ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ޚަރަދުގައި މާލޭގައި އިމާރާތްކުރި، ކިންގް ސަލްމާން މިސްކިތް ހުޅުވަން މިސަރުކާރަށް ނުކެރެނީ އެއީ ރައީސް ޔާމީން ތަރައްޤީކޮށްފައިވާ ބިނާ އަކަށް ވުމުންކަމުގައި ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކިންގް ސަލްމާން މިސްކިތް ހުޅުމަށް މިސަރުކާރުން އެންމެ ފުރަތަމަ އަމާޒު ކަނޑައެޅީ މިދިޔަ ރަމަޟާން މަހުގެ ކުރިން ހުޅުވުމަށެވެ. ނަމަވެސް ކޯވިޑް-19ގެ އާ ގުޅިގެން މިސްކިތް ހުޅުވުން ލަސްކޮށްކޮށްފައިވާ ކަމަށް ޕްލޭނިންގ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. މިސްކިތް ހުޅުވުން ލަސްކުރިގޮތަށް މިހާރު މިސްކިތް ހުޅުވާނެ ތާރީހެއްވެސް އަދި އެވާހަކަވެސް މިސަރުކާރުން ދައްކާފައި ނުވެއެވެ.
މިސްކިތް ނުހުޅުވި ލަސްވާތީ ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ޖާގަ ތަނަވަސް ބޮޑު މިސްކިތެއް އަޅައި އެތަން ނިމިފައިވާއިރު އެތަން ނުހުޅުވައި ލަސްކުރުމަކީ މިސަރުކާރުން ދީނީ ކަންކަމަށް ދޭ އަހައްމިޔަތު ހާމަވާކަމެއްކަމަށެވެ. ކޮންމެ ސަރުކާރަކުން އަޅައިދިން މިސްކިތެއް ކަމުގައި ވީނަމަވެސް އެތަން ބޭނުން ކުރެވޭގޮތަށް ހުޅުވުމަކީ ކުރަންޖެހޭ ކަމެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.
ސަރުކާރަށް މި މިސްކިތް ހުޅުވަން ނުކެރި ފަހަތަށް ޖެހެނީ މިއީ ރައީސް ޔާމީންގެ ތަރައްޤީ ފެނިގެންދާނެ މަޝްރޫޢަކަށް ވާތީކަމަށާއި، ނަމަވެސް އެހަގީގަތް ބަދަލަލެއް ނުކުރެވޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ. ސަރުކާރުން ކޯވިޑްގެ ތެރޭގައިވެސް ބޮޑު ހޭދައެއްކޮށް އެތައް ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ޕާކެއް ހުދު ރައީސުލްޖުމްހޫރިއްޔާ އިސްވެ ހުންވައިގެން ހުޅުވައި ދެއްވިއިރު މިސްކިތް ނުހުޅުވައި ލަސްކުރާ ސަބަބެއް ހާމަކޮށްދޭންޖޭކަމަށް މުއިއްޒު ވިދާޅުވިއެވެ.
ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދުގެ ހިލޭ އެހީގެ ދަށުން ބިނާކުރާ "ކިންގް ސަލްމާން" މިސްކިތުގެ މަސައްކަތް ކޮށްފައިވަނީ ތުރުކީވިލާތުގެ ޖޮއިންޓް ވެންޗަރ ކުންފުންޏެއްކަމަށްވާ އަލްކޭ-ޓަރމެކްސްއިންނެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން މިސްކިތް ބިނާކުރުމުގެ މަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ 28 ފެބްރުއަރީ 2017 ގައެވެ.

ކިންގް ސަލްމާން މިސްކިތް ފަރުމާކޮށްފައިވާ ގޮތަށް ބަލާއިރު، މި މިސްކިތުގައި ނަމާދުކުރުމަށް ޚާއްސަ ސަރަޙައްދުތަކުގެ އިތުރުން، އިސްލާމީ މަރުކަޒަކުން ލިބޭނެ ގިނަ ޚިދުމަތްތަކެއް ވަނީ ޤާއިމުކޮށްފައެވެ. އެގޮތުން މިސްކިތުގެ އެންމެ ތިރި ވުޟޫއުކުރުމަށް ޚާއްސަކޮށްފައިވާއިރު، ފުރަތަމަ ފަންގިފިލާއާއި ދެވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ ނަމާދުކުރުމަށެވެ. މި ދެ ފަންގިފިލާގައި ގާތްގަނޑަކަށް 4000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެއެވެ.
މިސްކިތުގެ 3 ވަނަ ފަންގިފިލާގައި 4 ކްލާސްރޫމާއި، 5 ސެމިނަރ ރޫމުގެ އިތުރުން އިސްލާމިކް ލައިބްރަރީއަކާއި އިދާރީ މަސައްކަތްތަކަށް ޚާއްސަ ތަނެއްވަނީ ހަދާފައެވެ. 4 ވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ އެކިއެކި ސެމިނަރތަކާއި ކޮންފަރެންސްތައް ބޭއްވުމަށް ޚާއްސަ އޮޑިޓޯރިއަމަކަށެވެ. މިއީ 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމެކެވެ. މީގެ އިތުރުން މިސްކިތުގެ 5 ވަނަ ފަންގިފިލާ ތަރައްޤީކޮށްފައިވަނީ ދީނީ ދަރުސް ދިނުމަށާއި، ނަމާދުކުރުމަށްވެސް ބޭނުންކުރެވޭނެހެން މަލްޓި-ޕަރޕަސް ހޯލެއްގެ ގޮތުގައެވެ.
ކޮމެންޓު ފޮނުވާ