އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގެ ކޮމިޓީ މަރުހަލާގެ މަސައްކަތްތައް ނިންމައި މިހަތްފާގެ ބުރާސްފަތި ދުވަހު ތަޅުމަށް ހުށަހެޅުމަށް އަމާޒު ހިފައިފިއެވެ.
މިއަދު ބޭއްވި ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްވަމުން ކޮމިޓީގެ މުޤައްރިރު މުހައްމަދު ނާޝިޒު ވިދާޅުވީ ބަޖެޓްގެ މަސައްކަތް ނިންމުމަށް މަޖިލިސް ރައީސް ދެއްވާފައިވާ ތާވަލާއި އެއްގޮތަށް މަސައްކަތް ނިންމުމަކީ ކޮމިޓީގެ މެމްބަރުންގެވެސް ވަރަށްބޮޑު އަމާޒަކަށް ވާންޖެހޭކަމަށެވެ. މިކަމުގައި ކޮމިޓީ މެމްބަރުންގެ ޚިލާޔަށް ހުޅުވާލުމުން ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބް އަބްދުﷲ ވިިދާޅުވީ ބަޖެޓްގެ ބަހުސް މަރުހަލާ ތަޅުމުގައި ކުރިއަށްދާއިރު ކޮމިޓީގައި ބަހުސްގައި ދެކެވޭ ވާހަކަތައް ހިމަނައިގެން ކޮމިޓީ ރިޕޯޓް ނިންމުމަކީ އެންމެ ރަނގަޅު ގޮތްކަމަށެވެ.
މިވާހަތަކަށް ތާއީދުކޮށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވީ ބުރާސްފަތި ދުވަހާއި ހަމަޔަށް ކޮމިޓީގެ މަސައްކަތް ނިންމުމަކީ ދުރު ކަމެއްކަމަށެވެ. ބަޖެޓް ތަޅުމަށްފޮނުވާއިރު، އާންމު ވިޔަވާރި ވެރިންނާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންގެ ކަންބޮޑުވުން ހުރިގޮތެއް ބަލައި އެމީހުންގެ ބައިވެރިބުން މީގައި ހިމަނަންޖެހޭ ކަމަށެވެ. އަންނަ އަހަރަކީ ތަދު އަހަރަކަށް ވާއިރު ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރާ ކުޑަ މިންވަރަކީވެސް ރައްޔިތުންގެ އަތުން ހޯދަން ޖަހާފައިވާ އަދަދުތަކަށްވާއިރު، ރައްޔިތުން ތިބި ހާލެއްވެސް އެގެންޖެހޭކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

ބަޖެޓްގެ މަސައްކަތް ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް ގެންދިއުމަށް އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވަނީ ހުށަހެޅުމެއް ހުށަހަޅުއްވައި ބުރާސްފަތި ދުވަހަށް ކޮމިޓީ ރިޕޯޓް އެކުލަވާލުމަށް ހުށަހަޅާހަޅާފައެވެ. މި ހުށަހެޅުއްވުމުގައި އޭނާ ވަނީ ކޮމިޓީގެ މަސައްކަތް އެދުވަހަށް ނުނިމިއްޖެނަމަ މުއްދަތު އިތުރު ކުރެވޭނެކަމަށްވެސް ވިދާޅުވެފައެވެ. މިހުށަހެޅުން ކޮމިޓީން ފާސްވެފައިވަނީ ކޮމިޓީގައި ބައިވެރިވި މެމްބަރުންގެ އައުލަބިއްޔަތުންނެވެ.
ބަޖެޓްގެ ބަހުސްއަށް ޖުމުލަ 21 ގަޑިއިރު ކަނޑައެޅިފައިވާއިރު ބަޖެޓް ކޮމިޓީގެ ރިޕޯޓްގެ ބަހުސްއަށް ޖުމުލަ 12 ގަޑިއިރު ކަނޑައެޅިފައިވެއެވެ. އެހެންކަމުން ބަޖެޓްގެ މުޅި ބަހުސް މަރުހަލާއަށް ގާތްގަނޑަކަށް 33 ގަޑިއިރު ހޭދަވާނެ ކަމަށް ބެލެވެއެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް މިމަހުގެ 26 ވަނަ ދުވަހު މަޖިލީހުން ފާސްކުރުމަށް މަޖިލިސް ރައީސް ވަނީ އަމާޒު ހިފާފައެވެ. އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓްގެ ގޮތުގައި މަޖިލީހަށް ހުށަހަޅާފަިއވަނީ 34,787,720,151 (ތިރީސް ހަތަރު ބިލިއަން ހަތް ސަތޭކަ އައްޑިހަ ހަތް މިލިއަން ހަތް ސަތޭކަ ވިހި ހާސް އެއް ސަތޭކަ ފަންސާސް އެއް ރުފިޔާ)ގެ ބަޖެޓެކެވެ.
ކޮމެންޓު ފޮނުވާ