ލިބިފައިވާ ބަޖެޓުން ސީއެސްސީގެ ބައެއް މަޤާމުތަކަށް މުވައްޒިފުން ނުނެގިދާނެ: ސީއެސްސީ

ލިބިފައިވާ ބަޖެޓުން ސީއެސްސީގެ ބައެއް މަޤާމުތަކަށް މުވައްޒިފުން ނުނެގިދާނެ: ސީއެސްސީ

Author
މުޙައްމަދު ޝަޒައިމް
14 ނޮވެމްބަރ 2020 03:15
0

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ތެރެއިން ސިވިލްސާވިސް ކޮމިޝަނަށް ދެއްވާފައިވާ ބަޖެޓުން ބައެއް އުނިކޮށްފައިވާތީ ސިވިލްސާވިސްގެ ބައެއް މަޤާމުތަކަށް މުވައްޒިފުން ނުނެގިދާނެ ކަމަށް ސިވިލްސާވިސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓު ދިރާސާކުރާ ކޮމެޓީން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް، މުހައްމަދު ނާސިހު ވިދާޅުވީ ބަޖެޓް އެކުލަވާލުމުގައި ފިނޭންސް މިނިސްޓްރީއާއިއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނުކަމަށެވެ. އަދި އެމަސައްކަތުގެ ތެރެއިން 25 މިލިޔަން ރުފިޔާގައި ބަޖެޓް ސީލިން ހިފެހެއްޓުމަށް ފިނޭންސުން ދެންނެވުމުން އެމިންވަރަށް ބަޖެޓް ކަނޑައަޅައި ހުށަހަޅުއްވިކަމަށެވެ.

ނަމަވެސް ބަޖެޓް މަޖިލީހަށް ފޮނުވިއިރު އޭގެ ތެރެއިން 9 ލައްކައެއްހާ ރުފިޔާ އުނިކުރައްވާފައިވާކަމަށެވެ. ސީއެސްސީގެ ރައީސް ވިދާޅުވީ 25 މިލިޔަން ރުފިޔާގެ ބެޖެޓެއް ކަނޑައެޅީ ހިންގަން ރާވާފައިވާ ވަރަށް މުހިންމު ޕްރޮގުރާމުތަކެއްވެސް ނުހިމަނައިކަމަށެވެ. ނަމަވެސް މި ޕްރޮގުރާމުތައް ހިންގުމަކީ ސީއެސްސީގެ ހިންގުން ހަރުދަނާކޮށް މުވައްޒިފުންގެ ފެންވަރު ރަނގަޅު ކުރުމަށް އެކުލަވާލާފައިވާ ޕްރޮގުރާމުތަކެއްކަމަށް ނާސިހު ވިދާޅުވިއެވެ.

ބަޖެޓްގައި މިހާރު އޮތް ގޮތުން ކޯވިޑް 19 އާއި ގުޅިގެން ސިވިލްސާވިސްގެ މަޤާމުތަކަށް މުވައްޒިފުން ނެގުމަށް މަޑުޖެހިފައި އޮތުމަށްފަހު އަލުން މުވައްޒިފުން ނެގުމުގެ ހުއްދަ ފިނޭންސް މިނިސްޓްރީން ދެއްވި ނަމަވެސް ބަޖެޓް އޮތްގޮތުން މީގެ ތެރެއިން ބައެއް މަޤާމުތަކަށް މުވައްޒިފުން ނުނެގިދާނެ ކަމަށްވެސް ނާސިހު ވިދާޅުވިއެވެ. ނަމަވެސް އަދިވެސް މަސައްކަތް ކުރަނީ ބަޖެޓް ލިބޭތޯ ކަމަށެވެ. އޭނާ ވިދާޅުވީ ސީއެސްސީން ކަނޑައަޅާފައިވާ ކަންކަން ރަނގަޅަށް ހިންގޭނީ އަދި އިތުރަށް 5 މިލިޔަން ރުފިޔާގެ ބަޖެޓެއް ލިބިގެންކަމަށެވެ.

ބަޖެޓް އެކުލަވާލުމަށް ބަޖެޓް ދިރާސާކުރާ ކޮމިޓީން ބާއްވަމުންދާ ގިނަ ބައްދަލުވުންތަކުގައި ބަޖެޓް ކުޑަވުމުގެ ޝަކުވާ ހުރިހާ ކޮމިޝަނަކުންވެސް ދަނީ ކުރަމުންނެވެ. ކޯވިޑް-19އާއެކު ކުރެވުނު ތަޖުރިބާތަކަށް ބަލާއިރު، ކުރިއަށް އޮތް އަހަރަކީވެސް ގޮންޖެހުންތައް ގިނަ، ދަތިކަން ބޮޑު އަހަރަކަށް ވެދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ޤައުމާއި މުޙާތަބް ކުރައްވައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން ލިބެމުންދާ އިޤްތިޞާދީ ގެއްލުންތަކަކީ، ފަސޭހައިން ފޫބެއްދޭ ވަރަށްވުރެ ބޮޑެތި ގެއްލުންތަކެއްކަމަށެވެ. އެހެންކަމަށް ވުމާއެކު ކުރިއަށް އޮތް އަހަރު، ސަރުކާރުން އެންމެބޮޑު އިސްކަމެއް ދޭނީ، އިޤްތިޞާދީ ތަދުމަޑުކަމުން އަރައިގަތުމަށް މަސައްކަތް ކުރުމަށް ކަމުގައި ރައީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.