ޢިމްރާނަށް ދީނަށްވުރެ މަޤާމު މުހިންމު މިންވަރު ހާމަވެއްޖެ: ޑރ.ޖަމީލް

ޢިމްރާނަށް ދީނަށްވުރެ މަޤާމު މުހިންމު މިންވަރު ހާމަވެއްޖެ: ޑރ.ޖަމީލް

Author
މުޙައްމަދު ޖިމީ
06 ޖޫން 2022 08:08
0

ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲއަށް އިސްލާމްދީނަށްވުރެ މަޤާމު  މުހިންމު މިންވަރު ހާމަވެއްޖެކަމަށް ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ. ޖަމީލް މިހެން ވިދާޅުވީ، މަރުހުކުމް ތަންފީޒްކުރުމަކީ އަދުގެ ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށް މިއަދު މަޖިލީހުގައި ވިދާޅުވުމާއި ގުޅިގެންނެވެ. މީގެ އިތުރުން އިންޑިއާގެ ވެރިކަންކުރާ ޕީޖޭޕީގެ ތަރުޖަމާން ކީރިތި ރަސޫލާއާއި، ޤުރުއާނަށް ފުރައްސާރަކުރުމުން އިމްރާންގެއަދާލަތުން ކުށްވެރިކުރި ނަމަވެސް ޢިމްރާން އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވާތީވެސް ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ.

ޢިމްރާނަށް ފާޑުވިދާޅުވެ ޑރ.ޖަމީލް ވިދާޅުވީ، ދީނަށް ވުރެ އިމްރާނަށް މަޤާމް މުހިންމުވީ މިންވަރު މިއަދު ހާމަވެެއްޖެކަމަށެވެ. ޑރ.ޖަމީލް ވަނީ މާތް الله ގެ ޙުކުމަށް ގޮންޖެހީތޯ ސުވާލުކުރައްވާ ސުޕްރީމް ކޯޓުން ދަމަހައްޓާ މަރުގެ ހުކުމްތައް ތަންފީޒު ނުކުރުމުގެ ބާރު ސަރުކާރަކަށް ނޯންނާނެކަމަށްވެސް ވިދާޅުވެފައެވެ.

ދީނަށް ވުރެ އިމްރާނަށް މަޤާމް މުހިންމުވީ މިންވަރު މިއަދު ހާމަވެެއްޖެ. މާތް الله ގެ ޙުކުމަށް ގޮންޖެހީ؟ ސުޕްރީމް ކޯޓުން ދަމަހައްޓާ މަރުގެ ހުކުމްތައް ތަންފީޒު ނުކުރުމުގެ ބާރު ސަރުކާރަކަށް ނޯންނާނެ. އެމީހުން ޖަލުގައި ގެންގުޅެނީ ކޮންޤާނޫނަކުން ބާރުލިބިގެން؟

– ޑރ.މުޙައްމަދު ޖަމީލް އަޙްމަދު

ޖަމީލް މިހެން ވިދާޅުވެފައިވާއިރު، މިނިސްޓަރ އިމްރާން މިއަދު ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރުމުގައި މިސަރުކާރުން ޢަމަލު ކުރާނީ ފައިތުވެދިޔަ ބައި ގަރުނުގެ ތެރޭގައިވެސް ނިމިދިޔަ ސަރުކާރުތަކުން ޢަމަލު ކުރަމުން އަންނަ މޮރިޓޯރިއަމް ދެމެހެއްޓުމަށް ކަމަށެވެ. ނިމިދޔަ ސަރުކާރުތަކުން މަރުގެ ހުކުމް ތަންފީޒު ކުރުމަށް އެކި މަރުހަލާ ތަކުގައި އެކި ގޮތަށް ވާހަކަ ދެއްކި ނަމަވެސް އެކަމަށް ޢަމަލު ކޮށްފައި ނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވޭތުވެދިޔަ ބައި ގަރުނުގައި ދިވެހި ދައުލަތުން ގެންގުޅެމުންދާ ސިޔާސަތަކީ އެކަމާއި ގުޅޭ ގޮތުން މިހާރުވެސް ޢަމަލު ކުރެވެމުން އަންނަ މޮރިޓޯރިއަމް ދެމެހެއްޓުން. މިއީ މިސަރުކާރުން އަލަށް އުފަކުރި ސިޔާސަތެއްނޫން. މިއީ ޒަމާނުއްސުރެ މިރާއްޖޭގައި ޢަމަލު ކުރަމުން އައި ގޮތް. ވޭތިވެދިޔަ ތަނުގައި އެކި ސަރުކާރުކާރު ތަކުން ސިޔާސީ ބޭނުމުގައި އެކި ފަހަރު އެކި ގޮތަށް އެކި ތަންތަނުގައި މަރުގެ ހުކުމާއި ގުޅިގެން ވާހަކަ ދައްކާފައި ވީނަމަވެސް މިމައްސަލާގައި އަމަލު ކުރާ ސިޔާސަތަށް ދެވަނަ ޖުމްހޫރިއްޔާގެ އެއްވެސް ސަރުކާރެއްގައި އެއްވެސް ބަދަލެއް ގެނެސްފައިނުވޭ.

– މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

އިމްރާން މިހެން ވިދާޅުވި ނަމަވެސް ރައީސް ޞާލިހު ވެރިކަމާއި ހަވާލުވެ 2018 ވަނަ އަހަރު ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުމާ މެދު ރާއްޖެއިން ދެކޭގޮތް އދ ގައި ހާމަކުރަމުން އދ ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބް ޑރ.އަލީ ނަސީރު ވިދާޅުވީ 2014 ވަނަ އަހަރު ވުޖޫދަށް އައި އައު ޤާނޫނުލްޢުޤޫބާތުގައި، ކަނޑައެޅޭ ވަކި ހާލަތްތަކެއްގައި އަދަބެއްގެ ގޮތުން މަރުގެ ހުކުމް ދެވޭނެކަމަށް ބަޔާންކޮށްފައިވާކަމާއި، އެހެންކަމުން އިސްލާމީ ޝަރީޢަތާ އެއްގޮތަށް އެހުކުމް ތަންފީޒުކުރަން ޖެހޭކަމަށެވެ.

އެހެންނަމަވެސް މަރުގެ ހުކުމް ތަންފީޒުކުރުމުގެ ކުރިން ވަކިފަރާތަކަށް ނުޖެހޭ، މިނިވަން، އަދި ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ލިބިފައިވާ ތަނަކަށް އަދުލު އިންސާފު ޤާއިމްކުރުމުގެ ދާއިރާ ހަދާ އެދާއިރާ މުޅީން އިސްލާހުކޮށް، ވަރުގަދަކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރާނެކަަމަށްވެސް ނަސީރު ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގެ އަދުލު އިންސާފު ޤާއިމުކުރުމުގެ ދާއިރާއަށް ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން ލިބެންދެން، ދިވެހިރާއްޖެއިން މަރުގެ ހުކުމް ތަންފީޒު ނުކުރާނެ ކަންވެސް އަލީ ނަސީރު ވިދާޅުވިއެވެ.

މަރުގެ ހުކުމް އިއްވާފައިވާ މީހުންގެ ތެރެއިން ހުރިހާ މަރުހަލާތަކެއް ނިމި ހުކުމް ތަންފީޒުކުރުމާ ހިސާބުގައި ތިބީ ތިން މީހުންނެވެ. އެއީ ޑރ. އަފްރާޝިމް އަލީގެ ގާތިލް ހ. ލޮބީ ހުސެއިން ހުމާމު އާއި 2012 ވަނަ އަހަރު ގާނޫނީ ވަކީލް އަހުމަދު ނަޖީބު މަރާލި ކަމުގެ ކުށް ސާބިތުވި މ. މަސްރޫރާ، މުއްރަތާއި، ފަރުހާދު މަރާލިކަން ސާބިތުވި، ގ. ރީފް މުހައްމަދު ނަބީލެވެ.

ދިވެހިރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުނުކުރާތާ 60 އަހަރު ވެފައިވާއިރު އެންމެ ފަހުން މަރުގެ ހުކުމް ތަންފީޒުކޮށްފައިވަނީ 1954 ގައެވެ. ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރާނެކަން ސަރުކާރުން ހާމަކޮށްފައިވާއިރު ނިހާއީ ހުކުމަކުން މަރަށް މަރު ހިފަންޖެހޭނެކަމަށް ބައެއް މީހުންގެ މައްޗަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ހުކުމްކޮށްފައިވެއެވެ. ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން އެކި ފޯރަމްތަކުގައި މަރުގެ ހުކުމް ތަންފީޒުކުރާނެކަމަށް ބުނަމުންދިޔަ ނަމަވެސް ވެރިކަމުގެ ފަސްއަހަރު ނިމިގެންދިޔައިރުވެސް އެ ހުކުމް ތަންފީޒުކޮށްފައެއް ނުވެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހޭހުސްވެދާނެ
މަޤާމެއްގެ ދަހިވެތިކަމުގަ ނޫންތޯ ތިޔަ ހޭބަލިވެގެން ތެޅި މަރުވަނީ... ކަލޭގެ ކުރީގެ މިތުރު ނަމޫނާއަކަށް ބަލާބަލަ!!!! ތިޔައީ އަގުވެއްޓިފަ ހުރި މީހެއް.