ރާއްޖޭގައި %3.7 މީހުން މަރުވަނީ ހަކުރުބަލީގެ ސަބަބުން

ރާއްޖޭގައި %3.7 މީހުން މަރުވަނީ ހަކުރުބަލީގެ ސަބަބުން

Author
މުޙައްމަދު ޝަޒައިމް
14 ނޮވެމްބަރ 2020 02:16
0

ރާއްޖޭގައި %3.7 މީހުން މަރު ވަނީ ހަކުރުބަލީގެ ސަބަބުން ކަމުގައި ދުނިޔޭގެ ސިއްޙަތާ ބެހޭ ޖަމްޢިއްޔާއިން ނެރެފައިވާ ރިޕޯޓް އިން ދައްކައިފިއެވެ.

ދުނިޔޭގެ ހަކުރުބަލީގެ ދުވަހާއި ގުޅިގެން އެޗްޕީއޭއިން ނެރެފައިވާ ރިޕޯޓްގައި ވަނީ އިންޓަރނޭޝަނަލް ޑައިބެޓީސް ފެޑަރޭޝަން ގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ދުނިޔޭގެ 463 މިލިޔަން މީހުންނަކީ ހަކުރުބަލީގެ މީހުންނެވެ. މީގެ ތެރެއިން ގިނަ މީހުން ތަޙައްމަލު ކުރަމުންދަނީ "ޓައިޕް 2 ޑައިބެޓީސް" އެވެ. 2019ވަނަ އަހަރުގައި 4.2 މިލިޔަން މީހުން ހަކުރުބަލީގެ ސަބަބުން ވަނީ މަރުވެފައެވެ. ދިވެހި ރާއްޖޭގެ ޑިމަގުރަފިކް ހެލްތް ސާވޭ 2016-2017 އިން ދެއްކި ގޮތުގައި %4 އަންހެނުން އަދި 2 ފިރިހެނުން ވަނީ ހަކުރުބަލި ޖެހިފައިވާކަމަށް ރިޕޯޓް ކޮށްފައެވެ.

މީގެ ތެރެއިން %50 އަންހެނުން އަދި %40 ފިރިހެނުން ވަނީ ހަކުރުބައްޔަށް ބޭސްފަރުވާކުރާކަމަށް ރިޕޯޓްކޮށްފައެވެ. 2018 ވަނަ އަހަރުގައި ދުނިޔޭގެ ސިއްޙަތާ ބެހޭ ޖަމްޢިއްޔާއިން ނެރެފައިވާ ރިޕޯޓް އިން ދައްކާ ގޮތުގައި ރާއްޖޭގައި %3.7 މަރު ވަނީ ހަކުރުބަލީގެ ސަބަބުންނެވެ. ހަކުރުބަލީގެ ބައެއް އަލާމާތް ތަކުގެ ތެރޭގައި އަވަސް އަވަހަށް ކުޑަކަމު ދާންޖެހުން، ކަރުހިއްކާ ފެންބޮމުން، އަދަޔާޚިލާފަށް ބަޑުހައިވުން، ބަރުދަނަށް ބަދަލު އައުން އަދި ވަރުބަލިވުން ހިމެނެވެ. އެހެންކަމުން ކަސްރަތު ކުރުމާއި ޞިއްޙަތަށް ފައިދާ ހުރި ރަނގަޅުކާނާ ކެއުމާއި ދުޅަހެޔޮ މާޙައުލެއް ގާއިމު ކުރުމަކީ ހަކުރުބަލީން ރައްކާތެރި ވުމަށް އެޅިދާނެ ފިޔަވަޅު ތަކެކެވެ. މިކަން ކަމަކީ ދިރިއުޅުމުގެ ވައްޓަފާޅިޔަށް ގެންނަ ޖެހޭ ބަދަލުތަކެއް ކަމުން ހަކުރުބަލީގެ ހިރާސްތަށް ކުޑަކުރުމަށް ޢާއިލާތަކަށް އެހީތެރިވެ ދިނުމުގައި ނަރުހުން އަދި ސިއްޙީއެހީތެރިން މުހިއްމު ދައުރެއް އަދާކުރެއެވެ.

