އައްޑޫގައި ހިނގި ސިލްސިލާ މާރަމާރީތަކެއްގައި، ފަރުވާ ދެމުންދަނިކޮށް މަރުވު 21 އަހަރުގެ ޒުވާނާގެ މަރުގެ މައްސަލާގައި 16 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފިއެވެ.
ފޭދޫގައި މިދިޔަ ބުދަ ދުވަހުގެރޭ މެންދަމުގެ ވަގުތެއްގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން މަރުވެފައިވަނީ އެއަވަށު ސޮލިޑް، މުހައްމަދު ޒަޔާން މޫސާ، 21 އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިމައްސަލައާއި ގުޅިގެން އައްޑޫ ސިޓީއިން 16 އަހަރުގެ ފިރިހެން ކުއްޖަކު ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.
މިމާރާމާރީއަކީ ދެ ގްރޫޕެއްގެ މެދުގައި ހިނގި ހަމަނުޖެހުމަކާއި ގުޅިގެންނާއި، މަސްތުވާތަކެއްޗާއި ގުޅުންހުރި މާރާމާރީއެއްކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވަނީ ރޭގައި ރަށުތެރޭގެ އަމަން ނަގާލަން އުޅުނުކަމުގެ ތުހުމަތުގައި 18 އަހަރުގެ 2 މީހަކާއި، 29 އަހަރުގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. މިދެމީހުން ހައްޔަރު ކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ.
މިމައްސަލަ ފުލުހުން ތަހުގީގް ކުރަމުންދަކަމަށް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