މިސަރުކާރުން މަރުގެ ހުކުން ތަންފީޒު ނުކުރާނެ: އިމްރާން

މިސަރުކާރުން މަރުގެ ހުކުން ތަންފީޒު ނުކުރާނެ: އިމްރާން

Author
މުޙައްމަދު ޝަޒައިމް
06 ޖޫން 2022 10:26
0

މަރުގެ ހުކުމް ތަކުގައި މިސަރުކާރުންވެސް ޢަމަލުކުރާނީ ފާއިތުވެދިޔަ ބައި ގަރަނުގައިވެސް މިކަމުގައި ޢަމަލުކުރަމުން އައި ގޮތަށް ކަމުގައި ހޯމް މިނިސްޓަރ އިމްރާން ވިދާޅުވެއްޖެއެވެ.

މަރުގެ ހުކުމް ތަންފީޒު ކުރުމުގައި ސަރުކާރުގެ ސިޔާސަތު ސާފު ކުރުމަށް، ހޯމް މިނިސްޓަރ އިމްރާނާއި ސުވާލު ކުރައްވާފައިވަނީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގެވެނެ. ތޯރިގުގެ ކުރައްވާފައިވާ ސުވާލަކީ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން މަރުގެ ހުކުމްކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ހުކުމް ތަންފީޒުކުރުމަށް އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ހުރިހާ އިޖްރާތްތަކެއް ފުރިހަމަވާ ގައިދީންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުމާމެދު ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯ ސާފު ކުރެއްވުމަށެވެ.

މި ސުވާލުގެ ޖަވާބުގައި މިނިސްޓަރ އިމްރާން ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރުމުގައި މިސަރުކާރުން ޢަމަލު ކުރާނީ ފައިތުވެދިޔަ ބައި ގަރުނުގެ ތެރޭގައިވެސް ނިމިދިޔަ ސަރުކާރުތަކުން ޢަމަލު ކުރަމުން އަންނަ މޮރިޓޯރިއަމް ދެމެހެއްޓުމަށް ކަމަށެވެ. ނިމިދޔަ ސަރުކާރުތަކުން މަރުގެ ހުކުމް ތަންފީޒު ކުރުމަށް އެކި މަރުހަލާ ތަކުގައި އެކި ގޮތަށް ވާހަކަ ދެއްކި ނަމަވެސް އެކަމަށް ޢަމަލު ކޮށްފައި ނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވޭތުވެދިޔަ ބައި ގަރުނުގައި ދިވެހި ދައުލަތުން ގެންގުޅެމުންދާ ސިޔާސަތަކީ އެކަމާއި ގުޅޭ ގޮތުން މިހާރުވެސް ޢަމަލު ކުރެވެމުން އަންނަ މޮރިޓޯރިއަމް ދެމެހެއްޓުން. މިއީ މިސަރުކާރުން އަލަށް އުފަކުރި ސިޔާސަތެއްނޫން. މިއީ ޒަމާނުއްސުރެ މިރާއްޖޭގައި ޢަމަލު ކުރަމުން އައި ގޮތް. ވޭތިވެދިޔަ ތަނުގައި އެކި ސަރުކާރުކާރު ތަކުން ސިޔާސީ ބޭނުމުގައި އެކި ފަހަރު އެކި ގޮތަށް އެކި ތަންތަނުގައި މަރުގެ ހުކުމާއި ގުޅިގެން ވާހަކަ ދައްކާފައި ވީނަމަވެސް މިމައްސަލާގައި އަމަލު ކުރާ ސިޔާސަތަށް ދެވަނަ ޖުމްހޫރިއްޔާގެ އެއްވެސް ސަރުކާރެއްގައި އެއްވެސް ބަދަލެއް ގެނެސްފައިނުވޭ.

– މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

އިމްރާން މިހެން ވިދާޅުވި ނަމަވެސް ރައީސް ޞާލިހު ވެރިކަމާއި ހަވާލުވެ 2018 ވަނަ އަހަރު ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުމާ މެދު ރާއްޖެއިން ދެކޭގޮތް އދ ގައި ހާމަކުރަމުން އދ ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބް ޑރ.އަލީ ނަސީރު ވިދާޅުވީ 2014 ވަނަ އަހަރު ވުޖޫދަށް އައި އައު ޤާނޫނުލްޢުޤޫބާތުގައި، ކަނޑައެޅޭ ވަކި ހާލަތްތަކެއްގައި އަދަބެއްގެ ގޮތުން މަރުގެ ހުކުމް ދެވޭނެކަމަށް ބަޔާންކޮށްފައިވާކަމާއި، އެހެންކަމުން އިސްލާމީ ޝަރީޢަތާ އެއްގޮތަށް އެހުކުމް ތަންފީޒުކުރަން ޖެހޭކަމަށެވެ.

އެހެންނަމަވެސް މަރުގެ ހުކުމް ތަންފީޒުކުރުމުގެ ކުރިން ވަކިފަރާތަކަށް ނުޖެހޭ، މިނިވަން، އަދި ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ލިބިފައިވާ ތަނަކަށް އަދުލު އިންސާފު ޤާއިމްކުރުމުގެ ދާއިރާ ހަދާ އެދާއިރާ މުޅީން އިސްލާހުކޮށް، ވަރުގަދަކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރާނެކަަމަށްވެސް ނަސީރު ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގެ އަދުލު އިންސާފު ޤާއިމުކުރުމުގެ ދާއިރާއަށް ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން ލިބެންދެން، ދިވެހިރާއްޖެއިން މަރުގެ ހުކުމް ތަންފީޒު ނުކުރާނެ ކަންވެސް އަލީ ނަސީރު ވިދާޅުވިއެވެ.

މަރުގެ ހުކުމް އިއްވާފައިވާ މީހުންގެ ތެރެއިން ހުރިހާ މަރުހަލާތަކެއް ނިމި ހުކުމް ތަންފީޒުކުރުމާ ހިސާބުގައި ތިބީ ތިން މީހުންނެވެ. އެއީ ޑރ. އަފްރާޝިމް އަލީގެ ގާތިލް ހ. ލޮބީ ހުސެއިން ހުމާމު އާއި 2012 ވަނަ އަހަރު ގާނޫނީ ވަކީލް އަހުމަދު ނަޖީބު މަރާލި ކަމުގެ ކުށް ސާބިތުވި މ. މަސްރޫރާ، މުއްރަތާއި، ފަރުހާދު މަރާލިކަން ސާބިތުވި، ގ. ރީފް މުހައްމަދު ނަބީލެވެ.

ދިވެހިރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުނުކުރާތާ 60 އަހަރު ވެފައިވާއިރު އެންމެ ފަހުން މަރުގެ ހުކުމް ތަންފީޒުކޮށްފައިވަނީ 1954 ގައެވެ. ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރާނެކަން ސަރުކާރުން ހާމަކޮށްފައިވާއިރު ނިހާއީ ހުކުމަކުން މަރަށް މަރު ހިފަންޖެހޭނެކަމަށް ބައެއް މީހުންގެ މައްޗަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ހުކުމްކޮށްފައިވެއެވެ. ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން އެކި ފޯރަމްތަކުގައި މަރުގެ ހުކުމް ތަންފީޒުކުރާނެކަމަށް ބުނަމުންދިޔަ ނަމަވެސް ވެރިކަމުގެ ފަސްއަހަރު ނިމިގެންދިޔައިރުވެސް އެ ހުކުމް ތަންފީޒުކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.