ހަކުރު ބައްޔަކީ ދުނިޔޭގެ ގިނަ ބަޔަކު ތަޙައްމަލު ކުރަން ޖެހިފައިވާ ޞިއްޙީ މައްސަލައެކެވެ. ހަކުރުބަލިހުރިކަމަށް ބެލެވެނީ މީހެއްގެ ލޭގައި ހަކުރުހުންނަންވީ ވަރަށްވުރެ އިތުރުވެފައި ހުރުމުންނެވެ.ހަކުރު ބަލީގެ ދެ ވައްތަރެއް ހުރެއެވެ، އެއީ " ޓައިޕް 1 ޑައިބެޓީސް އަދި ޓައިޕް 2 ޑައިބެޓީސް އެވެ. ޓައިޕް 1 ޑައިބެޓީސް އަކީ ހަށިގަނޑުގައި އިންސިއުލިން ބޭނުންވާ ވަރަށް ނުއުފެއްދުމުގެ ސަބަބުން ޖެހޭ ހަކުރުބައްޔެވެ. އަދި ޓައިޕް 2 ޑައިބެޓީސް އަކީ ހަށިގަނޑުގައި އިންސިއުލިން އުފެއްދިނަމަވެސް ހަށިގަނޑު މާ ބޮޑަށް ފަލަވެ، ބަރުދަން ހުންނަން ޖެހޭ ވުރެ އިތުރުވެ، ހެލިފެލިވެ އުޅުން މަދުވުމާ ގުޅިގެން، ހަށިގަނޑުން އުފައްދާ އިންސިއުލިން ބޭނުން ނުކުރެވޭތީ ޖެހޭ ހަކުރު ބައްޔެވެ.

ކޮންމެ އަހަރެއްގެވެސް 14 ނޮވެންބަރަކީ ހަކުރުބަލިން ރައްކާތެރިވެ ތިބުމަށް އާންމުން ހޭލުންތެރި ކުރުމުގެ ގޮތުން ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. އެގޮތުން އިންޓަރނޭޝަނަލް ޑައިބެޓީސް ފެޑެރޭޝަންއިން (އައި.ޑީ.އެފް) އިން އަހަރުގެ ހަކުރުބަލީގެ ދުވަހުގެ ޝިޢާރުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 1 ހަކުރުބައްޔަށް ތަފާތު ދެއްކުމުގައި ނަރުހުން" ”Diabetes:Nurses make the deference“ އެވެ. މި ޝިޢާރަކީ 2020 އަދި 2021 ގައިވެސް ބޭނުންކުރުމަށް އާއްމު ކޮށްފައިވާ ޝިޢާރެވެ. މި ޝިޢާރުގެ މަޤުޞަދަކީ ހަކުރުބަލި ޖެހިފައިވާ މީހުންނާއި އާއިލާތަކައް އެހީތެރިވެ އެއްބާރުލުން ދިނުމުގައި ނަރުހުން އަދާކުރާ އިސް ދައުރު ފާހަގަކުރަމެވެ.

މިއަހަރުގެ ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެޗްޕީއޭއިން އެކިދުވަސް ތަކަށް ބަހާލެވިގެން ޓީވީ އަދި ރޭޑިއޯ ޕްރޮގްރާމު ތަކުގައި ތަޖުރިބާކާރުން ހަކުރުބައްޔާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި 14 ނޮވެމްބަރ 2020 ވާ ހޮނިހިރު ދުވަހުގެރޭ ހަކުރުބައްޔަށް އަހުލުވެރި ކުރުމުގެ ގޮތުން ވަނީ އައިޖީއެމްއެޗް އާއި، ޑައިބެޓީސް ސޮސައިޓީ އަދި އެޗްޕީއޭ ގުޅިގެން ވެބިނާ އެއް ބޭއްވުމަށް ހަމަޖެހިފައެވެ.

މި ވެބިނާގައި މައުލޫމާތު ދެއްވާނެ ބޭފުޅުންގެ ތެރޭގައި ޑައިޓިޝަން، ނިއުޓިރިޝަނިސްޓުން، ފިޒީޝިއަނުން، ޕަބްލިކް ހެލްތް އެކްސްޕާޓުން ހިމެނޭނެއެވެ. މި ވެބިނާގައި ސުވާލުކުރުމުގެ ފުރުސަތު ވާނީ އާންމުންނަށް ހުޅުވާލެވިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.