ މައްޗައް އިސްކުރައްވާފައެއް ނުވެއެވެ.
އެކަލޭގެފާނުންގެ ނަފްސުފުޅަށް ލޯބިކުރައްވާ ކަންކަން އެކަލޭގެފާނުންގެ އަޞްޙާބުންނަށް ލޯބިކުރައްވައެވެ. ކުޑަކުއްޖެއް ފެނިވަޑައިގެންފިނަމަ، ދުވަހަކުވެސް އެކުއްޖެއްގެ ބޮލުގައި ފިރުމާނުލައްވައި، ވަޑައިނުގަންނަވައެވެ.
އަދި ކުދިންނާ ސަމާސަކުރައްވާ ހައްދަވައެވެ. ޢުމުރުން ދޮށީ ބޭފުޅުންނަށް އިޙްތިރާމާ ޤަދަރު ކުރެއްވެވިއެވެ. އަނބި އަނބިކަނބަލުންނަށް ޢަދުލުވެރިކަމާއެކު، ހެޔޮފިރިއެއްގެ ލާމަސީލު މިސާލުތައް ދެއްކިވެއެވެ.
އެއީ ހެޔޮ ފިރިއެކެވެ. ދަރިންނަށް އަޅާލެއްވި އޯގާތެރި ރަޙުމާ ކުލުނުގެ ވެރި ބައްޕައެކެވެ. ﷲ އަށް ތަޤްވާވެރިވުމުގައި، އޭގެ އެންމެ ފުރިހަމަ މިސާލުދެއްކެވިއެވެ. އަދި ދުނިޔެއާއި އާޚިރަތުގެ ޢަމަލުތައް މިނެކިރުމުގައި، އިސްލާމްދީނުގެ ވަސަޠިއްޔަތުގެ ޢަދުލުވެރި ނިޒާމް ޤާއިމްކޮށްދެއްވިއެވެ. ފަހެ އަޅުކަންތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރައްވައެވެ. އަދި ނަފްސާއި، ވަށައިގެންވާ އެހެނިހެން ހުރިހާ ފަރާތްތަކަށް ރިޢާޔަތް ކުރެއްވުމުގައި ދެމިހުންނަވައެވެ.
ފަހެ، ދިގުކޮށް ނަމާދުކުރައްވަން ނަމާދަށް ފައްޓަވައި، ކުޑަކުއްޖެއްގެ ރުއިމަށް ނަމާދު ކުރުކޮށް ލައްވައެވެ. އެކުއްޖާގެ މަންމަ އެ ޖަމާޢަތުގައި ހާޒިރުވެ ހުރެ، އޭނާގެ ހިތަށް އުނދަގުލެއް ކުރިމަތިވެދާނެ ކަމަށްޓަކައެވެ. ކޮންފަދަ ހެޔޮ ސާހިބެއް ތޯއެވެ! ދުވަހަކު ދޮގެއް ދޫފުޅުން ވިދާޅުނުވެއެވެ. ޢަހުދެއް އުވާނުލައްވަވައެވެ. ވަޢުދަކާއި ޚިލާފުވެވަޑައެއް ނުގަންނަވައެވެ. އެހެނެއްކަމަކު ބާރު އެޅުއްވީ ތެދުވެރިކަމަށެވެ. ޢަދަލުވެރިކަމަށެވެ. މަކަރާ ޙީލަތާ ދުރުހެލިވުމަށެވެ. އަމާނާތްތެރިވުމަށެވެ. ދީލަތިވުމަށެެވެ. މީސްތަކުންނަށް ހެޔޮ ފޯރުކޮށްދީ ހެދުމަށެވެ. ޒަކާތާއި ޞަދަޤާތުން ނަފްސުތައް ޠާހިރު ކުރުމަށެވެ.
އެކަލޭގެފާނުންގެ ޒާތީ ޙަޔާތްޕުޅުގައި ދިމާވި ހިތާމަވެރި އެތައް ޙާދިޘާތަކާއި ކުރިމަތި ލެއްވީ ކެތްތެރިކަމުގެ އެފަދަ ދެވަނައެއް ނެތް ނަމޫނާއާއި އެކުއެވެ.
ފަހެ އެކަލޭގެފާނުންގެ އެންމެ ދަރިކަނބަލެއް ފިޔަވާ ހުރިހާ ދަރިކަނބަލުންނާއި ދަރިދަރިކަލުން ﷲ ތަޢާލާ ގެންދެވިއެވެ. ނަމަވެސް ނުރުހުމުގެ ޒައްރެއްގެ މިންވަރުވެސް ދޫފުޅުން ބޭރު ނުކުރައްވައެވެ. ޢާންމު އިންސާނެއްގެ ޙައިސިއްޔަތުން ކީރިތި ކުރެއްވިއެވެ.
ނަމަވެސް ހިތްވަރުގަދަ ކަމުގެ އެންމެ މަތީ އަސާސްތައް އެކަލޭގެފާނު ދެއްކެވިއެވެ. ޢަދުއްވަކާއި މެދުވެސް ޢަދުލުވެރިކޮށް ކަންތައް ކުރުމަށް އެންގެވިއެވެ.
އަދި ހަނގުރާމައިގެ ވަގުތުގައިވެސް އަންހެނުންނާއި ކުޑަކުދިން، މުސްކުޅިންނާއި ނުކުޅެދޭ މީހުންނަށް ޙަމަލާ ނުދިމަށް އެންގެވިއެވެ. އަދި ޢަދުއްވަކު އަސީރެއްގެ ގޮތުގައި ގެނެވުނަސް އެމީހަކާއިމެދު ހެޔޮކޮށް ހިތްތަވައެވެ. އޯގާތެރި ވެލައްވައެވެ. އަނިޔާއެއް ނުކުރައްވައެވެ. މިހެންވެ ކިތައްކިތައް ޢަދުއްވުންގެ ހިތް އެނބުރުނު ތޯއެވެ؟ އިސްލާމްދީނަށް ލެނބުނު ތޯއެވެ؟ ވަރަށް ގިނައެވެ.
އެކަލޭގެފާނުންގެ ހެޔޮކަމުގެ ވާހަކަތައް، ޙާދިޘާތަކުގެ ވާހަކަތައް ދައްކާ ދައްކާ ކޮޅުންނުލާ ވަރަށްވެސް އެބަހުއްޓެވެ. ނަމަވެސް މި ފާހަގަކޮށްލައިދެނީ ޚުލާސާއެއްގެ ޚުލާސާއެކެވެ. ކޮންމެވެސް މިންވަރެއްގެ އަންދާޒާއެއް ކޮށްލުމަށެވެ.
ބޭފުޅުންނޭވެ! އެކަލޭގެފާނުގެ މިހުރިހާ ހެޔޮކަމަކާއި އެކުވެސް، އެކަލޭގެފާނުންގެ ރިސާލަތަކީ ބައެއް ކާފިރުތަކުން ދުވަހަކުވެސް ރުހޫނޭ ކަމެއް ނޫނެވެ.
ފަހެ ޝައިޠާނީ ސިކުނޑިތަކާއި، ޝައިޠާނީ ވިސްނުންތަކުގެ ވެރި ބައެއް މީހުން ދަނީ އިސްލާމްދީނަށް ކުރާ ނަފްރަތުގައި، މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މާތް ޝަޚްސިއްޔަތު ކަތިލަމުންނެވެ. އެކަލޭގެފާނުންގެ އަބުރުފުޅަށް އަރައިގަންނަމުންނެވެ.
ދައްކަނީ މުޅިންވެސް ދެކޮޅު ނުޖެހޭ މޮޔަވާހަކަތެކެވެ.
ނަމަވެސް ދަންނަންވީ ކަމަކީ އެކުފްރުގެ އަހުލުވެރިން އެބެހެނީ އަހުރެމެންގެ ކައު ސާހިބާއާއި ކަމެވެ. އެއީ އަޅުގަނޑުމެން މީހެއްގެ އަބުރަށް އަަރައިގަތުމާއި އެއްފަދަ މައްސަލައެއް ނޫނެވެ. މުސްލިމެއްގެ ޙައިސިއްޔަތުން ކޮންމެ މުސްލިމަކުވެސް މިފަދައެންމެހާ ކަންކަމަށް އިންކާރުކުރަން ޖެހެއެވެ.
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރެއްވި ކައިވެނި ފުޅުތަކާއި އަޅުވައިވެސް ދައްކަނީ މުޅިންވެސް ދެކޮޅު ނުޖެހޭ ވާހަކަތެކެވެ. ފަހެ އެކަލޭގެފާނުންގެ ކޮންމެ ކައިވެނިފުޅެއްގެ ފަހަތުގައި އިސްލާމްދީން ކުރިއެރުވުމާއި، އޯގާތެރިވުމާއި، ހެޔޮކޮށް ހިތްތެވުމާއި، ޤައުމުތައް އިޞްލާޙްކުރެއްވުމުގެ އެތައް މަޤްޞަދެއް ހިމެނެއެވެ.
ﷲ އަށްޓަކައި އަޅުގަނޑުމެން އަޅުގަނޑުމެންގެ މާތް ނަބިއްޔާ ދިފާޢުކުރަންޖެހެއެވެ. ރުޅި އަންނަން ޖެހެއެވެ. އަދި އެކަލޭގެފާނުންގެ ޙައްޤުގައި ފިޔަވަޅުތައް އެޅުމުގައި ފަހަތުފަޔަށް ބުރަވުމާ ދުރުހެލިވަން ޖެހެއެވެ. ﷲ ގެ ރުއްސެވުން ލިބޭނީ އޭރުންނެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޝަފާޢަތް ޤިޔާމަތްދުވަހުން ލިބޭނީވެސް ހަމަ އޭރުންނެވެ.